މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުން ކުރިއަށްދާއިރު، އެ އިންތިހާބުތަކުގެ ނަތީޖާއިން ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުގައި 3 ވޯޓެއް ނެގިއެވެ.
އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓެވެ.
ެެއެގޮތުން އެ އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ، މާލެ ސިޓީގެ މޭޔަރު އަލީ އާޒިމް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ.
ެއެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއްވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ތިނަދޫ ސިޓީގައި މިހާރުގެ މޭޔަރު ސައުދު ޢަލީ އާއި ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު އަޖީބާ ދެމެދު އޮތީ ފަންސާހެއްހާ ވޯޓުގެ ފަރަގެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ. މިގޮތުން މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
![]()
