ހައެއްކަ ދުވަހުން އީރާނު ފަތަހަކުރެވޭނެކަމުގެ ރޭވުން ހޫނުފެނަށް ވެއްޓުނު ބޮކުގެ ހާލަތަށް

Loading

Facebook
Twitter
WhatsApp

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ 3 ދުވަހު އީރާނުންދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ޑެމޯނާ ނިއުކްލިއަރ ވަސީލަތްތަކަށް ވާސިލުވެވިދާނެ މަގު ބަންދުކޮށްލާފައިވާ ކަމަށް ރަޝިޔާގެ އިންޓެލިޖެންސް މައުލޫމާތުގައި ހާމަކޮށްފިއެވެ.

ޑެމޯނާއަށް އީރާނުން ދިން ރައްދު ހަމަލާގައި އިސްރާއީލުގެ އެންމެ ފުންނާބުއުސް 11 ސައިންޓިސްޓަކާއި އައި ޑީ އެފް ގެ 6 ޖެނެރަލުން އަދި 200 ވަރަކަށް އެއާރފޯސް އޮފިސަރުންނާއި ސިފައިންގެ 450 އަށްވުރެން ގިނަމީހުން ވަނީ މަރާލެވިފައެވެ. އޭގެ އިތުރުން މޮސާޑުގެ 30 އަށްވުރެން ގިނަ އޭޖެންޓުންވެސް ވަނީ މަރާލާފައެވެ. މިއީ ތެދު މައުލޫމާތު ތަކެއް ކަމުގައި ވެއްޖެނަމަ މިއީ އިސްރާއީލުގެ މިލިޓްރީ އަދި އިންޓެލިޖެންސަށް މިހާތަނަށް ލިބިފައިނުވާވަރުގެ ބޮޑު ގެއްލުމަކަށް ވާނެކަމަށް ރަޝިޔާގެ ރިޕޯރޓުގައި ބުނެފައިވެއެވެ. ޑެމޯނާ ނިއުކްލިއަރ ވަސީލާތްތަކަކީ އިސްރާއީލުން އެންމެ ބޮޑަށް ސިއްރުކޮށް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓަމުން ގެންދާ ސަރަހައްދެވެ. ބައެއް ރިޕޯރޓްތައް ހާމަކޮށްފައިވާގޮތުގައި އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ބެން ގުވިޔަރ ވަނީ ކާރު އެކްސިޑެންޓެއްގައ ވަރަށް ބޮޑަށް ޒަޚަމްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އޭނާ ދިރިއޮވެދާނެކަމަކަށް ނުބެލެވެއެވެ. ކާރު އެކްސިޑެންޓެއްކަމަށް ބުނެފައިވަނީ އިސްރާއީލުން ހަގީގަތް ފޮރުވުމުގެ ސިޔާސަތުގެ ދަށުން ކަމަށާއި އޭނާ ޒަޚަމްވެފައިވަނީ އީރާނުންދިން ހަމަލާއެއްގައިކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އަދި ހެއްކެއްގެގޮތުން އޭނާގެ ގެއަށް މިސައިލް ހަމަލާ އަމާޒުވެ ރޯވެ އަނދަމުންދާ މަންޒަރު ވަނީ އާންމުކޮށްފައެވެ. އީރާނުން ދިން އިތުރު ހަމަލާއެއް ބޮޑުވަޒީރު ނަތަންޔާހޫގެ ގެއަށް އަމާޒުވެ އޭނާގެ ބޭބެއާއި އަންހެނުން ވަނީ މަރާލާފައެވެ. އިސްރާއީލުން އީރާނުގެ ރެޖީމް ބަދަލުކުރަން މަސައްކަތް ކުރަމުން ގެންދާއިރު ފެންނަ މަންޒަރުން އިސްރާއީލުގެ ރެޖީމް ބަދަލުވެދާނެކަމަށް ބެލެވެން ފަށައިފިއެވެ.
މެދުއިރުމަތީގެ މަސްރަޙްގައި ހަނގުރާމައި އަލިފާންގަނޑު ފެތުރެމުންދާއިރު މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަންވެސް ދަނީ ބޮޑުވަމުންނެވެ.
ހަނގުރާމައިގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު އީރާނުގެ ފަތަހަ-2 މަރުކާގެ ހައިޕަރސޯނިކް މިސައިލް ދުނިޔޭގެ މިލިޓްރީ ތަޖްރިބާކާރުންގެ ވިސްނުމަށް ހައިޖާނެއް ގެނެސްދީފިއެވެ. އެ މިސައިލްގެ އެންމެ ނުރައްކާތެރިކަމަކަށް ފާހަގަކުރެވިފައިވަނީ ޖައްވުތެރޭގައި މެކް ސްޕީޑުން 15 ގައި ( ގަޑިއަކު 18000 ކިލޯމީޓަރގެ ދުވެލީގައި ) އުދުހެމުންދާއިރ އޭގެ މިސްރާބު ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވުމާއެކު އެންމެ ޒަމާނީ ދިފާއުތަކުންވެސް އެ މިސައިލަށް ހަމަލާދިނުން ބުރައަކަށް ވެފައި އޮތުމާއި 1500 ކިލޯމީޓަރުގެ ރާސްތާއެއް ކަވަރ ކުރުމެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އަރަބިގައުމުތަކުގެ ދިފާއުގައި ކަމަށްބުނެ އެމެރިކާއިން ގާއިމް ކޮށްފައިވާ ދިފާއީ ނިޒާމްތަކުގެ އަސްލު މަގްސަދަކަށް ވެފައިމިވަނީ އިސްރާއީލު ރައްކާތެރިކުރުން ކަމުގައި އަރަބި ގައުމުތަކުގެ ވެރިންނަށް ގަބޫލުކުރެވި އެމެރިކާއާއި ދެކޮޅު ވިސްނުން ފާޅުކުރަންފަށައިފިއެވެ. އެމެރިކާގެ ކޮންޒަރވޭޓިވް ޕޮލިޓިކަލް ކޮމެންޓޭޓަރ ޓަކަރ ކާރލްސަން ޕްރޮގްރާމުގައި އެމެރިކާއިން ދުނިޔޭގެ އެންމެބިޔަ ސުޕަރޕަވަރ ކަމަށް ބުނަމުންގެންދާއިރު ގަލްފްގެ ގައުމުތަކުގައި ދިރިއުޅެމުންގެންދާ އެމެރިކާގެ އާންމުންނާއި މިލިޓްރީން ރައްކާތެރި ނުކުރެވި އެގައުމުތަކުން ފޭބުމަށް އިންޒާރުދީ އަނެއްބަޔަކު ފޮރުވާ ހެދުމަކީ ހެއްވާ ޖޯކެއް ކަމުގައި ސިފަކޮށްފައި ވެއެވެ. އީރާނުގެ ރެޖީމް ޗޭންޖް ކޮށް ނިއުކްލިއަރ ޕްރޮގަރާމް ނައްތާލައި މިލިޓްރީ އޮތީ ހަތަރެސްފައި ބިނދިފައި ކަމަށްދެކި ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ސްޓްރާޓެޖީ އެކުލަވާލަމުން ގެންގޮސް މިހާރު ރައީސް ޓްރަމްޕް އެ ހުންނެވީ ކުރިމަގު ރާވާނެގޮތެއްނޭންގި ހޫނުފެނަށް ވެއްޓުނު ބޮކަށް ވެފައިކަމަށްވެސް އެ ޕްރޮގްރާމުގައި ސިފަކޮށްފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ދުނިޔޭގެ ބާޒާރަށް ލޮޅުންއަރައި ތެލުގެ އަގު އަތްނޮފޯރާ ހިސާބަށް ހިނގައިދާނެކަމަށާއި ގައުމުތަކަށް ކޮންމެހެން ބޭނުންވާ އިލެކްޓިރިސިޓީ ފަދަ ހަކަތައިން މަހްރޫމް ވެދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ހަނގުރާމަ ހުއްޓުވިދާނެގޮތެއް ހޯދުމަށް ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓީވް ވިކްޓޯފް މެދުއިރުމައްޗަށް ފޮނުއްވަން ގަސްދުކުރައްވާފައިވާ ޚަބަރުތަކެއްވެސް މީޑިއާތަކުން ފެންނަން ފަށައިފިއެވެ. މިހާލަތުގައި އެމެރިކާއާއި އިސްރާއީލާއި ދުރު ވިސްނުމެއް ގެންގުޅޭ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ބޭނުމުގައި ޚޮރްމުޒް ކަނޑުއޮޅި ހުޅުވާލެވިދާނެ ކަމަށް އީރާނުންވަނީ ބުނެފައެވެ. މިވަގުތުވެސް ގަލްފު ތެރެއަށް ވަނުމަށްޓަކައި ޚޮރްމުޒް ކަނޑުއޮޅީގެ ބޭރުގައި 150 އަށްވުރެން ގިނަ ބޯޓުފަހަރު ތާށިވެފައި އޮތްކަމަށް ވެއެވެ.
ހަނގުރާމަ ހުއްޓާލަން އީރާނުން އެއްބަސްވާނީ އިސްރާއީލުވެސް ހިމެނޭގޮތުގައި މެދުއިރުމަތީގެ އެއްވެސް ގައުމަކުން މުސްތަގްބަލްގައި އީރާނުގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫ އަރާފާނެ އެއްވެސް ހަރަކާތެއް ނުހިންގޭވަރަށް ފިޔަތައް ކޮށާލުމަށް ފަހުގައިކަން އީރާނުންގެންދަނީ ތަކުރާރުކޮށް އިންޒާރުދެމުންނެވެ. ފިއްތުން ކުރިމަތިކޮށްގެން މި ހަނގުރާމަ ނުހުއްޓުވޭނެއެވެ.
މިލިޓްރީ އަދި ސިޔާސީ ތަޖްރިބާކާރުންގެ ރައުޔުގައި މި ހަނގުރާމަ ނިމިގެންދާނީ މެދުއިރުމަތީގެ ސިޔާސީ ވެއްޓާއި މިލިޓްރީ ބާރުވެރިކަމާއި ހަކަތައަށް އީރާނުން ބަސްވިކޭ ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ރަޝިޔާއާއި ޗައިނާއިންވެސް މަސައްކަތްކުރަމުންގެންދާ ކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައި ވެއެވެ.
މި ހަނގުރާމައިގާ ރޭގެ ވަގުތެއްގައި ލެބަނަނުން އިސްރާއީލަށްދިން ވަރަށްގިނަ ރޮކެޓް ހަމަލާތަކުގައި މެދުތެރޭ އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯރޓްކޮށްފައި ވެއެވެ. އަލްޖަޒީރާގެ ރިޕޯރޓަރ ނޫރު އުދައިހް ރާމަ ﷲ އިން ފޮނުވާފައިވާ ރިޕޯރޓްތަކުގައި ހަނގުރާމައިގެ މައިދާނުން އެއްވެސް މައުލޫމާތެއް ބޭރަށް ފޮނުވުމަކީ ބޮޑެތި އަދަބު ލިބޭނެ ކަމެއް ކަމުގައި އިސްރާއީލުން ކަނޑައަޅާފައިއޮތުމާއެކު ނޫސްވެރިންނަށް މައުލޫމާތު ހޯދުމަކީ ވަރަށް އުދަނގޫ ކަމެކެވެ. އެހެންނަމަވެސް އެންމެ ގިނަ ހަމަލާ އަމާޒު ކުރެވޭ ސަރަހައްދުތަކުގައި ދިރުއުޅޭ މީހުންގެ ފަރާތުން ވަރަށްގިނަ މައުލޫމާތު ދަނީ ލިބެމުންނެވެ. އެންމެ ފަހުގެ ހަމަލާތައް އަމާޒުވެފައިވަނީ އިސްރާއީލުގެ %44 އަށްވުރެންގިން ރައްޔިތުން ދިރިއުޅެމުންގެންދާ ސަރަހައްދު ތަކަށެވެ. އަދި އެއީ އިސްރާއީލުގެ ދިފާއީ ވުޒާރާއާއި މޮސާޑުގެ ހެޑްކުއާރޓަރާއި ބެންގޫރިއަށް އެއަރޕޯރޓްވެސް ހިމެނޭ ސަރަހައްދެވެ. ގިނަ އަދަދެއްގެ އެއާރބޭސްތަކާއި މިލިޓްރީ ބޭސްތައް ގާއިމް ކުރެވިފައިވާ ސަރަހައްދެވެ. މި ސަރަހައްދުގައި ރެޔާދުވާލު މެދުނުކެނޑި ހަނގުރާމައިގެ ޑަންޑޫރާގެ އަޑު އިވެމުންދާއިރު ސްކޫލްތަކާއި ބާޒާރު ހުޅުވައި އާންމު ހާލަތު އިއުލާން ނުކުރާނެ ކަމަށް ހައިފާގެ މޭޔަރ ގެންދަނީ ބުނަމުންނެވެ.
ލެބަނަން އިން ދެމުންގެންދާ ހަމަލާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިސްރާއީލުގެ މިލިޓްރީއަށް ލިބެނީ މިނިޓަކަށްވުރެންވެސް މަދު ވަގުތުކޮޅެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގާ މިހާރު ތުންތުންމަތިން ދެކެވޭ އެންމެ ހޫނު ވާހަކައަކީ ބަޙްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ ގައުމު ދޫކޮށް ފިއްލަވައިފިއެވެ. އެ ރަސްގެފާނުގެ ވެރިކަމުގެ ބާރެއްގެ ގޮތުގައި ބެލެވިފައިއޮތީ ޕާކިސްތާނާއި ބައެއް އެހެން ގައުމުތަކުގެ ހަނގުރާމަވެރިންނާއި އިނގިރޭސީންނާއި އެމެރިކާގެ މިލިޓްރީ ބޭސް ތަކެވެ. އެ ގައުމުގައި ވަރަށް ބިޔަ ނިއުކްލިއަރ ފެސިލިޓީ ތަކެއް ހުރީ ގާއިމްކޮށްފައެވެ. އަދި ސައޫދީ އެރޭބިއާއާއި ގުޅުވާދޭ ބޮޑު ބްރިޖެއް ހުރެއެވެ. އެއީ މައިގަނޑުގޮތެއްގައި ސައޫދީ އެރޭބިއާއިން ހުއްދަ ނުކުރާ ބުއިންތަކާއި ޖުވާކުޅުމާއި ދެ ޖިންސުން މަސްހުނިވެ އުޅުމުގެ ބޭނުމުގައި އައިސް ގޮސްވާ މުއްސަނދިންގެ އެއްގަމު އުޅަނދުފަހަރުން އަބަދުހެން ތޮށްޖެހިފައި އޮންނަ ބްރިޖެކެވެ.
އިއްޔެގެ ވަގުތެއްގައި އެ ބްރިޖް ތޮށްޖެހިފައިއޮތީ ރަސްގެފާނު ފިއްލަވައި ވަޑައިގަތުމުގެ އިންތިޒާމް ތަކުންނެވެ. އުންމީދު ކުރެވޭ ގޮތުގައި ވަރަށް ކައިރިމުސްތަގްބަލެއްގައި ބަޙްރައިނުގެ ރައްޔިތުން އިސްލާމިކް ރިޕަބްލިކެއްގެ ނަން އިޚްތިޔާރު ކުރުން ފެނިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް