އެފް-35 މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަކަށް އީރާނުން ދިން ހަމަލާ އަމާޒުވުން ބޮޑުކަމެއް

Loading

Facebook
Twitter
WhatsApp

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގާ އީރާނުގެ ވައިގެ ލަޝްކަރުތަކާއި ވަސީލަތްތައް އޮންނާނީ ބިމާ ހަމަކޮށްލާފައިކަން އެމެރިކާގެ ދިފާއީ ވަޒީރު ޕީތް ހެގްސެތު އިއުލާން ކޮށްފައިވަނިކޮށް އެމެރިކާގެ 5 ވަނަ ޖެނެރޭޝަނަށް ނިސްބަތްކުރެވޭ 35-އެފް މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަކަށް އީރާނުގެ ހަމަލާ އަމާޒުވެ ކުއްލި ހާލަތުގައި ޖައްސަން މަޖުބޫރު ކުރުވައިފިއެވެ.


މިއީ އެންމެ ފަހުގެ ދިފާއީ ރާޑަރަށާއި ފާރަލުމުގެ އެހެނިހެން ވަސީލަތްތަކުގެ ލޮލަށް ނުފެންނަގޮތަށް ފަރުމާކޮށްފައިވާ އަދި އެއިން ފައިޓަރޖެޓެއްގެ އަގު 100 މިލިއަން އެމެރިކާޑޮލަރަށް ވުރެން އަގުބޮޑު ފައިޓަރޖެޓެއް ކަމަށް ބުނެފައިވެއެވެ. މިއީ ތާރީޚީ ގޮތުން ފާހަގަކުރެވޭކަމެކެވެ. މީގެ ކުރިން އެ މަރުކާގެ ފައިޓަރ ޖެޓަކަށް ހަމަލާ ދެވިފައިވާ އެނގޭކަށް ނެތެވެ.
އެމެރިކާގެ 5 ވަނަ ޖެނެރޭޝަނަށް ނިސްބަތްކުރެވޭ 35-އެފް މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަށް ޖިންނި މަރުކާގެ ނުފެންނަ ފައިޓަރ ޖެޓްގެ ނަން ވަނީ ދީފައެވެ.
ފައިޓަރ ޖެޓަށް އީރާނުގެ ހަމަލާ އަމާޒުވެފައިވަނީ އީރާނަށް ހަމަލާދިނުމުގެ ހަރަކާތުގައި އުދުހެމުންދަނިކޮށް ކަމުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ފަރާތުން ކެޕްޓަން ޓިމް ހައުކް ބުނެފައިވެއެވެ. އަދި ފައިޓަރ ޖެޓް އިމަރޖެންސީގައި ރައްކާތެރިކާއެކު ލޭންޑް ކުރި ކަމަށާއި ޕައިލެޓްގެ ހާލު ރަނގަޅުކަމަށްވެސް ކެޕްޓަން ޓިމް ހައުކް ސީ އެން އެން އަށް މައުލޫމާތު ދީފައި ވެއެވެ. އީރާނުން ދިން ހަމަލާގެ ބަދަލު ވަރަށް އަގުބޮޑުގޮތަކަށް ހިފާނެކަމުގައި ދިފާއީ ވަޒީރު ޕީޓް ހެގްސެތު ބުނެފައިވެއެވެ.
ހަނގުރާމައިގެ ހަރަކާތްތަކުގައި އެމެރިކާއާއި އިސްރާއީލުން އެފް-35 ސްޓެލްތު މަރުކާގެ ފައިޓަރ ޖެޓް ބޭނުން ކުރަމުންގެންދާއިރު މިއީ އެ މަރުކާގެ ފައިޓަރ ޖެޓަކަށް ހަމަލާއެއް އަމާޒުވި ފުރަތަމަފަހަރުމަން އެނގިފައިވެއެވެ. ފައިޓަރ ޖެޓަށް ހަމަލާ ދިނުމުގައި އީރާނުން ބޭނުން ކޮށްފައިވަނީ އެ ގައުމުގެ އަމިއްލަ އުފެއްދުމަކަށްވިތީވެ އީރާނުގެ ގާބިލުކަން ހުރި ފެންވަރަކާމެދު ތަޖްރިބާކާރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
މުއުތަބަރު ބައެއް މީޑިއާތަކުން ގެނެސްދެމުންގެންދާ ޚަބަރުތަކަށް ބަލާއިރު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ފާއިތުވެގެންދިޔަ 21 ދުވަހުގެތެރޭގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އެމެރިކާއާއި އިސްރާއީލަށް ލިބުނު ގެއްލުންތައް ވަކިން ކުޑައެކޭ ނުބުނެވޭނެއެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލަށް ދީފައިވާ ގެއްލުންތަކުން އެ 2 ގައުމުގެ މިލިޓްރީ ހައިބަތާ ބާރުވެރިކަމަށް ދީފައިވާ ގެއްލުންތައް ފައިސާއިން އަގުކުރެވޭ ވަރަށްވުރެން މާ ބޮޑުކަން ފާހަގަކުރެވެއެވެ.
ފާއިތުވެގެންދިޔަ 21 ދުވަހު އީރާނުންދިން ހަމަލާތަކުގައި އެމެރިކާގެ 12 އެމް-ކިޔޫ 9 މަރުކާގެ ރީޕަރ ޑްރޯންވެސް ހިމެނޭ ގޮތުގައި މަދުވެގެން އެމެރިކާގެ 17 ހަނގުރާމައިގެ އެއާރކްރާފްޓް ވަނީ ނައްތާލައި ނުވަތަ ހަލާކު ކޮށްލާފައެވެ. ކޮންމެ ރީޕަރ ޑްރޯނެއްގެ އަގަކީ ގާތްގަނޑަކަށް 57 މިލިއަން އެމެރިކާ ޑޮލަރ ކަމުގައި ބުނެއެވެ. އޭގެ އިތުރުން އެތައް މިލިއަން ޑޮލަރުން އަގުކުރެވޭ ފާރަލުމުގެ ނިޒާމުތަކާއި މަޝްހޫރު ތާޑް ނިޒާމްވެސް ހަލާކު ކޮށްލައި އެންމެފަހުން އެފް-35 ސްޓެލްތު މަރުކާގެ ފައިޓަރ ޖެޓަށްވެސް ހަމަލާދީ އިމަރޖެންސީ ހާލަތުގައި ލޭންޑުކުރަން މަޖުބޫރު ކުރުވާފައެވެ. އަދި އެފް-15 ސްޓްރައިކް މަރުކާގެ 3 އީގަލް ފައިޓަރ ޖެޓް ކުވޭތު ސަރަހައްދުގައި ހިނގި ފްރެންޑްލީ ފަޔަރގައި ވަނީ ވެއްޓިފައެވެ. އަދި ޔޫ އެސް އެއަރފޯސްގައި ޖައްވުތެރޭގައި ފައިޓަރ ޖެޓްތަކަށް ތެޔޮ އަޅަން ބޭނުންކުރާ ކޭ ސީ-135 މަރުކާގެ އުދުހޭ ޓޭންކަރެއް އިރާގުން ދިން ހަމަލާގައި ވަނީ ހަލާކޮށްލާފައެވެ. އޭގައި ތިބި 6 ފަޅުވެރިންވެސް ވަނީ މަރުވެފައެވެ.
ޚަބަރުތަކުގައި ބުނެފައިވާގޮތުން އީރާނުގެ ވައިގެ ސަރަހައްދުގައި އިސްރާއީލުގެ ބާރަވަރަކަށް ޑްރޯން ވަނީ ނައްތާލާފައެވެ. ޖުމުލަ ގޮތެއްގައި ހަނގުރާމައިގެ ފުރަތަމަ 21 ދުވަހު އެމެރިކާއާއި އިސްރާއީލުގެ 28 އެއާރކްރާފްޓް އީރާނުންވަނީ ނައްތާލާފައެވެ.
އީރާނުގެ އެއަރފޯސްގެ ޒަމާންވީ އުޅަނދުފަހަރާއިއެކު ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާއާއި އަދި އިސްރާއީލުގެ ބައިވެރިވުމާއެކު ކުރެވޭ ހަނގުރާމައެއްގައި އީރާނުން ކުރިމަތިލާންޖެހިދާނެ ހިތި ނަތީޖާއާ ދޭތެރޭ ހަނގުރާމަފެށުމުގެ ކުރިން ތަޖްރިބާކާރުން ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް ކިތަންމެ އަގުބޮޑު ޕްލެޓްފޯމެއްގައިވެސް އީރާނުގެ ހަނގުރާމައިގެ އުކުޅުތަކާއި އަދި އީރާނުގެ އަންކޮންވެންޝަނަލް އަދި އަގުހެޔޮ ހަތިޔާރާއެކު އެމެރިކާއާއި އިސްރާއީލަށް ދެމުންގެންދާ ގެއްލުންތައް މިހާރު ފާހަގަކުރަން ޖެހެއެވެ.
އީރާނުގެ ހަމަލާތައް އެންމެ ވަރުގަދަކޮށް އަމާޒުކޮށްފައިވަނީ ގަލްފު ސަރަހައްދުގައި އެމެރިކާއިން ގާއިމް ކޮށްފައިހުރި އަގުބޮޑު މިސައިލް ޑިފެންސް ސިސްޓަމްތަކާއި ރާޑަރ ތަކުގެ ހަރަކާތް ނައްތާލުމަށެވެ. އީރާނުން ދިން ހަމަލާތަކުގައި ޖޯރޑްންގައިހުރި އެމެރިކާގެ އަގުބޮޑު ރާޑަރ ސިސްޓަމަކާއި އެމިރެޓްސްގެ އަލްރުވައިސް ގައި ހުރި ރާޑަރ ސިސްޓަމަކާއި ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސްގައި ހުރި ރާޑަރ ސިސްޓަމަ ވަނީ ހަލާކު ކޮށްލާފައެވެ. މިއިން ކޮންމެ ރާޑަރ ސިސްޓަމެއްގެއަގު 500 މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. އެމެރިކާގެ ތާޑް ސިސްޓަމް ގާއިމް ކޮށްފައި ހުންނަނީ ހަމައެކަނީ 10 ތަނެއްގައެވެ. އޭގެތެރެއިން 7
ސިސްޓަމަކީ ސީދާ އެމެރިކާއިން އޮޕަރޭޓް ކުރާ ސިސްޓަމްތަކެކެވެ. ބާކީ 3 ގާއިމް ކޮށްފައި ހުރީ ސައޫދީ އެރޭބިއާއާއި އެމިރެޓްސް ގައެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި އެމެރިކާގެ 4 ތާޑް ސިސްޓަމް އީރާނުންވަނީ ހަލާކު ކޮށްލާފައެވެ. އީގެ އިތުރުން ތާޑް އާއި ޕެޓްރިއޮޓް އަދި އޭޖިސް އަށް މެދުވެރިވެދާނެ ނުރައްކަލުން ރައްކާތެރިކަން ހޯދުމުގެ ބޭނުމުގައި ގަތަރުގެ އަލް އުދައިދު އެއާރބޭސް ގައި ގާއިމްކޮށްފައިހުރި އެމެރިކާގެ އޭ އެން/އެފް ޕީ އެސް-132 ބްލޮކް 5 ގެ ނަން ދެވިފައިވާ އިންޒާރު ލިބިގަތުމުގެ ރާޑަރ އަށްވެސް އީރާނުން ހަމަލާ ދީފައިވާނެކަމަށް ބުނެފައިވެއެވެ. އެ ރާޑަރ ސިސްޓަމް ހަލާކުކޮށްލާފައިވާކަން ގަތަރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހުންނަނީ އެވައްތަރުގެ ހަމައެކަނި 6 ރާޑަރ ސިސްޓަމް އެވެ. އެ ރާޑަރ ސިސްޓަމް ހަލާކުކޮށްލެވިގެން ދިއުމަކީ ގަލްފް ސަރަހައްދުގައި އެމެރިކާގެ ދެލޯ ކަނުކޮށްލެވުނީ ކަމަށް ސިފަކުރެވިދާނެއެވެ. އޭގެ ސަބަބުން އީރާނުގެ މިސައިލްތަކުގެ އަތްތިލަ ތަންމިނަށް ހުޅުވާލުމުގެ ފުރުސަތު ލިބިގެން ހިނގައްޖެކަމަށް އީރާނުންވަނީ ބުނެފައެވެ.
