ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެންގެ މެދުގައި ވާހަކަދެކެވިގެން ސިޔާސީ ވިސްނުން ނުވައްދައި މަސައްކަތް ކުރާ ކަމަށްވަނީ ނަމަ ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ ސިޔާސީ ވިސްނުން އިސްކުރެވިގެން، ރައްޔިތުންނަށް އަންނަންހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވަނީ ކަމަށާއި އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނު ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގެންފައިވަނީ އެކަންކަން ކޮށްދިނުމުގެ ނިޔަތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތައް އޮތީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައިކަމުގައި ވިދާޅުވިއެވެ.
ގާނޫނުގައި އެކަން އަދިވެސް އޮތީ އެގޮތަށް ކަމަށާއި ލާމަރުކަޒީ ގާނޫނުގައި އޮންނަނީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށް، ސަރުކާރުން ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ރައީސުލްޖުމްހޫރިއްޔާއަކު ހޮވާފައި، ސަރުކާރެއް ހިންގަން ޙަވާލުކުރަނީ ޤާނޫނު އަސާސީގައިވާ ހަމަތަކުގެ މަތީން ކަމަށާއި ޙަވާލުކުރީމާ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ ބަޔަކުވިއްޔާ އެ ރައީސުލްޖުމްހޫރިއްޔާ އަކަށް އެއްބާރުލުން ދެއްވަން ޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
![]()
