މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ އިންސާނިއްޔަތަށްޓަަކައި ކޮށްދޭންޖެހޭ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ 1190 ޔުނިޓްގެ ބިންގާއެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި ނިކަމެތި އާއިލާތައް ދިރިއުޅެމުންދާ ދަތިހާލު ވަރަށް ގާތު ދެކިފައިވާކަމަށެވެ. އަދި މިއީ އެފަދަ ފަރާތްތަކަށް ހާއްސަ މަޝްރޫޢު އެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް ލީސްޓު އޯން މޮޑެލްގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އިމާރާތްކުރުން މިވަނީ ފެށިފައި ހިތްދަތި ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގު އަޅުގަނޑުމެން މިދަނީ ފަހިކުރަމުން.“
މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޒިންމާއަކީ އެމީހުންނަށް އެހީތެރިވުން ކަމަށާއި ސަރުކާރުގެ މަސްއޫލިއްޔަތަކީ އެފަދަ ފަރާތްތައް ހޯދާ، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
![]()
