ފީލް ބާގައިގެ މީހުން ބަލިކުރެއްވިގޮތް އަހަރެމެން ހަނދާނެއް ނުނެތެއެވެ.

Loading

Facebook
Twitter
WhatsApp

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނަށް ދެވޭ ގެއްލުންތައް ދެއްކުމަށްޓަކައި ވީޑިއޯ ގޭމާއި ހޮލީވުޑް ފިލްމްތަކުގެ މަންޒަރުތައް ވައިޓް ހައުސްގެ ރަސްމީ ސޯޝަލް އެކައުންޓްގައި ބޭނުންކުރަމުން ގެންދާތީ ސީއެންއެންގެ އެންކަރ ޖޭކް ޓެޕަރ ރުޅިއަތުވެއްޖެއެވެ.

އޭގެ ތެރޭގައި މަޝްހޫރު ވީޑިއޯ ގޭމް ’ކޯލް އޮފް ޑިއުޓީއާއި‘ ’ގްރޭންޑް ތެފްޓު އޮޓޯ’ގެ މަންޒަރުތައް ހިމެނޭކަމަށްވެސް ޓެޕަރ ބުނެފައި ވެއެވެ. އަދި މަޝްހޫރު ފިލްމްތަކާއި ޓެލެވިޒަން ޝޯ ތަކުގެ މަންޒަރުތައްވެސް ’އަދުލު އިންސާފު އެމެރިކާއިން ދެކޭގޮތް‘ މި ސުރުޚީގެ ދަށުގައިވެސް ވަނީ ގެނެސްދީފައެވެ.
އެ މަންޒަރުތައް ސީ އެން އެން އިން ދައްކަމުންދިޔައިރު ލަދެއް ނުގަނޭތޯވެސް އޭނާ ވައިޓް ހައުސްއަށް ސުވާލުކޮށްފައިވެއެވެ. ވައިޓް ހައުސްއިން އެކަމާ ދެތެރޭ ފަރުވާލެއް ބަހައްޓާ ކަމަކަށް ނުވެއެވެ. އަދި އެއީ މަޖަލަށް ކުރާ ކަމެއް ކަމުގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ސްޓީވަން ޗެއޯންގް ބުނެފައި ވެއެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ވާހަކަތައް ވައިޓްހައުސް އެންމެ އެތެރޭ ވައްބުރުގެ ތެރޭގައި ދެކެވެމުންދިޔައިރު ނައިބް ރައީސް ޖޭޑީ ވޭންސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާކަންވެސް މިހާރު މީޑިއާތަކަށް ފަޅާއަރައިފިއެވެ. އެ މަނިކުފާނު ސިޔާސީ ހަރުފަތްތައް ކާމިޔާބު ކުރެއްވުމުގައިވެސް އެހެން ގައުމުތަކާއެކު އެމެރިކާއިން ކުރި ބައެއް ހަނގުރާމަތަކުގައި ބައިވެރިވެ ވަޑައިގެންފައި ވުމާއެކު އެ ކަމުގެ ހިތި ތަޖްރިބާ ހިއްސާ ކުރެއްވިކަމަށްވެސް ވެއެވެ. ހަމަ މި މޭރުމުން ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑަން ކެއިން ވެސް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނުރައްކާތެރިކަން ހާމަކުރައްވާފައިވާ ކަމަށް ވެއެވެ. ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް ވެސް ވަނީ ހަނގުރާމާ ދެކޮޅު ޝުއޫރުތައް ފާޅުކުރައްވާފައި ކަމަށް ދަ ހިލްސް ގެ ރިޕޯރޓެއްގައި ބުނެފައިވެއެވެ. އަދި ސޫޒީ ވައިލްސް ހުންނެވީ ރައީސް ޓްރަމްޕް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތާ ދޭތެރޭ ވަރަށް ކަންބޮޑުވެފައިކަމަށްވެސް ބުނެފައި ވެއެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ގޮތް ދޫނުކުރައްވާނެކަން އެނގިވަޑައިގަތުމުން ހަނގުރާމައަށް ތާއީދުކުރެއްވީ ކަމަށްވެސް ބުނެފައި ވެއެވެ.
ހަނގުރާމަކުރަން ރައީސް ޓްރަމްޕް އަށް ބާރުއަޅަމުންގެންދިޔަކަމަށްވަނީ ވައިޓް ހައުސްގެ ބޭރުންކަމަށް ބުނެވެއެވެ.
ކޮންމެއަކަށް ހަނގުރާމައިގާ ދިހަ ވަރަކަށް ދުވަސް ފާއިތުވެގެން ދިއުމުން ރައީސް ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން މީގެ 8 މަސް ދުވަސް ފަހުން ބޭއްވޭ މިޑްޓާރމް އިންތިޚާބުގައި އެ ބޭފުޅުންގެ ސިޔާސީ ހަޔާތައް އެޅެމުންދާނެ ކަޅު ހިޔަނި މިހާރުވެސް ފެނިވަޑައިގަންނަވާ ކަހަލައެވެ.
ހަނގުރާމައިގެ ހާލަތު ދިރާސާ ކުރައްވާ އެނަލިސްޓުން އިސްރާއީލުގެ ބޮޑުވަޒީރު ދުނިޔޭގައި އެބަހުރިތޯ ކުރާ ސުވާލުވެސް ގިނަ ވެއްޖެއެވެ. އޭނާގެ ގެއަށް އީރާނުންދިން ހައިބަރު ގެ ނަންދީފައިވާ މިސައިލް ހަމަލާގައި އެ ގެ ރޯވެ އަނދަމުންދިޔަ މަންޒަރު މީޑިއާތަކުންވަނީ ހާމަކޮށްފައެވެ. ފާއިތުވެގެންމިދާ ހަތަރު ދުވަހުގެ ތެރޭގައި އެއްވެސް ޕްލެޓްފޯރމަކުން އޭނާ ފެނިފައެއް ނުވެއެވެ. އަދި އޭނާގެ އެއްވެސް ހިލަމެއް ނުވެއެވެ. އޭނާއާއި ބައްދަލުކުރަން ރައީސް ޓްރަމްޕްގެ ޚާއްސަ ސަފީރު ސްޓީވް ވިކްޓޯފް އާއި ދަނބިދަރި ޖެރާރޑް ކުޝްނަރ އިސްރާއީލަށް ކުރަންއޮތް ދަތުރުވެސް ވަނީ ކެންސަލް ކޮށްފައެވެ.
12000 މީހުން މަރުވެ މާލީގޮތުން ބޮޑެތި ގެއްލުންތަކެއް އުފުލަން ޖެހުމަށްފަހު އީރާނުގެ ވެރިކަން ބަދަލުކުރުމަކާނުލައި ހަނގުރާމަ ހުއްޓާލަން ބޭނުންވާކަމުގެ ސިއްރު މަޝްވަރާތަކެއް އެމެރިކާއާއި އިސްރާއީލުން ފަށާފައިވާކަމަށްވެސް މީޑިއާގައި ފެތުރެމުން އެބަދެއެވެ. އެކަމަކު އީރާނުން އޮތީ ފަސްއެނބުރި ބަލަން ތައްޔާރަށް ނޫންކަމަށާއި އަދި އެގައުމުގެ ގިނަ ރައްޔިތުން އެދޭގޮތަކީވެސް އެއީ ކަމުގައި ބުނެފައި ވެއެވެ. ހަނގުރާމައިގެ ބިރުވެރިކަން ފެތުރެމުންދާއިރު އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި އެމެރިކާއަށް އީރާނުގެ ތަސައްވުރު ވިސްނިފައިއޮތީ ހަގީގަތާ ޚިލާފަށެވެ. އެހެންނަމަވެސް ސީ ބީ އެސް ގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގައި މިހާރު ހަރަކާތްތެރިވާނެ ސިފައިންނާއި ނޭވީންނެއް އަދި މުވާސަލާތީ ގުޅުމެއް އަދި ހަތިޔާރެއްވެސް ނެތްކަމަށާއި ދާދި އަވަހަށް މި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އެކަމަކު ހަގީގަތަކީ އީރާނުގެ 33 ވަނަ ހަމަލާ އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް އަމާޒުކުރެވިގެންދިޔައީ ދާދި ދެންމެއަކު އެވެ. ބަޙްރައިންގެ ތެޔޮ ސާފުކުރާ ކާރުޚާނާ ބިމާ ހަމަވެގެން ދިޔައީއެވެ. ގަލްފުގެ ގައުމުތަކުގައި ގާއިމްކޮށްފައިހުރި އެމެރިކާ ދިފާއީ ނިޒާމް ’ ތާޑު ’ ގެ ހަތަރުވަނަ އެއާރޑިފެންސް އެއޮތީ ހަތަރެސްފައި ބިންދާލައި ދެ ލޯ ކަނުކޮށްލާފައެވެ. އެމެރިކާ ރައްޔިތުންގެ %53 ހަނގުރާމައަށް ތާއީދެއް ނުކުރެއެވެ.
މިޑްލް އީސްޓް އެޖެންޑާގެ ރިޕޯރޓްތަކަށް ބަލާއިރު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް މިހާރުކުރަމުންގެންދާ ހަނގުރާމަ ލީޑްކުރަނީ ރަޝިޔާއިން ކަމަށް މޮސާޑުން ބޮޑުވަޒީރު ނަތަންޔާހޫއަށް އިންޒާރު ދީފިއެވެ. އިސްރާއީލުގެ އެންމެ މުހިން ހަތަރު މިލިޓްރީ ވަސީލަތެއް އީރާނުން ހަލާކު ކޮށްލާފައިވަނީ ރަޝިޔާގެ އެހީ އާއެކުގައި ކަމަށާއި އީރާނުގެ ހަމަލާތައް އަމާޒުކުރަނީ ރަޝިޔާއިން ފޯރުކޮށްދޭ އިންޓެލިޖެންސް މައުލޫމަތުގެ އަލީގައި ކަމަށްވެސް އެ އިންޒާރުގައި ބުނެފައި ވެއެވެ. އީރާނުގެ ހަމަލާތަކުގައި ހަލާކުވެގެންގޮސްފައިވަނީ ދިފާއީ ވުޒާރާއާއި މޮސާޑުގެ އިންޓެލިޖެންސް ހެޑްކުއާޓަރާއި ސިފައިންގެ އޮފިސަރުން ދިރިއުޅޭ ތަންތަނާއި އަދި މިލިޓްރީ ޝެލްޓަރތަކެވެ. އިސްރާއީލުގެ އަޔަން ޑޯމްގެ އެންމެ މުހިންމު ބެޓެރީ ނައްތާލާފައިވާއިރު ސިފައިންގެ ގިނަ ބަޔަކުވެސް ވަނީ މަރާލާފައެވެ.
ހަނގުރާމައިގެ ނުރައްކާތައް ފުޅާވަމުންދާއިރު އެމެރިކާއިން އީރާނާއި ލެބަނަންގެ ބޭންކިންގ ނިޒާމަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ސަބަބުން އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި ބޭންކުތަކާއި މާލީ ނިޒާމަތަކާއި އަދި ވިޔަފާރިއާގުޅޭ ތަންތަނަށް އީރާނުން ހަމަލާދިނުމުގެ ހައްގު ލިބިއްޖެކަން އިއުލާން ކޮށްފިއެވެ. އޭގެތެރޭގައި ގޫގުލްސް މައިކްރޯސޯފްޓް އަދި ޕަލަންޓިރ ފަދަ ކުންފުނިތައް ފާހަގަކޮށްފައިވެއެވެ. އެމެރިކާއާއިން އީރާނުގެ ބައެއް ބޭންކުތަކަށް ހަމަލާދީފައިވަނީ އާންމުކޮށް ހުޅުވާފައި ހުންނަ ގަޑީގައި އެތަނުގެ ތެރޭގައި ބޭންކުގެ މުއައްޒިފުންވެސް ތިބި ވަގުތެއްގައެވެ. ލެބަނަންގެ ރައްޔިތުންނަށް އިންޓެރެސްޓަކާ ނުލައި މާލީގޮތުން އެހީތެރިވެދީ އަދި އިންޓެރެސްޓެއް ނެތި ލޯނު ދެމުންގެންދާ މާލީ އިދާރާ އަލް ގަދްރު އަލް ހަސަންއަށް ވެސް ވަނީ ހަމަލާދީފައެވެ. އީރާނުގެ މި އިންޒާރާގުޅިގެން ޖޭ ޕީ މޯރގަން، އެޗް އެސް ބީ ސީ، އާއި ސިޓީބޭންކާއި ބައެއް އެހެން ބޭންކުތަކުގެ އޮފީސްތައް މެދުއިރުމަތީގެ ގައުމުތަކުގައި ބަންދުކޮށްފިއެވެ. އެމެރިކާއާއި އިސްރާއީލާ ގުޅުންހުރި މާލީ އިދާރާތަކާއި އެއްކިލޯމީޓަރަށްވުރެން ކައިރިނުވުމަށްވެސް އީރާނުގެ އިންޒާރުގައި ބުނެފައިވެއެވެ.
އެމެރިކާގެ ބައިމިލިއަނެއްހާ ރައްޔިތުން ގަލްފުގެ ގައުމުތަކުން ބޭރު ނުވެވި ތާށިވެފައި އެބަތިބިކަމަށް އިތުބާރުހުރި ބައެއް ރިޕޯރޓްތަކުގައި ބުނެފައި ވެއެވެ. އެމީހުންނަށް ގަލްފުގެ ގައުމުތަކުން ބޭރުވެވިދާނެ އިންތިޒާމް ހަމަޖައްސާދިނުމަށް ޚަރިޖީ ވުޒާރާ ނުކުޅެދިފައިވާކަން އެމީހުންނަށް ވަނީ އަންގާފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައިގާ އީރާނަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ އަސްލަކީ އީރާނުގައި އެމެރިކާއާއި އިސްރާއީލާ ފައިހަމަކުރެވޭ ވަރުގެ އެއާރފޯސްގެ ވަސީލަތްތައް ނެތުމުންކަމުގައި މިލިޓްރީ ތަޖްރިބާކާރުން ބުނެފައިވެއެވެ. މި ޚަބަރުތަކަށް ރައްދު ދެއްވަމުން އަހަރެމެންގެ އީމާންކަމާއި އަގީދާގައި ކީރިތި ގުރުއާނުގެ ސޫރަތުލްފީލް ހަނދާނުން ފިލައިގެން ނުދާކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރ ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް