ހަނގުރާމަ ހުއްޓާލަން އީރާނުން އެމެރިކާއެކު އެއްބަސްވުމަކަށް އަންނާކަށް ނުޖެހޭ: ޓްރަމްޕް

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގާ އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދިނުމުގެ ސަބަބުން އެމެރިކާގެ ބައިވެރިންނަށް ލިބެމުންދާ ގެއްލުންތައް ބޮޑުވެ ސަރަހައްދު ވެއްޓެމުންދާ ހަނގުރާމައި ވަޅުގަނޑުގެ އަނދިރިކަން ބޮޑުވަމުންދާތީ އީރާނުން ބެލެސްޓިކް މިސައިލާ ޑްރޯން އުފެއްދުން ވަގުތުން ހުއްޓާލަން އެމެރިކާގެ ޚާރިޖީ ވަޒީރު އަމުރުކޮށްފިއެވެ. އަދި މި އަމުރަށް ކިޔަމަން ނުވެއްޖެނަމަ އެމެރިކާއިން އީރާނާ ދޭތެރޭ ފައިސަލާ ކުރަނިވި ހަމަލާތަކެއް ދޭނެކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރަކީވެސް ރައީސް ޓްރަމްޕްއެކޭ އެއްފަދައިން ދެއުޅި އެއްނުވާ ވާހަކަ ދައްކާ މީހެއްތޯ ބައެއް މީޑިއާތަކުން ސުވާލު ކުރަމުންވެސް އެބަ ގެންދެއެވެ.


ރަޝިޔާއިން އީރާނަށް އެމެރިކާ މިލިޓްރީގެ ހަރަކާތްތައް ހިނގަމުންދާ ގޮތުގެ ސިއްރު މައުލޫމާތު ފޯރުކޮށްދެމުން ގެންދާކަމަށް މީގެކުރިން ވަނީ ތުހުމަތު ކުރެވިފައެވެ. އެހެންނަމަވެސް އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނުގެ ލަޝްކަރުތަކާ ގުޅުމަށް ޗެޗްނިޔާގެ އެއްލައްކަ ސިފައިންގެ ފައުޖެއް ރަޝިޔާއިން ފޮނުވައިފިކަމަށާއި އީރާނަށް ދިމާވާ ކޮންމެ އުދަނގޫ ދަނޑިވަޅެއްގައި ރަޝިޔާއިން އީރާނާއެކު ދެމިތިބޭނެކަން ރައީސް ޕޫޓިން ކަށަވަރުކޮށްދެއްވާފައިވާކަންވެސް މީޑިއާތަކުން ހާމަކޮށްފިއެވެ.
އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރައިގަތުމުގެ އިންތިޒާމުތައް ކުރަމުންގެންދާއިރު ކުއްލިއަށް ރައީސް ޓްރަމްޕްގެ ވިސްނުން ބަދަލުވެ އީރާނަށް އެއްގަމުމަގުން އަރަން ގަސްދު ނުކުރާކަމަށް ވިދާޅުވެއްޖެއެވެ. މިއައި ކުއްލި ބަދަލަކީ އީރާން ކައިރީގައި ޗައިނާގެ ޖާސޫސީ އުޅަނދުތަކުން ހަރަކާތްތެރިވަމުންގެންދާކަން ހާމަވުމުންކަން ވަނީ އެނގިފައެވެ. ޗައިނާގެ ޖާސޫސީ އުޅަނދު ތަކުގެ ތެރޭގައި ކަނޑުގެ ތަހްލީލުތައް ކުރަމުންގެންދާ އޯޝަން -1 ވެސް ހިމެނޭކަމަށްވެއެވެ. އޯޝަން-1 ހަރަކާތްތެރިވަމުން ގެންދަނީ އީރާނަށް ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދޭ ރިމޯޓް ސެންސަރެއްގެ ގޮތުގަކަން ވެސް އެނގިފައި ވެއެވެ. ޗައިނާގެ އޯޝަން-1 އިންގެންދަނީ އެމެރިކާގެ މިލިޓްރީ ހުރިހާ ހަރަކާތެއް އީރާނުގެ އިންގިލާބީ ލަޝްކަރުގެ މައި މަރިކަޒަށް ރިއަލް ޓައިމްގައި ފޯރުކޮށްދެމުންނެވެ. މި ހާލަތުގައި އެއްގަމު މަގުން އަރާގަތުމަކީ ވަރަށް ނުރައްކާތެރިކަމަށްވެފައި ކުރިމަތިލާން ޖެހިދާނެ ގެއްލުން އަންދާޒާ ވެސް ނުކުރޭނެކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވެއެވެ.
ހަނގުރާމައިގެ ޚަބަރުތައް ތަފާތު މީޑިއާތަކުން ތަމްސީލުކުރަމުންދާގޮތުން ހަގީގަތް އޮންނަނީ އޮޅުވާލާފައެވެ. އިއްޔެ މީޑިއާތަކުގެ ފަލަ ޚަބަރެއްގެ ތޮގުގައި އެމް އެސް ނައު ( އެމެރިކާގެ ކުރީގެ ކޭބަލް ނިއުސް ޗެނަލް އެމް އެސް އެން ބީ ސީ ) އިން ހާމަކޮށްފައިވާ ޚަބަރު ފާހަގަކުރެވެއެވެ. ޚޮރްމުޒް ކަނޑުއޮޅި ހުޅުވަން މަސައްކަތް ކުރުމަކާ ނުލައި ހަނގުރާމަ ނިންމާލުމަށާއި އެމެރިކާ ބައިވެރިން ޚޮރްމުޒް ކަނޑުއޮޅިން ތެޔޮ ނަގާށޭ ވިދާޅުވެ ހަނގުރާމައިން ފެޔަށް ޖެހި ވަޑައިގަތުމުގެ ވިސްނުންފުޅެއް ރައީސް ޓްރަމްޕް މިހާރު ގެންގުޅުއްވާކަމަށް ވޯލްސްޓްރީޓް ޖާރނަލް އަށް ހަވާލީދީ އެ ނޫހުން ބުނެފައިވެއެވެ. އެމެރިކާއާއި މަޝްވަރާކުރުމަކާ ނުލައި އިސްރާއިލުން އީރާނުގެ ބައެއް ޚާއްސަ ތަންތަނަށް ހަމަލާ ދިނުމުގެ ސަބަބުން ރައީސް ޓްރަމްޕް ހުންނެވީ ރަތަށް އަރާފައެވެ. އަދި މިޑްޓާރމް އިންތިޚާބުގައި ނުރަނގަޅު ނަތީޖާއަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފާނެ ކަމުގެ ބިރު އޮތުމާއެކެ ގަސްދުގައި އިސްރާއީލާ ދުރަށް ޖެހެން ފަށްޓަވައިފިކަންވެސް އެ މަނިކުފާނުގެ ވާހަކަފުޅުތަކުގައި ހާމަކުރައްވަން ފަށްޓަވައިފިއެވެ. ދުވާލަކު 8 ފަހަރު އިސްރާއީލުގެ އާންމު ރައްޔަތުން ރައްކާތެރިކަން ހޯދަން ބިންގަރާސްތަކަށް ވަންނަން އޮތީ މަޖުބޫރު ވެފައެވެ. އެހެންނަމަވެސް އީރާނު ބަލިކުރުމަކާނުލައި ހަނގުރާމަ ހުއްޓާލައިގެން ނުވާނެކަމަށް ގަލްފުގެ ބައެއް ގައުމުތަކުން ރައީސް ޓްރަމްޕަށް ފިއްތުން ކުރިމަތިކުރަމުން ގެންދާކަމަށްވެސް މީޑިއާ ތަކުން ބުނެފައިވެއެވެ.
އެމެރިކާގެ އެއާރކްރާފްޓް ކެރިއަރަށް އީރާނުން ދިންކަމަށް ބުނެފައިވާ ހަމަލާއާ ދޭތެރޭ މިހާތަނަށް އެމެރިކާއިން ހަމަހިމޭނުން އޮތުމަށްފަހު މިއާމީގައި ބޭއްވުނު އެއްވުމެއްގައި އީރާނުގެ ހަމަލާއަކީ ތެދެއް ކަމަށާއި އެ އުޅަނދުގެ ފަޅުވެރިންވެސް ފުރާނައަށް ބިރުން ދުވަންޖެހުނުކަން ރައީސް ޓްރަމްޕް ހާމަކުރައްވާފައިވާކަން ސީ އެން އެން ގެ ނިއުސް 18 ގައި ވަނީ ބުނެފައެވެ.
އީރާނުގެ ޔުނިވަރސިޓީއަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން މިއަދު ހަވީރު 8 ގެ ފަހުން މެދުއިރުމަތީގައި ހުރި މައިކްރޯސޯފްޓާއި ގޫގުލްސް އިންޓެލް، އައި ބީ އެމް އާއި ބޯއިންގ އަދި ޓެލްސާ ގޮއްވާލާނެކަމަށް އީރާނުންވަނީ އިންޒާރު ދީފައެވެ. އޭގެ އިތުރުން ފާހަގަކުރެވޭ އެހެން 18 ޓެކް ކޯރޕަރޭޝަން އަށްވެސް ހަމަލާދޭނެކަށް އީރާނުގެ އިންޒާރުގައި ބުނެފައި ވެއެވެ.
ތަޖްރިބާކާރުންގެ އޮޕީނިއަންގައި އީރާނުން ހަނގުރާމައިގެ މައިދާނުގައި ގަދަޔަށް ފައިވިއްދާކަށް ބޭނުމެއް ނުވެއެވެ. އީރާނުން ބޭނުންވަނީ އެމެރިކާއާއި އިސްރާއީލުގެ ހަކަތަ ނައްތާލުމެވެ. 28 ދުވަހުގެ ތެރޭގައި 83 ފަހަރު ދިން ހަމަލާތަކުގައި އިސްރާއީލުގެ ބޮޑެތި ތެޔޮ ކާރުޚާނާތައް ގޮއްވާލައިފިއެވެ. އެތަންތަން ރޯވެ އަނދަމުންދާ މަންޒަރު ސިއްރެއް ނުކުރެވުނެވެ. ހަމަލާތައް ހުއްޓުމުގެ ގާބިލުކަން ލިބިފައިވާ އިންޓަރސެޕްޓަރތައް ނައްތާލައިފިއެވެ. އީރާނުގެ ހަމަލާތައް ހުއްޓުވުމުގެ ބާރު ނެތިކޮށްލައިފިއެވެ. ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތައް ކާމިޔާބު ކަމާއެކު ކުރިއަށް ދާ ކަމަށް އެމެރިކާއިން ބުނަމުންދާއިރު އީރާނުން ބުނަމުންގެންދަނީ އެމެރިކާއާއެކު ދައްކާނެ ވާހައެއް ނެތްކަމަށެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ވިކްޓޯފްގެ މެސެޖްތަކެއް އެބަ ލިބިވަޑައިގަންނަވާކަމަށާއި އެކަމަކު އެއީ މަޝްވަރާއެއް ކުރެވެނީކަމަށް ނުބެލެވޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އަލްޖަޒީރާއަށް ވިދާޅުވެފައިވެއެވެ.
ރޮއިޓާރސްގެ ބައެއް ޚަބަރުތަކަށް ބަލާއިރު މިރޭ އީސްޓާރން ޑޭލައިޓް ޓައިމުން 9 ޖަހާއިރު އީރާން ހަނގުރާމައިގެ އެންމެފަހުގެ މައުލޫމާތު އެމެރިކާގެ ރައްޔިތުންނަށް އޮޅުންފިލުވާ ދިނުމަށްޓަކައި ރައީސް ޓްރަމްޕް ގައުމާ މުޚާތަބް ކުރައްވާނެއެވެ. ދެތިން ހަފުތާއެއްގެ ތެރޭގައި އީރާން ހަނގުރާމައިން އެމެރިކާ އެކަހެރިވާނެ ކަން ދޭހަވާ މޭރުމަކުން އިއްޔެ ވައިޓްހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން “ އެޕިކް ފިއުރީ “ ގެ ނަންދީފައިވާ ހަނގުރާމައިގާ ރަނގަޅު ހައްލަކަށް އުންމީދުކުރެވޭތޯ ރިޕޯރޓަރުން ދެންނެވި ސުވާލުގެ ޖަވާބުގައި އުންމީދެއް ނުކުރެވޭ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. މީގެކުރިން އެމެރިކާއިން ހުށައަޅާފައިވާ 15 ޕޮއިންޓުގެ އެއްބަސްވުމަށް އީރާނުން އެއްބަސްނުވެއްޖެނަމަ އެމެރިކާގެ ހަމަލާތަށް ވަރުގަދަކުރާނެ ކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވާފައިވީ ނަމަވެސް އިއްޔެ ވިދާޅުވެފައިވަނީ އީރާނުން އަހަރެންނާއެކު އެއްބަސްވުމަކަށް އަންނާކަށް ނުޖެހެއެވެ. އެމެރިކާ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ގަބޫލުކުރާގޮތުގައިވެސް އެމެރިކާއިން އީރާނުގެ ހަނގުރާމައާގެން ކުރިއަށްދާން މިހާރު ބޭނުމެއް ނުވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އެމރިކާއަށް އެންމެ ބޮޑަށް ބޭނުން ޖެހުނު ވަގުތު ނޭޓޯގެ މެމްބަރު ގައުމުތަކުން އަދި ވަކިން ޚާއްސަކޮށް އިނގިރޭސި ވިލާތުން އެމެރިކާއާއި ބައިވެރިނުވުން ފާހަގަކުރައްވައި ރައީސް ޓްރަމްޕް ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކުރައްވާފައި ކަމަށްވެސް ރޮއިޓާރސް އިން ބުނެފައި ވެއެވެ.
ރައީސް ޓްރަމްޕްގެ މި އިޝާރާތާއި އިސްރާއީލުން އީރާނަށް ދެމުން ގެންދާ ބައެއް ހަމަލާތަކުގެ ކުރިން އެމެރިކާއަށް މައުލޫމާތު ނުދިނުމުގެ ސަބަބުން އިސްރާއީލާއެކު އުފެދިފައިވާކަމަށް ބުނެވޭ ނުތަނަވަސްކަމުގެ އަލީގައި ޚިޔާލު ފާޅުކުރައްވަމުން ގެންދަވާ ބައެއް ތަޖްރިބާކާރު މިލިޓްރީ އެނަލިސްޓުންގެ ނަޒަރުގައި ހަނގުރާމަ ވަކި ހިސާބަކަށް ދިއުމުން އިސްރާއީލުން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރާކަށްވެސް ފަހަތަށް ނުޖެހޭނެއެވެ. އިސްރާއިލަކީ އިންސާނުންނަށް ކޮންމެ ފަދަ އަނިޔާއެއްވެސް ދީފާނެ ގައުމެއްކަން ކައިރި މާޒީންވެސް ކަށަވަރު ކުރެއެވެ.
ހަނގުރާމަ ހުއްޓާލާފާނެ ކަމުގެ އިޝާރާތެއް ރައީސް ޓްރަމްޕް ދެއްވުމާއި އީރާނުގެ ރައީސް ވެސް އެފަދަ އިޝާރާތެއް ދެއްވުމާގުޅިގެން ދުނިޔޭގެ ބާޒާރަށް ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެކަމުގައި ބެލެވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް