މަސްވެރިންނަށް ކުރިއެކޭވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ ކަމަށް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ބުނެފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯއިން) ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނެވުނުކަން އިއްޔެ ވަނީ އިޢުލާންކޮށްފައެވެ.
ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖަޢާކޮށް، ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
”މި ބަދަލާއެކު، 5 މާރިޗު 2026 ގައި މިފްކޯއިން އިޢުލާންކުރި އަގުތައް ދެމިއޮންނާނެއެވެ. މިގޮތުން މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. “ މިފްކޯއިން ބުނެފައި ވެއެވެ.
މީގެ އިތުރަށް ކުރިއެކޭވެސް އެއްގޮތަށް، މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުން ކަމަށްވެސް މިފްކޯ އިން ބުނެފައި ވެއެވެ.
![]()
