އެމެރިކާގެ ވެރިކަމުގައި ހުރި ނުބައި ނުލަފާ ޓްރަމްޕް އީރާނަށް އާދަޔާއި ޚިލާފް ޙަމަލާ ތަކެއް މިރޭ ދޭނެ ކަމުގެ އިންޒާރު އަންނަނީ ދެމުންނެވެ.
މި ދޮގުވެރިޔާގެ ބަސް ތެދު ކަމުގައިވަނީނަމަ މިރެޔަކީ އީރާނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ނުރައްކާތެރިކަން ބޮޑު ރެޔަކަށް ވެދާނެއެވެ. އޭނާ ދީފައިވާ ބައެއް އިންޒާރު ތަކުގައި ވަނީ އީރާނުގެ އިންޖީނުގެ ތަކާއި ބްރިޖް ތަކާއި މަދަނީ ތަންތަނަށް މާވަރުގަދަ ޙަމަލަ ތަކެއް ދޭނެ ކަމުގައެވެ. މުޅި އީރާން އެއްކޮށް ފަނާ ކޮށްލާނެ ކަމުގައިވެސް މީނާ އެބަ ބުނެއެވެ. މިހާރުވެސް އެމެރިކާ / އިޒްރޭލުން އީރާނުގެ އެކި އެކި ސަރަޙައްދު ތަކަށް ވަރުގަދަ ޙަމަލަ ތަކެއް އެބަ ދޭ ކަމުގައި ޚަބަރު ލިބެއެވެ.
މިހުރިހައި ބިރު ދެއްކުން ތަކެއްގެ ކުރިމަތީގައިވެސް އީރާނުގެ ވެރިންނާއި ރައްޔިތުން ތިބީ މާބޮޑު ހާސްކަމެއްނެތި ވަރަށް ހަމަޖެހިގެން ކަން ފާހަގަ ކުރެވެއެވެ. އެންމެ ފަހު މީހާޔަށްދާންދެންވެސް އެމީހުންގެ ވަޒަން ދިފާޢު ކުރުމުގެ ޢަޒުމުގައެވެ. މިއީ ލޮބުވެތި ޣައްޒާ ގެ އަހުލުވެރިން ފިޔަވައި ، މިއިން ޒަމާނެއްގައި ދުނިޔޭގެ އެއްވެސް ބައެއްގެ ކިބައިން ފެނުނުފަދަ ކަމެއް ނޫނެވެ. މިއީ ވަރުގަދަ އީމާނާއި ، ތަޥައްކުލާއި ، އިސްލާމީ ހިތްވަރު ގަދަކަން ނޫން ދެން އެހެން ކޮން ކަމެއް ހެއްޔެވެ؟
ދުނިޔޭގައި ތިބި އެންމެ ނުބައި ނުލަފާ ޖައްބާރު މީހުން ، އަދި އެބަޔަކީ މުސްލިމުންގެ އެންމެ ބޮޑު ޢަދުއްވުން ކަމުގައި ސީދާ ޤުރުއާނުގެ ސާފު ބަސްފުޅުން އެނގެންއޮތް ޔަހޫދީ ކާފަރުންގެ ކުރިމަތީގައި ނިކަމެތިވެ ނުގަނެ ، އެމީހުންނާއި ވަރުގަދަޔަށް ހަނގުރާމަ ކޮށް ، އިސްލާމީ އުންމަތުގެ ކަރާމަތާއި ޢިއްޒަތުގެ ދިދަ އުފުލާލި އީރާނުގެ ހިތްވަރުގަދަ މުސްލިމުންނަށްޓަކައި ހެޔޮ ދުޢާ ކުރުމަކީ ދެންތިބިހައި އިސްލާމުންނަށް ކުރަން ނުޖެހޭ ކަމެއް ބާވައެވެ؟
ވީމާ ، މިރޭ ވަކިން ޚާއްޞަކޮށް ދުޢާ ކުރަމާތޯއެވެ؟
އިރާނުގެ މުސްލިމުން އަނިޔާވެރިންގެ ޙަމަލާތަކުން ސަލާމަތް ކުރައްވައި ، މި ނުރައްކާތެރި އަނިޔާގެ ވިލާގަނޑު އިސްލާމީ އުންމަތުގެ މަތިން ހާވިޔާ ކުރައްވައި ، ޙަރުބީ ކާފަރު ދުޝްމަނުން ބަލި ކުރައްވައި ، މުސްލިމުންގެ ތެރެއިން އެމީހުންނާއި އެއްބައިވި ޣަދަރުވެރިންނަށް ހެޔޮ ވިސްނުން ދެއްވައި ، ނުވަތަ އެގޮތް މިންވަރުފުޅުގައި ނެތަމަ އެމީހުންގެ ބާރު މުލުން ލުހެ ލައްވައި ، ނަޞްރާއި ކާމިޔާބުގެ ފަތިހެއް އިސްލާމީ އުންމަތަށް ދައްކަވާނދޭވެ!
އާމީން.
ލިޔުއްވީ: ޑރ. މަޢުރޫފް ޙުސައިން
![]()
