އޮސްޓްރޭލިޔާ ސިފައިންގެ އެންމެގިނަ ފަޚްރުވެރި ކުލަތައް ލިބިފައިވާ ބެން ރޮބާރޓްސް ސްމިތު އެގައުމުގެ ސިފައިންނާއެކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވި ދުވަސްވަރު ހަނގުރާމައިގެ ޖަރީމާކަމުގައި ބެލެވޭ ފެންވަރުގައި އާންމު ރައްޔިތުން މަރާލާފައިވާ ކަން ފަޅާ އެރުމުން އޭނާ ހައްޔަރު ކޮށްފިއެވެ.
އޮސްޓްރޭލިޔާ ޑިފެންސް ފޯރސްގައި ކުރިން މަސައްކަތް ކޮށްފައިވާ އުމުރުން 47 އަހަރުގެ ބެން ރޮބާރޓްސް ސްމިތު ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ސިޑްނީ އެއާރޕޯރޓުން ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައި ވެއެވެ. އަދި 2009 ން 2012 ށް އަފްޣާނިސްތާނުގައި އާންމުންގެ 5 މީހަކު މަރާފައިވާ ކަމުގެ 5 ދައުވާ އޭނާގެ މައްޗަށް ތުހުމަތު ކޮށް ހުށައަޅާފައިވެއެވެ. އެއިން އެއްވެސް މީހަކު ހަނގުރާމައިގެ ހަރަކާތެއްގައި ބައިވެރިވަފައި ނުވާކަމަށް ޕޮލިސް ކޮމިޝަނަރ ކްރިސީ ބަރެޓް ދިން ޕްރެސް ކޮންފަރެންސެއްގައި ހާމަކޮށްފައިވާ ކަމަށް އެސޯޝިއޭޓެޑް ޕްރެސްއިން ބުނެފައިވެއެވެ. އޮސްޓްރޭލިޔާގެ ޑިފެންސް ފޯރސް އިން އެމީހުން އަތުލައިގެންއިރު އެމީހުން އަތުގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނެތް ކަމަށާއި އޮސްޓްރޭލިއާ ސިފައިންގެ ހައްޔަރުގައި ތިއްބާ ރޮބާރޓްސް ސްމިތު ނުވަތަ އޭނާގެ އަމުރަށް އެމީހުން ވަނީ ބަޑިޖަހާ މަރާލާފައި ކަމަށްވެސް ކޮމިޝަނަރ ހާމަކޮށްފައި ވެއެވެ. އޮސްޓްރޭލިއާގެ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ ކުށް ސާބިތު ކުރެވިއްޖެނަމަ މަރާލި ކޮންމެ މީހަކަށް އުމުރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.
އަފްޣާނިސްތާނުގައި އޭނާ ހިންގި ޖަރީމާތަކާބެހޭ ވާހަކަތައް އޮސްޓްރޭލިއާގެ މަޝްހޫރު 9 ނޫހަކުން ގެންދިޔައީ 2018 ން ފެށިގެން ޝާއިއުކުރަމުންނެވެ. އެ ނޫސްތަކުން ޝާއިއުކޮށްފައިވާ ރިޕޯރޓްތަކުގެތެރޭގައި އަފްޣާނިސްތާނުގެ ޒުވާނަކު ބަޑިޖަހާ މަރާލުމާއި އަދި އެހެން ޒުވާނަކު ބިޑިއެޅުވުމަށްފަހު ބަޑިޖަހާ މަރާލުމުގެ ކުރިން ފަރުބަދައެއްގެމަތިން ކޮށްޕާ ވައްޓާލަން ރޮބަރޓް ސްމިތު އަމުރުކޮށްފައިވާ ކަމަށް ވެއެވެ. 2020 ވަނައަހަރު ހާމަވެފައިވާ ރިޕޯރޓް ތަކެއްގައި އޮސްޓްރޭލިއާ ސިފައިން އަފްޣާނިސްތާނުގެ ހަރަކާތްތެރިވަމުންގެންދިޔަ ދުވަސްވަރު ހަނގުރާމައާ އެއްވެސް ގުޅުމެއްނެތް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހައްޔަރުކުރުމަށްފަހު މަރާލާފައިވެއެވެ. އޮސްޓްރޭލިޔާގެ ސިފައިން އަފްޣާނިސްތާނުގައި ހިންގާފައިވާ ޖަރީމާތައް ތަހްގީގު ކުރުމަށްޓަކައި 2021 ވަނަ އަހަރު ޚާއްސަ އިދާރާއެއް ވަނީ ގާއިމް ކޮށްފައެވެ. އެ އިދާރާއިން ކުރަމުން ގެންދަން ޖެހިފައިވަނީ ވަރަށްގިނަ ގޮންޖެހުންތަކެއް އެކުލެވިފައިވާ ތަހްގީގު ތަކެއްކަމާއި ވަގުތު ނަގާނެކަން އެ އިދާރާގެ ތަހްގީގުތަކާ ހަވާލުވެ ހުރި އެންމެ އިސް އޮފިސަރ ވަނީ ހާމަކޮށްފައެވެ. ޖަރީމާތައް ހިންގާފައިވާ ސަރަހައްދު ވަގުތުން ބެލިފައި ނެތުމާއި ޖަރީމާތަކާގުޅޭ ފޮޓޯއާއި އެހެނިހެން ހެކިތައްވެސް އެ ދުވަސްވަރު ހޯދިފައި ނެތުން ކަހަލަ އުދަނގޫ ހާލަތެއް ވަނީ ކުރިމަތި ވެފައިކަމަށާއި އަފްޣާނިސްތާނުގައި ތިބި އޮސްޓްރޭލިއާ ސިފައިން ހިންގާފައިވާ 53 ހަނގުރާމައިގެ ޖަރިމާ ތަހްގީގަށް ހުށައެޅި ފައިވާކަމަށްވެސް ޑިރެކްޓަރ ރޮސް ބާރނެޓް ބުނެފައި ވެއެވެ. ތަހްގީގުތައް ފުރިހަމަކުރެވި ގެންދާނީ އޮސްޓްރޭލިއާއި ބައިނަލް އަގްވާމީ ގާނޫނުތަކުގެ ހަމަޔާއި އިންސާފުގެ ދަށުންނެވެ. އަދި ކުށްވެރިން ޝަރީޢަތުގެ ކުރިމައްޗަށް ގެނެވޭނެއެވެ. އޮސްޓްރޭލިއާއިން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ އޮސްޓްރޭލިއާގެ ސްޓްރާޓީޖިކް ކެމްޕެއިނަރ ޒަކީ ހައިދަރީ ވަނީ މަރުހަބާ ކިޔާފައެވެ.
މިދިޔަ ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ކަފާލަތުގެ ދަށުން އޭނާ މިނިވަންކޮށްފައި ބެހެއްޓުމުގެ ހުއްދަ ނުދެވޭނެކަމަށް ފަނޑިޔާރުންވަނީ ނިންމާފައެވެ.
އަފްޣާނިސްތާނުގައި ރޮބާރޓް ސްމިތު ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ވާހަކަތައް އާންމުވުމާ ހަމަޔަށް އޭނާއަކީ އޮސްޓްރޭލިއާ ސިފައިންގެ ތެރޭގައި ހިމެނޭ ބަތަލެއް ކަމުގައި ފާހަގަކުރެވިގެން ގޮސްފައި ވެއެވެ. އޭނާއަކީ އޮސްޓްރޭލިއާގެ ސްޕެޝަލް އެއާރ ސަރވިސް ރެޖިމެންޓަށް ނިސްބަތްކުރެވޭ އޮފިސަރެކެވެ. 2023 ވަނައަހަރު އޮސްޓްރޭލިއާގެ ފެޑެރަލް ކޯރޓުން އޭނާއަށް މައްސަލަ ކާމިޔާބެއް ނުކުރެވުނެވެ. އަދި އޭގެ ފަހުން 2025 ވަނަ އަހަރު ހައިކޯރޓުގައި އިސްނިއުނާފްކުރަން ހުށައެޅުމުން މައްސަލަވަނީ ބޭރުކޮށްލާފައެވެ.
ރޮބާރޓް ސްމިތުގެ ގާނޫނީ ޓީމުން ވާހަކަދައްކަން ބޭނުމެއް ނުވެއެވެ.
![]()
