2025ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލުގައި ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކުގައި ސަރުކާރު ސިފައިން ނަހަމަ ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް އަނިޔާވި މައްސަލައިގައި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ހޮނިހިރު ދުވަހު ހެނދުނު އޮލީ ހައްޔަރު ކުރުމުގެ ކުރިން، އާންމު އުސޫލުގެ މަތިންވަނީ ހޮސްޕިޓަލަށް ގެންގޮސް ފުލް ޗެކްއަޕްއެއްހަދާ އަދި ޓެސްޓް ތައް ވަނީ ހަދާފައެވެ.
ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި ހަތްދިޔަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޒުވާނުން ފުރަތަމަ ނިކުތީ ސޯޝަލް މީޑިޔާ ބަންދު ކޮށްލުމާއި ގުޅިގެންނެވެ. ނަމަވެސް ކޮރަޕްޝަނާ އަދި ތަކެތީގެ އަގުބޮޑުވަމުންދާ މައްސަލައިގައިވެސް އާންމުންގެ ރުޅިވެރިކަން ވަނީ ހާމަ ކޮށްފައެވެ.މީގެ އިތުރުން އާންމުން ދަތި ހާލުގައި ތިއްބާ ސަރުކާރުގެ ވެރިންނާއި އެމީހުންގެ ދަރިން ނުވަތަ ”ނެޕޯ ބޭބީސް“ ނުހައްގު ތަނަވަސް ކަމުގައި އުޅެމުން ދާކަން ވަނީ އާންމުންގެ ގިނަބަޔަކު ފާހަގަ ކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ކުރީގެ ބޮޑުވަޒީރު އޮލީގެ އިތުރުން، އެއިރުގެ ދާޚިލީ ވަޒީރު ރަމޭޝް ލޭކާކް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި މި ވަނީ، މުޒާހަރާއާ ގުޅިގެން ހިނގި ހަމަނުޖެހުންތައް ތަޙުޤީޤުކުރި މިނިވަން ކޮމިޝަނަކުން، އެ ކަމުގައި ޒިންމާވާ މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް ހުސްވި ހަފުތާގައި ލަފާދިނުމާއި ގުޅިގެންނެވެ.
މި ފިޔަވަޅު އަޅާފައި މިވަނީ، ކުރީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަމުގައިވާ، އުމުރުން 35 އަހަރުގެ ބަލެންދްރަ ޝާހް ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައި ހުކުރު ދުވަހު ކުރައްވާފައި ވަނިކޮންނެވެ.
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން އޮލީއަށް އިސްތިޢުފާ ދެއްވަން މަޖުބޫރުވެ ވަޑައިގެންނެވިއެވެ. ނޭޕާލްގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، އޮލީއާއި ލެކާކް މިހާރު ތިއްބެވީ ކަޓްމަންޑޫ ފުލުހުންގެ މަރުކަޒުގެ ބަންދުގައި ކަމަށާއި، އެދެބޭފުޅުންގެ މައްޗަށް އަދި ދައުވާއެއް ކުރެވިފައިނުވާ ކަމަށާ ނަމަވެސް މާރޗު 29 ވަނަ ދުވަހު އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމުގައި ފުލުހުންގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.
އުމުރުފުޅުން 74 އަހަރުގެ އޮލީއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކިޑްނީ ޓްރާންސްޕްލާންޓް ހައްދަވާފައިވާ ބޭފުޅަކަށް ވުމުން، އޭނާގެ ސިއްހީހާލަތަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަން ވަނީ ހާމަ ކޮށްފައެވެ. އޮލީގެ ޤާނޫނީ ވަކީލު ވިދާޅުވީ، އޭނާ ފިލައިގެން ދިއުމުގެ ނުވަތަ ތަޙުޤީޤަށް އެއްބާރުލުން ނުދެއްވުމުގެ އެއްވެސް ބިރެއް ނެތްއިރު ހައްޔަރުކުރުމަކީ ޣައިރުޤާނޫނީ ކަމެއްކަމުގައެވެ. އަދި ކުރެވިގެން ވާނެވެސް ކަމެއް ނޫނެވެ. ނަމަވެސް އަލަށް އައްޔަން ކުރެވުނު ހޯމް މިނިސްޓަރު ސުދާން ގުރުންގ ވިދާޅުވީ އެކަކަށް ވެސް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށެވެ. އަދި އެބޭފުޅުން ހައްޔަރު ކުރެވުނީ ބަދަލުހިފުމުގެ ރޫހެއްގައި ނޫން ކަމަށާ މިއީ އިންސާފު ހޯދާ ދިނުމުގެ ފެށުން ކަމުގައެވެ. އައު ހޯމް މިނިސްޓަރު ސުދާން ގުރުންގ އަކީ މުޒާހަރާތަކުގައި އިސްކޮން ހަރަކާތްތެރިވި ފަރާތެކެވެ.
ތަޙުޤީޤީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ، މުޒާހަރާގެ ފުރަތަމަ ދުވަހު އެކަނިވެސް 19 ޒުވާނުން މަރުވި ބަޑީގެ ޙަމަލާތައް ހުއްޓުވުމަށް އޮލީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާ ކަމުގައެވެ. މި މަރުތަކާ ގުޅިގެން އޮލީގެ ސަރުކާރާ މެދު އުފެދުނު ރުޅިވެރިކަން ވެގެންދިޔައީ، އިންތިޚާބުގައި ޝާހްގެ ޕާޓީން ހޯދި ބޮޑު ކާމިޔާބީގެ މައިގަނޑު އެއް ސަބަބަށެވެ.
މުޒާހަރާތަކާއި ގުޅިގެން ސެޕްޓެމްބަރުމަހުގެ ހަވަނަ ދުވަހު އޮލީ އިސްތިއުފާދެއްވިއެވެ.ނަމަވެސް މާރޗް 5ވަނަ ދުވަހު ބޭއްވުނު އިންތިހާބްގައި ވާދަކުރައްވާ ބަލިވެ ވަޑައިގެންނެވީ އެވެ.
![]()
