އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފިއެވެ.
މިފްކޯ އިން ބުނީ މިއީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ފެސިލިޓީއެއް ކަމަށެވެ.
މި ފެސިލިޓީ ހުޅުވީ މިކަމަށްޓަކައި ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިތަން ރަސްމީކޮށް ހުޅުވައިދެއްވީ، މަަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރާއި، މިފްކޯގެ އިސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ސެންޓަރަކީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެެކެވެ.
މިފްކޯއިން ބުނީ، އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ މެތަޑު ކަމަށެވެ. މިގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅުގެ ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެެވެ.
އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
![]()
