މިއަދު މުއްސަނދި މިލިއަނަރަކަށް ވެފައިވާ އަހަރެންގެ ފިރިހެން ދަރިފުޅު ޑޭވިޑް އަހަރެންގެ މަދު އަންނައުނު ކޮޅު ގާބޭގް ބޭގް އަކަށް އަޅައިގެން ގެންގޮސް ރަށުގައި ހުރި އެންމެ އަގުހެޔޮ ނަރސިންގ ހޯމް އަށް ލިއެވެ.
ދަރިފުޅު ޑޭވިޑް މޮޅު ކުއްޖަކަށް ހަދާ އޭނާޔަށް ކާމިޔާބް ހަޔާތެއް ހޯދާދިނުމަށްޓަކާ އަހަރެން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރީމެވެ. މީހުންގެ ގެތައް ސާފުކޮށްދީ ކައްކާ ދެންވެސް ޖެހުނު ހުރިހާ މަސައްކަތެކެވެ. ވަރަށް ގިނަރޭރޭ ދަންވެގެން ދާއިރުވެސް އަހަރެން އޮންނަނީ ދެއަތް އޯމޯ ފެނަށް ލައިގެން ތަޅުންގަޑުމަތީ ކަކޫ ޖަހައިގެން ތަންތަން ސާފުކުރުމުގެ މަސައްކަތުގައެވެ. އެއީވެސް ގޭގަ ދަރިފުޅަށް ބޭނުންވާ ކަންކަން ކޮށް ދިނުމަށް ފަހުއެވެ.
އަހަރެން އެހާ ބުރަކޮން މަސައްކަތް ކުރީ ޑޭވިޑް މެޑިކަލް ސްކޫލް އަށް ފޮނުވާ މޮޅު ޑޮކްޓަރަކަށް ހެދުމަށެވެ.އޭނަ އެރޮގުން ކިޔަވާ ނިމި، މޮޅު ޕްލާސްޓިކް ސަރޖަން އަކަށްވިއެވެ. އަދި ސުޕަރ މޮޑެލް އަކާއި ކައިވެނި ކުރިއެވެ. އެއަށްފަހު އެދެމަފިރިން އުޅެމުން އައީ 10 ކޮޓަރި ލާފައިވާ ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއްގައެވެ. އޭނާޔަށްޓަކާ އަހަރެން ވަރަށް ފަހުރުވެރިވީމެވެ.
މިދިޔަ އަހަރު އަހަރެންނަށް މައިލްޑް ސްޓްރޯކް އެއް ޖެހުނެވެ. އެއަށްފަހު ސިޑިން މައްޗަށް އަރަން އަހަރެންނަށް އުނދަގޫވިއެވެ.
އަހަރެން ބަލިން ރަގަޅު ވެލަންދެން އޭނަގެ ގޭގެ ގެސްޓް ރޫމެއްގައި ނަމަވެސް މަޑުކޮށްލެވިދާނެތޯ އަހަރެން ދަރިފުޅު ކުރެން އަހާލީމެވެ. އެވަގުތު ޑޭވިޑްގެ އަންހެނުން އެކަމާ ދެކޮޅު ހެދިއެވެ. އަދި އަހަރެންގެ ގައިން ނުބައިވަސް ދުވާ ކަމަށާ އަހަރެން ގެންގޮއްސި ނަމަ ގޭތެރޭގެ ވައި ނުބައިވެ، ނެގެޓިވް އެނަރޖީ ފެތުރޭނެ ކަމަށް ބުންޏެވެ.އެހެން ނޫނަސް ގެއަށް އައިސް އުޅޭނީ ހުސް މުއްސަނދި ތަނަވަސް މީހުން ކަމަށާ އެއީ އަހަރެންގެ ފެންވަރެއް ނޫން ކަމަށް ބުންޏެވެ.
އަހަރެންގެ ދިފާއުގަ ޑޭވިޑް އެއްޗެއް ބުނާނެ ކަމަށް އަހަރެން ހީކުރީމެވެ.ނަމަވެސް އޭނާ އެކައްޗެއްވެސް ނުބުންޏެވެ. ޑަސްބިން ކޮތަޅެއް ހިފައިގެން އައިސް އަހަރެން މަދު އަންނައުނު ކޮޅު އެޔަށް އަޅައިގެން ގެންގޮސް ސަރުކާރުން ހިންގާ، ދަށް ފެންވަރުގެ ނަރސިންގ ހޯމް އަކަށް އަހަރެން ލިއެވެ.އެތަނަށް ވަންނަ އިރުވެސް ލިބެނީ މާޔޫސް ކަމުގެ އިހުސާސެކެވެ. މުޅި ތަނުން ދުވަނީ އަގުހެޔޮ ބްލީޗެއްގެ ވަހެވެ.
އަހަރެން އެތަނަށް ދޫކޮށްލާފަ ދިއުމުގެ ކުރިން ޑޭވިޑް އަހަރެންގެ މޫނުމައްޗަށް ކަރުދާސްތަކެއް ދިއްކުރުމަށްފަހު ބުންޏެވެ. މަންމަގެ ގެ އަހަރެންނަށް ދިނީކަމަށް މިލިއުންތަކުގައި ސޮއި ކުރާށެވެ.ގެތަޅާލުމަށްފަހު އެތަނުގައި އަހަރެން ޓެނިސްކޯޓެއް އަޅަން ބޭނުމެވެ.
އަހަރެންގެ ހިތް އެވަގުތު އެތައް މިލިއަން އެތިކޮޅު ތަކަށް ކުދިކުދި ވިއެވެ. ނަމަވެސް ތުރުތުރު އަޅާ އަތަކުން އަހަރެން އެލިއުންތަކުގައި ސޮއި ކުރީމެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނައިން ޑޭވިޑް އަކަށް އަސަރެއް ނުކުރިއެވެ. އަތުގައި އޮތް އަގުބޮޑު ރޮލެކްސް ގަޑިއަށް ބަލާލުމަށްފަހު އަވަސް އަވަހަށް އެތަނުން ހިނގައްޖެއެވެ.އަހަރެންގެ ގައިގައި ބައްދާވެސް ނުލާތާ އަހަރެންނާ ދިމާލަށް އެނބުރި ބަލާވެސް ނުލިއެވެ.
ނަރސިންގ ހޯމް ގައި އެއްއަހަރު އަހަރެން އިންއިރުވެސް އެންމެ ފަހަރަކުވެސް ޑޭވިޑް އަހަރެން ދެކޭކަށް ނާދެއެވެ. ފޯނުވެސް ކޮށް ނުލައެވެ.އަހަރެންގެ އުފަންދުވަހު ވެސް އޭނާގެ ކޯލް އަކަށް ނަމަވެސް އަހަރެން އިންތިޒާރު ކުރީމެވެ. އެކަމަކު ނާދެއެވެ. ނުވެސް ގުޅައެވެ.
އަހަރެން އެތަނުގައި އުޅެމުން އައި އިރު އަހަރެންގެ މައްޗަށް ވަރަށް އޯގާތެރި އަންހެން ކުއްޖަކު އުޅެއެވެ. އެއީ ނަރސިންގ ހޯމްގައި ޖެނިޓަރ ނުވަތަ ސާފުކުރުމުގެ މަސައްކަތުގައިއުޅޭ، އުމުރުން 22 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވާ އެލީނާއެވެ. އޭނަ އަހަރެންގެ ބޮލުގައި ފުނާއަޅާދީ އަހަރެންނަށް ބޭނުންވާ ބައެއްކަހަލަ ތަކެތިވެސް ގެނެސް ދެއެވެ. އޭނަޔަށް ލިބޭ ކުޑަ މުސާރައިން ގަނެގެންނެވެ. އަދި އަހަރެންނަށް އޭނަ ކިޔަނީ ވެސް މަންމައެވެ.
އެއްދުވަހަކު ކުއްލިއަކަށް ޑޭވިޑް ނަރސިންގ ހޯމް އަށް ވަދެގެން އަންނަތަން ފެނުނެވެ. އޭނަގެ ރީތި އަގުބޮޑު ކޯޓު ވަނީ ރޫޖެހި ވަރަށް ހަޑިވެ ދާވެފައެވެ.އޭނަގެ މޫނު މަތީގައިވެސް ވަނީ ކަންބޮޑުވުމާއި ހާސްކަމެވެ.
އައިގޮތަށް އައިސް އަހަރެންގެ ކުރިމައްޗަށް އެރުމަށްފަހު ބުންޏެވެ. އަހަރެން ހެދި ސަރޖަރީ އެއްގޯސްވެ އަހަރެންނާދެކޮޅަށް ދައުވާ ކުރެވި ހުރިހާއެއް ޗެއް ގެއްލިއްޖެއެވެ.އެކައުންޓް ތައްވަނީ ބަންދު ކޮށްފައެވެ. އަދި ބޭންކުން ވަނީ އަހަރުމެންގެ ބޮޑު ގެވެސް ނަގާފައެވެ.“
އެވަގުތު އަހަރެންގެ ކުރިމަތީގައި ޑޭވިޑް ދެކަކޫ ޖެހުމަށްފަހު ރޮއިގަނެފައި ބުންޏެވެ. ”ބައްޕަ މަރުވިއިރު ބައްޕަގެ ސޭފްޓީ ޑިޕޮސިޓް ބޮކްސް ގައި ފައިސާ ހުރިކަން އަހަރެންނަށް އެގެއެވެ.ބޮންޑް ގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހުރިކަން އެނގެއެވެ. އެފޮށީގެ ތަޅުދަނޑި އަހަރެންނަށް ދޭށެވެ. އޭރުން އަހަރެންނަށް މިކަމުން ސަލާމަތް ވެވިދާނެއެވެ.“
އަހަރެން އިން ވީލްޗެއާގައި ވަރަށް ހަމަޖެހި އިނދެ އޭނަޔާ ދިމާލަށް ބަލާލީމެވެ. އަދި އަހަރެން އަތުގައި އޮތް ތަޅުދަނޑިފަތިން ސޭފްޓީ ބޮކްސްގެ ތަޅުދަނޑި ނަގާ އޭނާގެ އަތަށް ދިއްކޮށްލީމެވެ.އަހަރެންގެ އަތުން ކުއްލިއަކަށް ތަޅުދަނޑި ޖަހައިގަތުމަށްފަހު އޭނާ ހިފައިގެން އައި ސޭފްޓީ ބޮކްސް ހުޅުވާލިއެވެ. ނަމަވެސް އޭގައި އެއްވެސް އެއްޗެއް ނެތެވެ. ފޮށި ތަޅުވައިގަތުމަށްފަހު ޑޭވިޑް ހަޅޭއް ލަވައިގަތެވެ. ”ފައިސާ ކޮބާހެއްޔެވެ؟ ލިއުންތައް ކޮބާ ހެއްޔެވެ؟“
އެވަގުތު ނަރސިންގ ހޯމްގެ ދޮރު ހުޅުވާ ލުމަށްފަހު އެލީނާ ވަދެގެން އައެވެ.އޭނާގެ އަތުގައި ފައިލް ތަކެއް ހުއްޓެވެ. އެލީނާ ހުރީ ޖެނިޓާގެ ޔުނީފޯމް އަކު ނޫނެވެ. ރީތިކޮން ފަހާފައިވާ ބްލޭޒާ ސޫޓެއްގައެވެ.އޭނާ ހުރީ ފެންވަރާ ވަރަށް ރީތިކޮން ނަލަ ހެދިގެންނެވެ.
އެވަގުތު އަހަރެން ހިނިތުން ވެލުމަށްފަހު ބުނީމެވެ. ”އެފައިސާ އަހަރެން ހޭދަކޮށްފީމެވެ. މިއީ އެލީނާ އެވެ. އަހަރެން ވަނީ އެލީނާ އަހަރެންގެ ދަރިއެއްގެ ގޮތުގައި އެޑޮޕްޓް ކޮށްފައެވެ. އަދި އަހަރެން ވަނީ ބައްޕަ ބެހެއްޓި ފައިސާ ބޭނުން ކޮށްގެން މުޅި މި ނަރސިންގ ހޯމް ގަނެފައެވެ.އެއަށްފަހު މިތަން އަހަރެން މިވަނީ އެލީނާގެ ނަންމައްޗަށް ބަދަލު ކޮށްފައެވެ.“ މިހާހަމައިން އެލީނާ އައިސް އަހަރެންގެ ގޮޑިކައިރީގައި އަހަރެންގެ ހިމާޔަތުގައި ހުރި ގޮތަށް ހުއްޓުނެވެ. ދެން އަހަރެން ވާހަކަ ކުރިޔަށް ގެންދަމުން ބުނީމެވެ. ”އަހަރެން މިތަން ގަތުމަށްފަހު މިވަނީ މުޅިތަން އައު ކޮށްފައެވެ.އަދި އައު އެނދާ އެހެންވެސް ފަރުނީޗަރު ގަނެފައެވެ.މިއަދު އެލީނާއަކީ މިތަނުގެ ޑިރެކްޓަރެވެ.“
އަހަރެންގެ ވާހަކަ އަޑު އެހުމަށްފަހު ޑޭވިޑްގެ މޫނުގެ ކުލަވަރު ފަނޑުވެގެން ދިޔައެވެ. އަދިމޫނުގައި ދެއަތް އެޅުމަށްފަހު ރޯން ފެށިއެވެ. އަދި ބުންޏެވެ. ”މަންމާއެއެވެ. މަންމަ ގެ އަސްލު ދަރިއަކީ އަހަރެން ނެއްނޫންހެއްޔެވެ. އަހަރެން ވަންނާނެ ތަނެއްނެތެވެ. އަތުގައި އެއްވެސް އެއްޗެއް ނެތެވެ.އަހަރެންނަށް އެހީވާށެވެ.“
އަހަރެންގެ ހިތުގައި މިއަދު ޑޭވިޑްގެ މައްޗަށް އެއްވެސް ރަހުމެއް ނެތެވެ.އަދި އަހަރެންގެ ކުރިމަތީގައިހުރި، އަހަރެންގެ މުޅިހަޔާތް އެމީހަކަށްޓަކައި ގުރުބާން ކޮށްލި ޒުވާން ފިރިހެނާ އާއި ދިމާލަށް ބަލާލުމަށްފަހު ފިނިވެފައިވާ އަޑަކުން އަހަރެން ބުނީމެވެ. ”އަސްލު ދަރިން އެމީހުންގެ މަންމަ ގާބެޖް ބޭޖް އަކަށް ނުލާނެއެވެ.“ އަދި އިތުރަށް ބުނީމެވެ. ”އެލީނާ މިތަނަށް މުވައްޒަފުން އެބަނަގައެވެ. ތަޅުންގަނޑު މޮޕް ކުރާ މީހެއް ބޭނުންވެއެވެ. ވަޒީފާ ބޭނުމިއްޔާ މާދަމާ މަސައްކަތް ފަށަން އަންނާށެވެ.“
އެވަގުތު ޑޭވިޑް ބާރަށް ރޮއިގަނެފަ އަހަރެންގެ ފައިބުޑަށް ވެއްޓިގަތެވެ. ނަމަވެސް އޭނާގެ ގައިން ނެއްޓި ގޮނޑި ދުއްވާލުމަށްފަހު އަހަރެން އެތަނުން ދުރައް ހިނގައްޖައިމެވެ.
![]()
