އިސްރާއީލުގެ ޑިމޯނާ ނިއުކުލިއަރ ސަރަހައްދު އެކުގައިހެން ހަލާކު ކޮށްލެވިއްޖެ – އީރާން

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އެންމެ ބޮޑަށް ސަލާމަތީ ފާރަލުމާއެކު ބަލަހައްޓަމުން ގެންދާ އެ ގައުމުގެ ނިއުކްލިއަރ މަރުކަޒު ހިމެނޭ ޑިމޯނާއާއި އަރާދު ސަރަހައްދަށް އީރާނުން ބިރުވެރި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އީރާނުގެ ހަމަލާތައް އަމާޒުވެފައިވަނީ އިސްރާއީލުގެ ނިއުކްލިއަރ ރިސާރޗް ސެންޓަރުން ފެށިގެން އެންމެ ވިއްސަކަށް ކިލޯމީޓަރުގެ ދުރަށް ކަމުގައި ބައިނަލް އަގްވާމީ މީޑިއާތަކުން ބުނެފައިވެއެވެ.

އީރާނުގެ މިސައިލް ހަމަލާތައް ނުހުއްޓުވުނީ ކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައިވެއެވެ. އެ ހަމަލާތަކުގައި އެތައް އިމާރާތެއް ވަނީ ކުދިކުދިވެގެން ގޮސް ބިމާހަމަވެ ހިރަފުހަށްފައެވެ. މިއީ އީރާނުގެ މިސައިލް ހަމަލާއެއް އިސްރާއީލުގެ ނިއުކްލިއަރ ވަސީލަތްތަކަށް އަމާޒުވި ފުރަތަމަފަހަރުކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައިވެއެވެ.                                     

ހަމަލާގައި ކުދިކުދިވެފައިވާ އިމާރާތްތަކުގެ ތެރޭގައި ނުނިކުމެވި ތިބި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންގެން ދާއިރު ޢަރާދު އަވަށުން މިހާތަނަށް ޒަޚަމްވެފައިވާ 84 މީހުން ފެނިފައިވާ ކަމަށާއި އޭގެތެރެއިން 33 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. ދިރިއުޅުމުގެ މުޅި ހަޔާތުގައިވެސް “ މި ވަރުގެ އުނދަގޫ ދުވަހެއް “ މިހާތަނަށް ދެކިފައި ނުވާކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވާކަމަށްވެސް މީޑިއާތަކުން ހާމަކޮށްފައި ވެއެވެ. އިސްރާއީލުގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ މިހާތަނަށް ޑިމޯނާ ސިޓީގެ ދެކުނު ސަރަހައްދުން ޒަޚަމްވެފައިވާ 180 މީހުން ފެނިފައިވާ ކަމަށެވެ.                            

އިސްރާއީލުގެ ނިއުކްލިއަރ ވަސީލަތްތައް ހުންނަނީ ޑިމޯނާއިން ފެށިގެން 12 މޭލު ހުޅަނގުން އަދި އަރާޑުން ފެށިގެން 22 މޭލު އުތުރުގައެވެ.                              

އިސްރާއީލުން ސަލާމަތީ މިންގަނޑުތައް އެންމެ ވަރުގަދަކޮށް ބަލަހައްޓަމުން ގެންދާ ނިއުކްލިއަރ ވަސީލަތްތައް ހިމެނޭ ސަރަހައްދަށް އަހަރެމެންދޭ ހަމަލާ ނުހުއްޓުވޭނަމަ އޭގެ މާނައަކީ ހަނގުރާމަ ދެވަނަ ފޭސްއަކަށް ވަދެވުނީކަން ހާމަވެގެންދާ ނިޝާނެއް ކަމަށް އީރާނުގެ މަޖްލީހުގެ ރައީސް މުހަންމަދު ބާގިރު ގަލިބާފް ވިދާޅުވިއެވެ. އަދި މިއީ އީރާނުގެ ނަތަންޒްގައި ހުންނަ ޔުރޭނިއަމް ފައްކާކުރާ ސައިޓަށް ހޮނިހިރު ދުވަހު ހެދުނު އިސްރާއީލުން ދިން ހަމަލާއިގެ ރައްދު ޖަވާބުކަމުގައި ވެސް ވިދާޅުވިއެވެ. ނަތަންޒް އަށް ދިން ހަމަލާގެ ޒިންމާ އިސްރާއީލުން އުފުލާފައި ނުވާއިރު އެމެރިކާއިން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ.                       

މި ހަމަލާއާއި ގުޅިގެން އިންޓަރނޭޝަނަލް އެޓޮމިކް އޭޖެންސީން ބުނެފައިވަނީ އިސްރާއީލުގެ ރިސާރޗް ސެންޓަރަށް ގެއްލުމެއް ނުލިބޭކަމަށާއި އަދި ރޭޑިއޯ އެކްޓިވް ލީކެއްގެ އަސަރ ފެނިފައި ނުވާކަމަށެވެ. އީރާނާ ދެކޮޅަށް އެމެރިކާ އިސްވެއޮވެ އިސްރާޢީލުގެ ޒައަނިސްޓު ޓެރެރިސްޓް ނަތަންޔާހޫގެ ޖަމާޢަތުން 28 ފެބްރުއަރީގައި ފެއްޓި ހަނގުރާމަ މެދުއިރުމަތީ ހުރިހާ ގައުމަކަށްވެސް މިވަނީ ފެތުރެން ފަށާފައެވެ.                                                

އީރާނުން ދިން ހަމަލާ ތަކުގައި ޑިމޯނާއާއި ޢަރާދުގެ އިމާރާތްތައް ހަލާކުވެ ދޮރުތަކާއި ކުޑަދޮރުތައް ބުރަބުރައިގެން ދިޔައިރު އެ ސަރަހައްދުގައި ދިރިއުޅޭ ޖަނަވާރުތައްވެސް ފުރާނައަށް ބިރުން ދުވަމުންދިޔަ މަންޒަރު ފެންނަމުން ދިޔަކަމަށް ސޯޝަލް މީޑިއާގެ ރިޕޯރޓުތަކުގައި ބުނެފައިވެއެވެ. އީރާނުން ބުނަމުން އަންނަނީ އެމެރިކާ އާއި އިސްރޭލަށް ރަނގަޅު ފިލާވަޅެއް މިހަނގުރާމައިން ލިބިދޭނެ ކަމާއި ދެން އިތުރަށް އީރާނަށް ގޯނާ ނުކުރެވޭވަރަށް އެމެރިކާ އާއި އެމެރިކާގެ ގަލްފުސަރަހައްދުގެ ގައުމުތަކަށްވެސް ފިލާވަޅެއް ލިބިދޭނެ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް