ބަންގްލަދޭޝްގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާތީ، ބަލިން ރައްކާތެރިވުމަށް އެއް މިލިޔަނަށްވުރެ ގިނަ ކުޑަކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ވެކްސިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ. މި ބަލީގައި މިހައިތަނަށް 100މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު،މީގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ބަންގްލާދޭޝްގައި އެންމެ ބޮޑަށް ހިމަބިހި ފެތުރިގެންދާ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އާދީއްތަ ދުވަހު ފެށި ވެކްސިނޭޝަން ކެމްޕޭން އަކީ ބަންގްލަދޭޝްގެ ޞިއްޙީ ވުޒާރާއި، އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ވެކްސިނާ ބެހޭ ޖަމުޢިއްޔާ، ގެވީ ގުޅިގެން ކުރިއަށްގެންދާ ކެމްޕޭން އެކެވެ. ކެމްޕޭން ފަށާފައިވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު 18 ޑިސްޓްރިކްޓެއްގައެވެ. މި ކެމްޕޭންގައި އެންމެ އިސްކަމެއް ދެނީ އުމުރުން ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހައިދިނުމަށެވެ. ޚާއްޞަކޮށް، ޤަވާޢިދުން ދޭ ވެކްސިން ފުރިހަމަކޮށްފައިނުވާ ކުދިންނަށް ބަލީގެ ނުރައްކާ ބޮޑުކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަ ކޮށްފައިވާތީ އެފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ބަންގްލާދޭޝްގައި މިފަހަރު ހިމަބިހި ފެތުރެން ފެށިކަން ފާހަގަ ކުރެވިފައިވަނީ މާރޗް 15 ދުވަހާ ހިސާބުގައެވެ. އެދުވަހުން ފެށިގެން 7،500އެއްހާ ކުދިންނާ މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ބެލެވޭއިރު މީގެ ތެރެއިން 900އެއްހާކޭސް ވަނީ މިހާތަނަށް ޔަގީން ކުރެވިފައެވެ.
2025 ވަނަ އަހަރު، މުޅި އަހަރުތެރޭވެސް ބަންގްލާދޭޝްގައި ރިޕޯޓް ކުރެވުނީ 125އެއްހާ ކޭސް ކަމަށް ވެއެވެ.
ބަންގްލާދޭޝް އަކީ މިފަދަ ބަލި ތަކާ ދެކޮޅަށް ކުދަކުދިންނަށް ވެކްސިން ދެމުން އަންނަ ގައުމެއް ނަމަވެސް ، އެފަދަ ވެކްސިނޭޝަން ޕްރޮގްރާމްތައް، ކޮންމެވެސް ސަބަބަކާހެދި މެދުކަނޑާލެވިފައިވާ ކަން ހާމަވެ، ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ޔުނިސެފުން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރަނާ ފްލާވަރސް ވިދާޅުވީ، ހިމަބިހި ޖެހޭ ކުދިންގެ އަދަދު ކުއްލިއަކަށް އިތުރުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި، މީގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ނިޒާމުގައި ހުރި ބޮޑެތި ”ބާގަނޑު“ ތަކެއް ހާމަވެގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ.
ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެފައިވާއިރު، ހަސްފަތާލުތައް ތޮއްޖެހި، ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޑަބްލިޔުއެޗްއޯގެ މަންދޫބު ޑރ އަޙްމަދު ޖަމްޝީދު މުޙައްމަދު ވިދާޅުވީ، މި ބަލި ޖެހިފައިވާ މީހުން 56 ޑިސްޓްރިކްޓަކުން ދެނެގަނެވިފައިވީ ނަމަވެސް، ވެކްސިން ކެމްޕޭނާ އެކު ބަލި ފެތުރުން ކޮންޓުރޯލު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމުގައެވެ. މިފަހަރުގެ ވެކްސިނޭޝަން ކެމްޕޭނަކީ، ޢާންމުކޮށް ވެކްސިން ޖަހައިދިނުމަށް ހިންގަމުންދާ މަސައްކަތުގެ ބޭރުން ފަށާފައިވާ ޚާއްޞަ ކެމްޕޭނެކެވެ.
ބަންގްލޭދޭޝްގައި 170 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ އިރު ކުދިން އުފަންވާތާ 9 މަހުގައި ގަވާއިދުން މީސްލްސް ވެކްސިން ދެމުން އަންނަ ކަމަށް ވެއެވެ.
މިފަހަރު ބަލި ޖެހުނު ކުޑަކުދިންގެ ތިންބައިކުޅަ އެއްބައި ކުދިންނަކީ 9 މަހުން ދަށުގެ ކުދިން ކަމަށް ހެލްތު ޑިޕާޓްމަންޓްގެ އޮފިޝަލުން ފާހަގަ ކުރެއެވެ.މިހާ ތުއްތު ކުދިންނަށް ބަލިޖެހެމުން ދާތީ ޔުނިސެފްގެ އޮފިޝަލުންވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
![]()
