ހަނގުރާމައިގެ ޒޯނެއްގައި ފްރެންޑްލީ ފަޔަރގައި ފައިޓަރޖެޓް ވެއްޓޭ ވާހަކައަކީ ޖޯކެއް

Loading

Facebook
Twitter
WhatsApp

އީރާނަކީ ވަރަށް ބޮޑު ގައުމެކެވެ. ތައުލީމާއި ހުނަރުވެރި ރައްޔިތެއް އެކުލެވޭ ގައުމެކެވެ. އެއީ ސަހަރާގެ ތެރޭގައި ކުނިއުކާލަން އޮތް ބޭކާރު ބިމެއް ނޫނެވެ. އެއީ އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ގައުމެއްވެސް ނުމެ ނޫނެވެ. އީރާނަކީ އިރާގެއް ނޫނެވެ. އަދި ލީބިޔާއެއްވެސް ނޫނެވެ. 90 ވަރަކަށް މިލިއަންމީހުން ދިރިއުޅޭ ގައުމެކެވެ.

ޖަރުމަނާއި ތުރުކީއަށްވުރެން އެ ގައުމުގެ އާބާދީ ގިނައެވެ.
ސާޅީސް އަހަރުވާންދެން އެމެރިކާއާއި ޔޫރަޕުން ކުރިމަތިކޮށްފައިވާ އިގްތިސާދީ ފިއްތުންތަކާ އެކުގައިވެސް މިއަހަރުގެ މިހާތަނަށް އީރާނުގެ ޕާރޗޭޒިންގ ޕަވަރ ނުވަތަ ޕީޕީޕީ އަކީ 1.93 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. އީރާނަކީ މިއަދުގެ ހާލަތުގައި މެދުމިނުގެ އިގްތިސާދެއްގެ ގައުމެކެވެ. އާބާދީގެ ނިސްބަތުން ޖީ ޑީ ޕީ އަކީ މިއަދުވެސް ގާތްގަނޑަކަށް ބޮލަކަށް 22 ހާސް އެމެރިކާ ޑޮލަރެވެ. ދުނިޔޭގެ އިގްތިސާދުގައި 25 ވަނަ މަގާމުގައި އޮތީ މިހާރުވެސް އީރާނެވެ. ދުނިޔޭގައި މިވަގުތު ފެންނަންހުރި އެންމެ ނުރައްކާތެރި މިސައިލްތަކަކީ އީރާނުގެ އުފެއްދުންތަކެކެވެ. އަދި އެއީ ވަރަށް ގިނަ އަދަދެކެވެ. އޭގެތެރޭގައި ތިންހާހަށްވުރެން ގިނަ ބެލިސްޓިކް މިސައިލްވެސް ހިމެނެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަކީ ޖާލޫތާއި ދާއޫދުގެފާނުގެ ކުރިމަތި ލެއްވުން ކަމަށް ބައެއް މީޑިއާތަކުގައި ގެންދަނީ ސިފަކުރަމުންނެވެ. އާންމުގޮތެއްގައި ދިފާއީ ނިޒާމްތައް ފަރުމާކުރަމުންގެންދަނީ ބާރުދުވެލީގައި އަންނަ ދަގަނޑުގެ ބާވަތްތަކުން އުފައްދާ މިސައިލްތައް ނައްތާލުމަށެވެ. މިފަންނުގައި އީރާނުން ފަރުމާކޮށްފައިވާ ކަމިކާޒީ މިސައިލްތައް ހަނގުރާމައިގެ މައިދާނަށް ނެރުމުން މިސައިލް ޓެކްނޯލޮޖީގެ ފަންނުގައި ތިބި އެންމެ ފުންނާބުއުސް ސައެންސްވެރިންނަށް ލިބިފައިވަނީ ކުއްލި ސިހުމެކެވެ. އީރާނުގެ އީޖާދުގައި މިސައިލްތަކުގެ ބޭރުގައި ލަކުޑި ފްރޭމެއް ބޭނުންކޮށަފައިހުރުމުގެ ސަބަބުން ދަގަނޑުން ފަރުމާކޮށްފައި ހުންނަ ތޮށިގަނޑު ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ ދިފާއީ ނިޒާމްތަކަށްވެސް ވަނީ އޮޅުން އަރާފައެވެ. ބަލްސާ ލަކުޑިން އުފައްދައި ފައިބަރގްލާސްޖަހައި ބޭރު ތޮށިގަނޑު ފުރިހަކޮށްފައިވާ ކަމިކާޒީ މިސައިލް ދެނެގަނެވޭ ކަމަކަށް ނުވިއެވެ. ފައިބަރ ގްލާސް އަކީ އޭގެޒާތުގައި މެގްނެޓިކް ވޭވްސް އެއާ ދުރުކޮށްދޭ އެއްޗެއް ކަމަށް ބުނެވެއެވެ. ހޫނު މަޑުކުރުމުގެ ބޭނުމުގައި އިންޖީނުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ގިނަ އަދަދެއްގެ ކުދިކުދި އިލެކްޓްރިކް މޯޓަރ ތަކެކެވެ. އެދުހެމުންގެންދަނީ ދޫނިތައް އުދުހޭ އުސްމިނުގައި ތިރިންނެވެ.
އެމެރިކާއާއި ޔޫރަޕުން ކުރިމަތި ކޮށްފައިވާ އިގްތިސާދީ ފިއްތުންތަކާއެކުގައިވެސް އީރާނުން ވަނީ މިލިޓްރީ އާއިޖާދުތައްކޮށް އާ އުފެއްދުންތައް އުފައްދާފައެވެ. އީރާނަކީ ނާކާމިޔާބު އަދި ދުނިޔެއިން ބާކީ ކުރެވިފައިވާ ގައުމަކަށް ނުހެދުނެވެ. އީރާނުގެ ރައްޓެހިންނާއި ބައިވެރިންވެސް އެބަ ތިއްބެވެ. ބާރުގަދަ ގައުމުތަކުގެ ފިއްތުންތަކާއެކުގައިވެސް އަޅުވެތިކަން ގަބޫލުކުރަން ނުޖެހޭނެކަން އީރާނުން ގެންދަނީ ސާބިތުކޮށްދެމުންނެވެ.
އީރާނުގެ ބިމުގައި އީރާނުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން ދެހާސް ޗައިނާގެ ސިފައިން އެބަތިބިކަން އެނގިފައިވާކަމަށް އެމެރިކާ ސިފައިންގެތެރޭގައި ކުރިން ކާނަލްއެއްގެ މަގާމުގައި މަސައްކަތްކޮށްފައިވާ ޑަގްލަސް މެގްރެގަރ ބުނެފިއެވެ. އަދި މުޅިން އާ ވައްތަރުތަކުގެ މިސައިލްވެސް ޗައިނާއިން ވަނީ ފޯރުކޮށްދީފައެވެ. އޭގެތެރޭގައި މަނަވަރުފަހަރު ފައްތާލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްވެސް ހިމެނެއެވެ. އަދި މިނޫނަސް ފާރަލުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ނިޒާމްތައްވެސް ހިމެނެއެވެ. ޗައިނާގެ ސީ އެމް-302 މަރުކާގެ ސުޕަރސޯނިކް އެންޓައިޝިޕް އާއި އަދި މިސައިލް ގަތުމާބެހޭ މަޝްވަރާތައް ޗައިނާއާއި އީރާނާދެމެދު ކުރެވެމުންދާ ކަމަށް ރޮއިޓާރސް އިން ވަނީ ޔަގީންކޮށްދީފައެވެ. ޗައިނާގެ ޖޭ ވައި 27-އޭ މަރުކާގެ ރާޑަރ މިހާރުވެސް ވަނީ އީރާނަށް ފޯރުކޮށްދީފައެވެ.
އީރާނަކީ ދުނިޔެއިން އެކަހެރިކުރެވިފައިވާ ގައުމެއް ނޫނެވެ. ރަޝިޔާއާއި ޗައިނާގެ އެހީގައި އީރާނަކީ މިއަދު މިލިޓްރީގޮތުންވެސް ފާހަގަކުރެވޭ ގައުމެކެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާންތަކުގައި މިކަން ވަރަށް ރަނގަޅަށް ހާމަވެއްޖެއެވެ.
އެމެރިކާގައިހުރި 4 ވަނަ އަދި 5 ވަނަ ޖެނެރޭޝަންގެ ހަނގުރާމަމަތީ މަތިންދާބޯޓުފަހަރާއި އޭގެ ހަރަކާތްތަކާއި ދުވެލިވެސް އިންސާނުން ހައިރާންކުރުވާނެއެވެ. މިއީ އެނގިފާޅުވެފައިވާ ހަގީގަތްތަކެކެވެ. އެކަމަކު އީރާނުގެ މިސައިލްތަކުގައި ބޭނުންކޮށްފައިހުރި ޓެކްނޯލޮޖީއާއި އޭގެ ހަރަކާތްތަކާއި ދުވެލި އެނގޭ މީހަކު ނެތެވެ. ގަލްފް ސަރަހައްދުގައިހުރި އެމެރިކާގެ މިލިޓްރީ ބޭސްތައް ބިމާހަމަކޮށް އީރާނުގެ ހަމަލާތައް އިސްރާއީލަށްވުރެން މާދުރަށްވެސް ނުދާނެއޭ ބުނާކަށް ނޭންގެއެވެ. އެމެރިކާގެ ވަސީލަތްތަކަށް އީރާނުން ފާރަލަމުން ގެންދާ ކަމާއި އެ ހަރަކާތްތައް ހިންގެނީ ރަޝިޔާއާއި ޗައިނާގެ އެއްބާރުލުމާ އެކުގައިކަން ކަށަވަރުކުރެވެއެވެ. ޔޫކްރެއިން ހަނގރާމައިގާ އެމެރިކާއިން ފޯރުކޮށްދޭ މިލިޓްރީ ހަތިޔާރުތައް އޮޕަރޭޓްކުރާނެގޮތް ދަސްކޮށްދީ އަމަލީގޮތުން އެހީތެރިވުމުގައި އެމެރިކާ ސިފައިން ބައިވެރިވަމުން ގެންދާ ފަދައިން ޗައިނާގެ ޒަމާނީ ހަތިޔާރު އޮޕަރޭޓް ކުރާނެގޮތުގެ ތަމްރީނުދީ އަދި އަމަލީގޮތުން ޗައިނާގެ ތަޖްރިބާކާރުން އީރާނުގެ ސިފައިންނާއެކުގައި މަސައްކަތްކުރުމަކީ މައްސަލައަކަށް ވެގެން ނުވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކިމް އިވަރސަން ޕްރޮގްރާމްގައި ވާހަކަދައްކަމުން ސީ އައި އޭ ގެ ކުރީގެ އެނަލިސްޓް ލެރީ ޖޯނަސަން ބުނެފައިވެއެވެ. ފާއިތުވެގެންދިޔަ 4 ދުވަހުގެ ތެރޭގައި އީރާނުން ވަނީ އެމެރިކާގެ އީގަލް މަރުކާގެ 5 ފައިޓަރ ޖެޓް ވައްޓާލާފައެވެ. އެއީ އެމެރިކާއިން ހާމަކުރަމުންގެންދާ ބަހުރުވައިގާ ފްރެންޑްލީ ފަޔަރ ގައެއް ނޫނެވެ. އަމުދުން ހަނގުރާމައިގެ ޒޯނެއްގައި 4 ދުވަހުގެ ތެރޭގައި ފްރެންޑްލީ ފަޔަރގައި 5 ފައިޓަރޖެޓް ވައްޓާލައިފި ކަމަށް ބުނުމަކީ ކޮމެޑީއެކެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގާ އެމެރިކާއަށް ލިބޭ އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބަހްރައިނާއި ގަތަރ އަދި އެމިރެޓްސްގައި ހަރުކޮށްފައިވާ 5 ރާޑަރެއް ވަނީ ހަލާކު ކޮށްލާފައެވެ. މިއީ މުޅި ދުނިޔެއަށް ފާރަލާން އެމެރިކާއިން ބޭނުންކުރާ ރާޑަރ ތަކެކެވެ. އޭގެތެރެއިން 3 ރާޑަރެއްގެ އަގަކީ ކޮންމެ އެއްޗެއް 500 މިލިއަން ޑޮލަރެވެ. އަނެއް 2 ރާޑަރުންކުރެން ކޮންމެ އެއްޗެއްގެ އަގަކީ 1 ބިލިއަން ޑޮލަރެވެ. ބަހްރައިންގައި ހުރި ރާޑަރ ވަނީ މުޅިން ބިމާހަމަކޮށްލާފައެވެ. ދެންހުރި ރާޑަރތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައެވެ. އެމެރިކާއިން ދުނިޔޭގެ ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ތާޑް ގެ ނަމުން މަޝްހޫރު ވެފައިވާ ދިފާއީބެޓްރީގެ ތިރީސް އިން ސައްތަ އީރާނުންމިހާރު ވަނީ ނައްތާލާފައެވެ.
ޖޫން 12 ދުވަހުގެ ހަނގުރާމައިގާވެސް އެމެރިކާއާއި އިސްރާއީލުން ގެންދިޔައީ އެމެރިކާގެ ދިފާއީ ނިޒާމް ފުރިހަމައަށް ބޭނުން ކުރަމުންނެވެ. އެދުވަސްވަރު އީރާނުގެ ހަމަލާތަކުގެ ފުރިހަމަ މައުލޫމާތު 15 ވަރަކަށް މިނިޓްކުރިން ލިބެމުންދިޔައެވެ. އެކަމަކު މިހާރު ގަލްފުގެ ގައުމުތަކުގައި ބަހައްޓާފައިހުރި އަގުބޮޑު ދިފާއީ ރާޑަރތައް ބިމާހަމަކޮށްލާފައި އޮތުމުގެ ސަބަބުން އެ މުއްދަތު މިނިޓަކަށްވުރެންވެސް ކުޑަވެއްޖެއެވެ. މާނައަކީ ސަލާމަތް ވުމުގެ ފުރުސަތު މުޅިންހެން ގެއްލިގެންދިޔައީއެވެ.
ހިންދުސްތާން ޓައިމްސްގެ ޚަބަރުގައި ބުނެފައިވާގޮތުން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ ރައްޔިތުންގެ ޓެކްސް ފައިސާއިން އެވްރެޖްގޮތެއްގައި ދުވާލަކު 890 މިލިއަން ޑޮލަރ ޚަރަދުވެގެންދާކަން ވަނީ ހާމަވެފައެވެ. އެންމެ ފުރަތަމަ ހައެއްކަ ގަޑިއިރުތެރޭގައި އެކަނިވެސް 3.7 ބިލިއަން ޑޮލަރގެ ގެއްލުންވަނީ އުފުލަން ޖައްސާފައެވެ. އެމެރިކާގެ ރައްޔިތުން ކިހާދުވަހެއްވަންދެން މި ޚަރަދުކުރަން ރުހިގެން ތިބެދާނެތޯ ސުވާލު އުފެދެއެވެ. ދެމަހެއްހާ ދުވަހަށް ހަނގުރާމަ ދެމިގެން ހިނގައްޖެނަމަ އެމެރިކާގެ ތިޖޫރީން 95 ބިލިއަން ޑޮލަރ މިހަނުގާރަމައަށް ހޭދަކުރެވިގެންދާނެއެވެ. މި ޚަބަރުތައް ތިލަވެފައިވާއިރު މިކަމާބެހޭގޮތުން ޕެންޓަގަނުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެމެރިކާގެ ޑެލްޓާފޯސް އަކީ ދާދިފަހުން ވެނެޒޫލާގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަބަލުން ވަގަށް ނަގައިގެން ގެންދިޔަ ގޮތަށް ގައުމުތަކަށް ވަގަށް އަރައި އެ ގައުމުތަކުގެ ވެރިން ވަގަށްނެގުމަށް ހަރަކާތްތެރިވަމުންގެންދާ ޚާއްސަ ޓީމެކެވެ. މިފަހަރު އީރާނަށް އަރައިގަތް ޑެލްޓާފޯސްގެ ޓީމް ވަނީ އީރާނުގެ އިންގިލާބީ ސިފައިން އަތްދަށުވެ ޚާއްސަ ޖަލެއްގައި ބަންދުކޮށްފައެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ހަތިޔާރު ނެތްކަމަށް އެމެރިކާގެ ޗެއަރމަން އޮފް ޖޮއިންޓް ޗީފް އޮފް ސްޓަފް ޖެނެރަލް ޑަންކެއިން ރައީސް ޓްރަމްޕް އަށް އިންޒާރު ދީފިކަމަށް މިޑްލް އީސްޓް މޮނިޓަރުން ވަނީ ރިޕޯރޓްކޮށްފައެވެ. މި އިންޒާރަށްވެސް ރައީސް ޓްރަމްޕް ދެއްވާފައިވަނީ އެމެރިކާގައި އެތައް ބައިވަރު ހަތިޔާރު އެބަހުރިކަމަށާއި ރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ ހަނގުރާމަ ކާމިޔާބު ކުރެވޭނެކަމަށްބުނެ ވިޔަފާރިވެރިންދޭކަހަލަ ޖަވާބެކެވެ.
ގްލޯބަލް ޑިކޯރޑަރގެ ޚަބަރުތަކަށް ބަލާއިރު ރޭގެ ވަގުތެއްގައި އީރާނުން ދޭންފެށި ވަރުގަދަ ހަމަލާތަކުގައި މެދުއިރުމަތީގައިހުންނަ އެމެރިކާގެ ވައިގެ ހަމަލާތަކުގެ މައި މަރުކަޒު ސައޫދީ އެރޭބިއާގެ ޕްރިން ސުލްތާން އެއަރބޭސްއަށް ވަނީ އަމާޒުކޮށްފައެވެ. ދުނިޔޭގައި ތެލުގެ އަގު އެއްވެސް ހިފޭއްޓުމެއްނެތި އުފުލެމުންދާއިރު މެދުއިރުމަތީގައި އެމެރިކާގެ ބާރު ނެތިގެންދާ ކަމުގެ ކޮޅުމަތިވެސް ދަނީ ފެންނަމުންނެވެ. ދުނިޔޭގެ ބާޒާރުގައި ބޭނުންކުރެވޭ ތެލުގެ ހިއްސާއަށް އަންނަ ކޮންމެ ނުރައްކާތެރި ލޮޅުމަކީ މުޅި ދުނިޔޭގެ އިގްތިސާދު އުފުލަން ޖެހޭނެ ބުރައެކެވެ.
ސްޓްރޭޓް އޮފް ޚޮރްމުޒް ބަންދުކޮށްލުމުން ދުނިޔޭގެ އިގްތިސާދު އަރިއަޅާލައިގެންދާނެއެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑު ހިއްސާއެއް ހުއްޓުމަކަށް އައުމާއި ބޮޑެތި އިންވެސްޓްމެންޓްތައް ހުއްޓުމަކަށްއައިސް ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ދިއުންފަދަ އެތައް ގެއްލުމަކަށް ދުނިޔޭގެ އިގްތިސާދު ހުރަހޮޅިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް