މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަން، ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކޮށްފިއެވެ.
އެ ކޮމިޓީއިން އެ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށާފައިވާ ކަމަށެވެ.
އަދި ކުރިއަށްއޮތް އެޕްރީލް މަހުން ފެށިގެން، ޤަތަރު އެއަރވޭޒް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއަރލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ވަނީ، މި ދަނޑިވަޅުގައި، ޚާރިޖީ، ދިފާޢީ، އަދި އިޤްތިޞާދީ، ހައްސާސް މަޢުލޫމާތު ހާމަކުރުމާއި ފެތުރުމުގައި ފަރުވާތެރިވުމަށްވެސް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގެން، މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
![]()
