އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަޔާއި ގުޅިގެން ފިއުލް ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސްރީލަންކާގައި ބުދަ ދުވަހަކީ ވެސް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދު ދުވަހެއް ކަމުގައި ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކު ބޭއްވެވި ބައްދަލް ވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކާ ވިދާޅުވީ ކަންކަން ގޯސް ނުވާނެކަމަށް އުންމީދު ކުރުމާއި އެކު ގޯސްވެދާނެ ހާލަތަކަށްވެސް ތައްޔާރަށް ތިބެން ޖެހޭނެ ކަމުގައެވެ.
ސްރީލަންކާގައި އިއުލާންކުރި މަސައްކަތު ހަތަރު ދުވަހުގެ ހަފްތާގެ ހުކުމް އޮފީސްތަކުގެ އިތުރުން ސްކޫލްތަކާއި ޔުނިވަރސިޓީ ތަކަށް ވެސް ހިނގާނެއެވެ. ނަމަވެސް ހޮސްޕިޓަލްތަކާއި އިމިގްރޭޝަން އޮތޯރިޓީތައްފަދަ މުހިންމު ޚިދުމަތްދޭ ސަރުކާރުގެ އިދާރާތައް ބަންދެއް ނުވާނެއެވެ. އިތުރަށް ބަނދު ކުރި ހަފްތާގެ ދުވަހަކީ ބުދަދުވަސް ކަމުގައި ހަމަޖެއްސީ ބަންދު ތިން ދުވަސް ޖެހިޖެހިގެން ނުގެންނަން ކަމަށް ވެއެވެ.
ސްރީލަންކާގައި ސައިކަލް އަދި ކާރު ދުއްވާ ފަރާތްތަކުން ޚާއްސަ ފިއުލް ފާހެއް ހަދަން ވަނީ މަޖްބޫރު ކޮށްފައެވެ. އަދި މިފާސް ބޭނުން ކޮށްގެން ކޮންމެ މީހަކަށްވެސް ފިއުލް ގަނެވޭވަރު ދަނީ ކޮންޓްރޯލް ކުރަމުންނެވެ. މިގޮތުން ކާރަކަށް ވިއްކަނީ 15 ލީޓަރަށް ވާއިރު ސައިކަލަކަށް ވިއްކަނީ ފަސް ލީޓަރެވެ. މިކަމާ އާންމުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ސްރީލަންކާގައި ތެޔޮ ނުވަތަ ފިއުލް ރޭޝަން ކުރުމުގެ މަސައްކަތް ފުރަތަމަ ކުރެވުނީ 2022 ވަނަ އަހަރުއެވެ.އެއީ އެގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސް ބޭރު ފައިސާގެ ރިޒަރވް ހުސްވެ ބޭހާއި ފިއުލް ފަދަ ޒަރޫރީ ތަކެތި ގަންނަވަރަށް ވެސް ބޭރު ފައިސާ ނެތުމުގެ ސަބަބުންނެވެ.
ސްރީލަންކާގެ އިތުރުންވެސް އޭޝިޔާގެ އެހެން ބައެއް ގައުމު ތަކުންވެސް ގެންދަނީ ތެޔޮލިބުން ދަތިވެދާނެ ދުވަހަކަށް ތައްޔާރު ވުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
ގަލްފް ރީޖަނުން ބޭރުކުރާ ތެޔޮ އޭޝިޔާ ސަރަހައްހައްދަށް ގެންދަނީ ސްތްރެއިޓް އޮފް ހޮރްމޫޒް ހުރަސްކޮށެވެ. ނަމަވެސް ހަގުރާމަ ފެށުމާއި ގުޅިގެން އީރާނުން ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުކޮށްލުމާއި ގުޅިގެން ގިނަ ގައުމުތަކަކަށް ތެޔޮލިބުން ވަނީ ދަތިވެފައެވެ.
އޭޝިޔާއަކީ ދުނިޔޭގައިވެސް އެންމެ ގިނައަދަދަކަށް ތެޔޮ އިމްޕޯޓް ކުރާ ރީޖަން އަށް ވާއިރު ސްޓްރެއިޓް އޮފް ހޮރްމޫޒް ހުރަސްކޮށް މިދިޔަ އަހަރުއުފުލުނު ތެލުގެ 90 އިންސައްތަޔަކީ އޭޝިޔާ އަށް ގެންދެވުނު ތެޔޮ ކަމަށް ވެއެވެ.
ހަނގުރާމަޔާއި ގުޅިގެން އޭޝިޔާގެ ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅު ތަކަށް ބަލާއިރު، ތައިލަންޑްގައި އޮފީސްތަކުގެ އޭސީ ބޭނުން ކުރުން މަދުކުރުމަށްޓަކައި މީހުން އޮފީހަށް ދާއިރު ކޯޓު ނުލުމަށާ އަދި އަތް ކުރު ގަމީސް ލުމަށް ވަނީ އަންގާފައެވެ.
މިޔަންމާގައި ޕްރައިވެޓް ވެހިކަލްތައް މަގުމައްޗަށް ނެރެވެނީ ދެދުވަހުން އެއްދުވަހުއެވެ. މިގޮތުން ، ވެހިކަލްތަކުގެ ލައިސަންސް ޕްލޭޓްގައި އިންނަ ނަމްބަރުގެ ފަހަތު އަކުރަށް ބަލާ،ދޭކުން ގެއްލި ހުސްވާ ނަމްބަރުތަކުގެ ވެހިކަލްތައް އެއްދުވަހު ނެރެވޭއިރު ، ބާކީ އުޅަދުތައް ނެރެވެނީ އަނެއް ދުވަހުއެވެ.
ބަންގްލާދޭޝްގައި ޔުނިވަރސިޓީ ތަކުގެ ޗުއްޓީ ކުރިޔަށް ޖައްސާފައިވާއިރު ވަކި ގަޑިތަކެއް ގައި އެކި ހިސާބުތަކުން ދަނީ ކަރަންޓް ކަނޑަމުންނެވެ.
ފިލިޕީންސްގައި އޮފީސްތަކުގެ މުވައްޒަފުން ހަފްތާއަކު އެއްދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގާފައިވާއިރު ރައީސް މާކޯސް ޖޫނިއަރ ވަނީ ސަރުކާރު މުވައްޒަފުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް އަންގަވާފައެވެ.މީގެ އިތުރުން މީހުން އުފުލުމަށް ބޭނުން ކުރާ ތިން ފުރޮޅުލީ ޓްރައިސިކަލް ދުއްވާ މީހުންގެ އިތުރުން ދަނޑުވެރިންނަށާ މަސްވެރިންނަށް ސަރުކާރުން ފައިސާގެ އެހީ ދެއްވާނެކަން އިއުލާން ކުރައްވާފައިވެއެވެ.
ވިއެޓްނާމްގައިވެސް އާންމުން ވީވަރަކުން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ބައިސްކަލް އަދި ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުމަށާ، ވީވަރަކުން އަމިއްލަ ވެހިކަލްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި މިހާރު ފީފާއެއްގެ އަގުހުރީ 100 ޑޮލަރުގައެވެ.
![]()
