ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާ އެކުވެސް، އޭޕްރީލް 6 ވަނަ ދުވަހު އިޒްރޭލުން އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަށް ހަމަލާދީފިއެވެ.
މި ހަނގުރާމަ ފެށުނުތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ ސައުތު ޕާސްގައި ހުންނަ ޕެޓްރޯކެމިކަލް ވަސީލަތްތަކަށެވެ. ބިމުދާއްބަ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ފަހުން ވަނީ މި ހަމަލާތައް ދިންކަން ކަށަވަރުކޮށްފައެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނީ، އަސަލޫޔޭގައި ހުންނަ އީރާނުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ކާރުޚާނާއަށް އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށެވެ. މި ތަނަކީ އީރާނުގެ ޕެޓްރޯކެމިކަލް އުފެއްދުންތަކުގެ ގާތްގަނޑަކަށް 50 އިންސައްތަ ހިއްސާކުރާ މައިގަނޑު މަރުކަޒެކެވެ.
ކާޓްޒް ބުނި ގޮތުގައި، މިދިޔަ ހަފުތާގައި ދިން ހަމަލާއާއި މި ހަމަލާއާއެކު، އީރާނުގެ ޕެޓްރޯކެމިކަލް އެކްސްޕޯޓްގެ 85 އިންސައްތަ ހިއްސާކުރާ ދެ ކާރުޚާނާ ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައެވެ. ”މިއީ އީރާނުގެ ރެޖީމަށް އިގްތިސާދީ ގޮތުން ލިބުނު ދިހަވަރަކަށް ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް،“ އޭނާ އިތުރަށް ބުންޏެވެ. މީގެ އިތުރުން، ކާޓްޒް ތުހުމަތުކުރި ގޮތުގައި ޕެޓްރޯކެމިކަލް ސިނާއަތަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އާއި އަސްކަރީ ކަންކަމަށް ފައިސާ ހޯދާ މައިގަނޑު ވަސީލަތެވެ. އޭނާ ބުނީ އީރާނުގެ ”ޓެރަރިސްޓް ރެޖީމް“ ގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުން ކުރިއަށް ގެންދިއުމަށް ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ސައުތު ޕާސްގެ ހަމަލާއަށްފަހު މަރުވްދަޝްތު ޕެޓްރޯކެމިކަލް ކޮމްޕްލެކްސްއަށް ވެސް ހަމަލާދީފައިވެއެވެ. ފާސް ނިއުސް އެޖެންސީން ބުނީ މިއީ ”އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންގެ“ ހަމަލާއެއް ކަމަށެވެ.
މި ހަމަލާތައް ދީފައިވަނީ ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ 48 ގަޑިއިރުގެ އިންޒާރެއް ދީފައިވަނިކޮށެވެ. ދައްޖާލަށް ސައިކުރާ ކައްކަދޭ ޓްރަމްޕް އޭނާގެ ’ޓްރުތު ސޯޝަލް‘ ގައި ލިޔެފައިވެއެވެ: ”ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނުވަތަ އެއްބަސްވުމަކަށް އައުމަށް ދިން 10 ދުވަހުގެ މުހުލަތު ހަމަވަނީ. 48 ގަޑިއިރު ތެރޭގައި އެމީހުންގެ މައްޗަށް ނަރަކަ އޮހިގަންނާނެ.“
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިން ބުނި ގޮތުގައި، އީރާނުން ވަނީ އެމެރިކާގެ ހުށަހެޅުމަށް ޖަވާބުދީފައެވެ. އީރާނުން ވަނީ ވަގުތީ ސީޒްފަޔަރެއް ގަބޫލުކުރުމުގެ ބަދަލުގައި، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޝަރުތުކޮށްފައެވެ.
ވައިޓް ހައުސްގެ އީސްޓާ އެގް ހަންޓް ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ބުނީ އީރާނުގެ ހުށަހެޅުމަކީ ”މުހިންމު ފިޔަވަޅެއް“ ނަމަވެސް އެއީ އަދި ފުދޭވަރުގެ ހުށަހެޅުމެއް ނޫން ކަމަށެވެ. އަދި އޭޕްރީލް 7 ގެ މުހުލަތަކީ އެންމެ ފަހުގެ މުހުލަތު ކަމަށްވެސް އޭނާ އިތުރަށް ބުންޏެވެ.
އީރާނުގެ އިގްތިސާދީ މަރުކަޒުތަކަށް ބިމުދާއްބަ ދިން މި ހަމަލާތަކަކީ މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅުމަށް ދިން ހަމަލާތަކެކެވެ. އީރާނުން ކުރިންވެސް ވަނީ އެ ގައުމުގެ މިފަދަ މަރުކަޒުތަކަށް ހަމަލާދީފިނަމަ ހަމަ އެފަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
Zero Degree Channel
![]()