އީރާނުންދިން ހަމަލާއަކާ ގުޅުވައިގެން ނޫނަސް އެންމެ ފަހުގެ މިލިޓަރީ ވަސީލަތްތައް ގާއިމް ކުރެވިފައިވާ އެމެރިކާގެ އެންމެ ބޮޑު އެއާރކްރާފްޓް ކެރިއަރ ޔޫއެސް އެސް ޖެރާލްޑް ފޯރޑް ގައި އަލިފާން ރޯވެ އެ އުޅަނދު ހަނގުރާމައިގެ ހަރަކާތްތަކުން އެއްފަރާތްކޮށް މަރާމާތުކުރުމަށް ޓަކައި ގްރީކުގެ ކްރޭޓްގެ ނޭވަލް ސަޕޯރޓް ބޭސްއަކަށް އެނހެލަން ޖެހުންވެސް ފާހަގަ ކުރެވެއެވެ. އެއާރކްރާފްޓް މަރާމާތުކުރުމަށް ގިނަދުވަސްތަކެއް ހޭދަވެގެންދާނެކަމަށް ބެލެވެއެވެ. އެއާރކްރާފްޓްގައި ރޯވި އަލިފާން ނިއްވާލުމަށްޓަކައި 30 ގަޑިއިރު ހޭދަވެގެން ދިޔަކަމަށްވެއެވެ. އަލިފާންރޯވި މައްސަލަ ތަހްގީގުކުރަމުންގެންދާއިރު މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެއީ ގަސްދުގައި ރޯކޮށްލުންކަމަށް ވަނީ ބެލެވިފައެވެ. އަދި އެކަމުގައި އެއާރކްރާފްޓްގެ ފަޅުވެރިންނާ ގުޅުމެއް އޮތްތޯ ވެސް ތަހްގީގުކުރަމުން ގެންދާކަމަށް އިނގިރޭސި ވިލާތުގެ އިންޓަރނޭޝަނަލް ބިޒްނަސް ޓައިމްސްގައި ބުނެފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ވަރަށް ބޮޑެތި ގެއްލުންތަކެއް މާލީގޮތުންވެސް ވަނީ ލިބިފައެވެ.
ހަނގުރާމައިގެ ފުރަތަމަ ހައެއްކަދުވަހު ބޭނުންކުރެވުނު ހަތިޔާރުގެ އަގުވެސް 12 ބިލިއަން އެމެރިކާ ޑޮލަރަށްވުރެން ގިނަ ކަމަށް ސެންޓަރ ފޯރ ސްޓްރަޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް އިން އަންދާޒާކޮށްފައި ވެއެވެ. އޭގެ މާނައަކީ ދުވާލަކަށް އެވްރެޖްގޮތެއްގައި 2 ބިލިއަން އެމެރިކާ ޑޮލަރ ހޭދަވެގެންދިއުމެވެ.
ހަމައެކަނި އެމެރިކާއިން ބޭނުންކޮށްފައިވާ ޓޮމާހައުކް މިސައިލްގެ އަގަށް ބަލާއިރު ކޮންމެ މިސައިލެއްގެ އަގަކީ 3.5 މިލިއަން ޑޮލަރެވެ. ފުރަތަމަ 6 ދުވަހުގެތެރޭގައި 300 ޓޮމާހައުކް މިސައިލް އެމެރިކާއިންވަނީ ބޭނުންކޮށްފައެވެ.
ޕެންޓަގަންއިން ފައިސާ ހުސްވެގެން އިތުރު 200 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެދި ކޮންގްރެސްއަށް މިހާރުވަނީ ހުށައަޅާފައެވެ. އެފައިސާ ޚަރަދު ކުރެވިގެންދާނީ އީރާނަށް ހަމަލާދިނުމުގައި ކޮންމެހެން ބޭނުންވާ ހަތިޔާރު ހޯދުމަށް ކަމުގައި އެމެރިކާގެ އޮފިޝަލަކު ވޯޝިންގޓަން ޕޯސްޓަށް ކިޔާދީފައި ވެއެވެ. އެމެރިކާގެ ގުދަންތަކުން ހަތިޔާރު މަދުވެފައި ވަނިކޮށް ރަޝިޔާއާއި ޗައިނާއާ ދެކޮޅަށް ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ވަރަށް ނާޒުކު ފައްތަރަކަށް އެމެރިކާ ވެއްޓިގެން ހިނގައިދާނެއެވެ.
އިސްރާއީލުގެ އެފް-16 ގެ ފައިޓަރ ޖެޓަކަށް ރޭ 3.45 ހާއިރު ހަމަލާދީފައިވާނެކަން އީރާނުން ވަނީ ހާމަކޮށްފައެވެ. އިސްރާއީލުން ބުނެފައިވަނީ އެ ހަމަލާގައި ފައިޓަރ ޖެޓަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އީރާނުގެ އަގުހެޔޮ މިލިޓްރީ އުފެއްދުންތަކުން އެމެރިކާގެ ކުރިއަރާފައިވާ އަގުބޮޑު ދިފާއީ ނިޒާމްތަކާއި ފައިޓަރ ޖެޓް ތަކާއި އެހެނިހެން މިލިޓްރީ އުފެއްދުންތައް ހަލާކުކޮށް ނައްތާލަމުން ގެންދިއުމުން މުސްތަގްބަލްގައި ދުނިޔޭގެ މިލިޓްރީ ބާރުވެރިކަން ފުރޮޅިގެން ހިނގައިދާނެ ކަމަށް ބެލޭވޭ ކަމުގައި މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔުގައި ހާމަކުރަމުން ގެންދާން ފަށައިފިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް