ރާއްޖޭގެ ސިޔާސީ މަސްރަހުން 'ސަލާމީ ޓެކްޓިކް'ގެ އުކުޅު

Loading

Facebook
Twitter
WhatsApp
news

’ސަލާމީ ޓެކްޓިކް‘ މި އިބާރާތަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމި، އިރުމަތީ ޔޫރަޕުގެ ގައުމުތައް ސޯވިއެޓް ޔުނިއަންގެ ނުފޫޒުގެ ދަށަށް ގެނައީ ކިހިނެއްކަން ބަޔާންކުރައްވަމުން ހަންގެރީގެ ކޮމިއުނިސްޓު ލީޑަރަކު ކަމުގައިވާ ރައޯސްކީ ބޭނުންކުރެއްވި އިބާރާތެކެވެ. އާދެ، އިރުމަތީ ޔޫރަޕުގެ ގައުމުތަކުގައި ކޮމިއުނިސްޓުންނާ އިދިކޮޅު ސިޔާސީވެރިންނާއި ސިޔާސީ ޕާރޓީތައް، މަޑުމަޑުން، ދުރުކޮށް މުޅި ގައުމު ކޮމިޔުނިސްޓުންގެ އަތްދަށަށް އަންނަ ގޮތް ސޯވިއެޓުން ހެދީ ކިހިނެއްކަން ބަޔާންކުރައްވަމުން ބޭނުންކުރެއްވި އިބާރާތެކެވެ.

1945ގައި ދެވަނަ ބޮޑުހަނގުރާމަ، ނިމުމަކަށް އައިއިރު، އިރުމަތީ ޔޫރަޕުގެ ގައުމުތައް ވަނީ ސޯވިއެޓު ޔުނިއަންގެ އިހުތިލާލުގެ ދަށުގައެވެ. ޕޯލަންޑު، ހަނގެރީ، ބަލްގޭރިޔާ ރޫމޭނިޔާ، މިގައުމުތަކެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުމުގެ ކޮޅުމަތި ފެނުމުން، ހަނގުރާމައިގެ މުއުތަމަރުތަކޭ ކިޔައި ނަންދެވުނު މުއުތަމަރުތައްކަމުގައިވާ ތެހެރާނު މުއުތަމަރާއި (1943) ޔާލްޓާ މުއުތަމަރާއި (ފެބުރުއަރީ 1945) ޕޮޓްސްޑޭމް މުއުތަމަރު (މޭ 1945) ބޭއްވުނެވެ. ހަނގުރާމައިގައި ކާމިޔާބު ލިބުނު އިއްތިހާދީންގެ ބޮޑު ތިންބާރުކަމުގައި ހިމެނުނު އިނގިރޭސިވިލާތާއި އެމެރިކާއާއި ސޯވިއެޓް ޔުނިޔަން ބައިވެރިވެގެންގެންނެވެ. މި މުއުތަމަރުތަކުގައި އިރުމަތީ ޔޫރަޕުގެ ގައުމުތަކާ މެދު ކަންތައް ކުރާނެ ގޮތަކާމެދު ބަހުސުކުރެވުނެވެ. އަދި، ޔާލްޓާއާއި ޕޮޓްސްޑޭމްގެ ދެ މުއުތަމަރުގައި ނަންގަނެވި ދިޔަ އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް މިނިވަންކަންދީ، އެ ގައުމުތަކުގައި މިނިވަން އިންތިޚާބުތައް ބާއްވައި އެގައުމުތަކުގެ މީހުންނަށް އެމީހުންގެ ގައުމީ ކަންތައްތައް ހިންގާލުމުގެ އިޚުތިޔާރާއި ބާރު ދިނުމަށް ބޮޑު ތިން ބާރު ވެސް އެއްބަސް ވިއެވެ.

ކުރިން ނަންގަނެވުނު ފަދައިން، ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު، އިރުމަތީ ޔޫރަޕުގެ މިންނަގަތް މިގައުމުތައް އޮތީ ސޯވިއެޓު ޔުނިއަންގެ ބާރުގެ ދަށުގައެވެ. ހަނގުރާމަ ނިމުމުން، ހަނގުރާމައިގެ މުއުތަމަރުތަކުގައި އެއްބަސްވި ފަދައަކުން ސޯވިއެޓު ޔުނިއަނުން ކަނތައްތައް ކުރިއަކަށް ނުގެންދެއެވެ. އިރުމަތީ ޔޫރަޕުގެ ގައުމުތަކަށް ފުރިހަމަ މިނިވަންކަންދީ އެގައުމުތަކުގައި މިނިވަން އިންތިޚާބެއް ބާއްވާކަށް ބޭނުމެއް ނުވިއެވެ. ސޯވިއެޓު ޔުނިއަނުން ބޭނުންވީ އެމީހުންގެ ނުފޫޒުގެ ދަށުގައި ’ކޮމިއުނިސްޓު ބައިގެ‘ ތެރޭގައި މި ގައުމުތައް ބޭއްވުމަށެވެ.

ސޯވިއެޓް ޔުނިއަންގެ މި މަގުސަދު ހާސިލުކުރުމަށްޓަކައި އެމީހުންގެ އިހުތިލާލުގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޔޫރަޕުގެ ގައުމުތަކުގައި އެންމެ ފުރަތަމައިން، ތަފާތު ފިކުރުތަކުގެ މައްޗަށް އެކުލެވޭ ތަފާތު ޕާރޓީތަކުގެ ފުޅާ އިއްތިހާދެއް އުފެއްދިއެވެ. ދެން، ވެރިކަން ކުރުމަށް އޮތް އިއްތިހާދުން، ކޮމިއުނިސްޓުން ފިޔަވައި، އެހެން ޕާރޓީތައް، ޕާރޓީއަކަށް ފަހު ޕާރޓީއެއް، ދުރުކޮށް ބޭރުކުރިއެވެ. އަދި، ކޮމިޔުނިސްޓު ފިކުރާ އިދިކޮޅު، އާންމުންގެ ތާއީދު ލިބިދާނެ އެހެން އެންމެން ސިޔާސީ މަސްރަހުން ބޭރުކުރެވުނެވެ. ބަންދުކޮށް، ނޫނީ އަރުވާލައި ނޫނީ މަރާލައިގެންނެވެ. މިގޮތަށް ކަންތައްކޮށް، ކޮމިޔުނިސްޓުންގެ އަތް މައްޗަށް ވެރިކަން، އަންނާނެ ގޮތް ކަށަވަރުކުރިއެވެ. މިފަދައިން، ކޮމިޔުނިސްޓުންނާ އެނޫން މީހުން ވަކިކޮށް، ބައިބަޔަށް މީސްތަކުން ބައިކޮށް، ކޮމިޔުނިސްޓު ފިކުރާ އިދިކޮޅު މީހުން، ’ސަލާމީ މަސް އަރިއެއް‘ ކޮށައި ފޮތިކޮށް ބައިބައިކޮށްލާ ފަދައިން، މީހަކަށް ފަހު މީހެއް ނެތިކޮށް، ގައުމުގެ ސިޔާސީ ބާރު ކޮމިޔުނިސްޓުންގެ އަތް މައްޗަށް ގެނައުމުގެ އުކުޅަށް ’ސަލާމީ ޓެކްޓިކް’އޭ ކިޔެއެވެ.

’ސަލާމީ ޓެކްޓިކް‘ ބޭނުންކުރާތަން ދުނިޔޭގެ އެކިއެކި ގައުމުތަކުން ފެނެއެވެ. ވަކިން ޚާއްސަ ގޮތެއްގައި ޑިމޮކުރަސީގެ ސަގާފަތެއް އަށަގަނެ ހަގީގީ ޑިމޮކުރަސީގެ ވެރިކަމެއް ގާއިމުވެފައި ނުވާ ގައުމުތަކުގައެވެ. މިފަދަ ގައުމުތަކުގައި ސިޔާސީ މައިދާން އޮންނަނީ ވަކި ބަޔަކު މަސައްކަތްކުރުމަށް ޚާއްސަވެފައެވެ. އަދި މި މައިދާނުގައި މަސައްކަތްކުރުމުގެ މައިގަނޑު އަމާޒަކީ ގައުމާއި ވަތަނަށްޓަކައި މަސައްކަތްކުރުމެއް ނޫނެވެ. ގައުމުގެ އަބުރާއި އިއްޒަތް، ޝަރަފާއި ކަރާމަތް ރައްކާތެރި ކުރުމެއް ނޫނެވެ. އަދި ވަތަން ތަރައްގީކޮށް ކުރިއެރުވުމެއް ވެސް ނޫނެވެ. އެއީ ސާނަވީ ކަމެކެވެ. ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމުގެ މައިގަނޑު ބޭނުމަކީ އަމިއްލަ ޒާތީ މަސްލަހަތާއި ފައިދާއެވެ. ވެރިކަން ކުރާ މީހެއްގެ ނުވަތަ ބައެއްގެ ބާރުގެ ދަށަށް ގައުމުގެ ޚަޒާނާ ގެނެސް، އެމީހަކު ނުވަތަ އެބަޔަކު ހިތް އެދުނު ގޮތެއްގެ ގައުމުގެ ޚަޒާނާއި މެދު ކަންތައް ކުރެވޭ ގޮތް ހެދުމެވެ.

އެހެންވެ، ސިޔާސީ މައިދާނަށް ނިކުމެ، ވެރިކަމުގެ ގޮނޑިއަށް ވާސިލުވެވުމުން، ދެން، ވެރިޔާގެ އެންމެ މުހިއްމު މަސައްކަތަކަށް ވަނީ ވެރިކަމުގައި އުމުރަށް ނޫނީ ވީހާ ވެސް ދިގު މުއްދަތަކަށް ދެމިހުރެވޭނޭ ގޮތް ހެދުމެވެ. ސިޔާސީ ވާދަވެރިން ނައްތާލައި އަދި ފިކުރީ ގޮތުން މުސްތަގިއްލު ފިކުރެއްގެ ސިޔާސީ މީހަކު އުފެދި އެފަދަ މީހަކު ސިޔާސީ މައިދާނަށް ނިކުތަ ނުދީ ފާރަވެރިވެގެންނެވެ.

މީގެ މިސާލުތައް ޑިމޮކުރަސީގެ ހަގީގީ ސަގާފަތެއް ގާއިމުވެފައި ނެތް ގައުމުތަކުން ފެނެއެވެ. މިސާލެއްގެ ގޮތުން، އަޅުގަނޑުމެންގެ ހަޔާތުގައި ފެނިގެން ދިޔަ ބައެއް ގައުމުތަކުގެ ލީޑަރުންނަށް ބައްލަވާލައްވާށެވެ. ސީރިޔާގެ ކުރީގެ ރައީސް ހާފިޒު އަލްއަސަދެވެ. ވެރިކަމުގައި ތިރީހަކަށް އަހަރު ހުންނެވިއެވެ. 1971 ފެށިގެން 2000ވަނަ އަހަރު އަވަހާރަވެއްޖައުމަށް ދާންދެނެވެ. ލީބިޔާގެ މުއްމަރު ގައްޒާފީއެވެ. ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރެއްވިއެވެ. 1968 އިން ފެށިގެން 2010 ގައި އަވަހާރަކޮށްލެވުމަށް ދާންދެން ވެރިކަން ކުރެއްވިއެވެ. މިސުރުގެ ރައީސް ހުސްނީ މުބާރަކެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވިއެވެ. 1981 އިން ފެށިގެން 2011 އާ ހަމައަށް ވެރިކަންކުރެއްވިއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލާލި ނަމަވެސް ފެންނަނީ ހަމަ މި މަންޒަރެވެ. ރައީސް އަމީން އަށެއްކަ އަހަރު ވެރިކަން ކުރެއްވިއެވެ. ބޮޑުވަޒީރެއްގެ ގޮތުގައްޔާއި އަދި ރައީސްގެ ގޮތުގައެވެ. ނަވާރަސަތޭކަ ސާޅީހުގެ މެދެއްހާ ހިސާބުން ފެށިގެން 1953 ވަނަ އަހަރުގެ އޯގަސްޓު މަހާ ހަމައަށެވެ. ރައީސް ނާސިރު 21 އަހަރު ވެރިކަން ކުރެއްވިއެވެ. ނަވާރަ ސަތޭކަ ފަންސާހުގެ ފަހުގެ އަހަރުތަކުގެ ހިސާބުން ފެށިގެން 1978ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށެވެ. ދެން ރައީސް މައުމޫނެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވިއެވެ. 1978ވަނަ އަހަރުން ފެށިގެން 2008ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށެވެ.

ކުރިން ވެސް ނަންގަނެވި ދިޔަ ފަދައިން، ޑިމޮކުރަސީގެ ސަގާފަތެއް އަށަގެންފައި ނުވާ ގައުމުތަކުގައި ވެރިކަމަށް އިސްވާ ވެރިޔެއްގެ މައިގަނޑު މަގުސަދަކަށް އޮންނަނީ ވެރިކަމުގައި ދެމިހުރެވޭނޭ ގޮތް ހެދުމެވެ. މިކަމުގެ އެންމެ މުހިއްމު ވަސީލަތަކަށް ވެފައި އޮންނަނީ ކުރިން ބަޔާންކޮށްދެވުނު ’ސަލާމީ ޓެކްޓިކް’ގެ އުކުޅެވެ. އިދިކޮޅު ވާދަވެރި މީހުން ނައްތާލުމެވެ. ދެން، ވެރިކަމަށް އެކަށީގެންވާ ގާބިލުކަން، އާދެ، އެކަމުގެ އިލްމުވެރިކަމާއި ހުނަރު ހުރި މީހުން އުފެދުނަ ނުދިނުމަށް މަސައްކަތްކުރުމެވެ.  ސަލާމީ ޓެކްޓިކްގެ މި ސިޔާސީ އުކުޅު ރާއްޖޭގައި ތަމްސީލުވެގެން ދިޔަ ގޮތުގެ ބައެއް މަންޒަރު ސިފަކޮށްލެވޭތޯ ބަލާލާނަމެވެ. ނަމަވެސް އޭގެ ކުރިން، ރެކޯޑު ކުރެވިފައިވާ މިކަމުގެ ހަގީގަތް ހިތަށް ގެނެސް ގަތުމަށްޓަކައި ބޭރު ދުނިޔޭގެ ވާހަކައެއް ލިޔެލާނަމެވެ. އެ މަންޒަރު ތާރީޚަށްޓަކައި ރެކޯޑުވެސް ކުރެވިފައި އޮތުމާއެކު ވެސް މެއެވެ.

މިވާހަކަ ގުޅެނީ އިރާގާއެވެ. 1979ވަނަ އަހަރު އިރާގުގެ ވެރިކަމަށް ސައްދާމު ހުސައިނު އަރާވަޑައިގަތެވެ.  އެއަށް ފަހު، އޭނާގެ އަމިއްލަ ޕާޓީގެ މެމްބަރުންތަކެއްގެ ބޮލުގައި އޭނާއާ އިދިކޮޅަށް ބަޣާވަތްކުރުމުގެ ތުހުމަތު އެޅުއްވިއެވެ. ދެން، އާންމު ޖަލްސާއެއްގައި އެމީހުންގެ ނަންތައް އިއުލާނުކުރައްވައި، އެމީހުންނަށް އޮތީ ސީދާ ’ކަނޑީގެ އަދަބު’ކަން ވިދާޅުވިއެވެ. އަދި އެމީހުން ޖަލްސާއިން ނެރެވި، ބުނެވޭ ގޮތުގައި، އެމީހުންގެ ގަޔަށް ބަޑިޖައި މަރާލައި އެމީހުން ނެތިކޮށްލެވުނެވެ. ތިރީގައި ލިންކުދެވިފައިވާ ވީޑިއޯއިން އެމީހުންގެ ނަންތައް އިއުލާނުކުރާ ތަނާއި އެމީހުން ނެރެވޭތަން ފެންނާނެއެވެ. އަދި، ސަލާމީ ޓެކްޓިކުގެ، އާދެ އިދިކޮޅު ސިޔާސީ މީހުން ނައްތާލުމުގެ، ހައްދުފަހަނާއަޅާފައިވާ އަމަލެއް ފެނިގެންދާނެއެވެ. އާންމު ގޮތެއްގައި މި ކަން ކުރެވެނީ، މިދެ ވީޑިއޯގެ ފީތާއިން ފެންނަހެން، މިހާ ފާޅުކޮށް، މިހާ ޖެހިލުން ކުޑަގޮތެއްގައި، އެތައް ބަޔަކުގެ ދުވަސް ދުއްވާލެވިގެންނެއް ނޫނެވެ. ތަންކޮޅެއް، ވަންހަނާ ގޮތެއްގައި، ހިކުމަތު އަމަލީ ބޭނުންކޮށް، މީހަކަށް ފަހު މީހެއްގެ ދުވަސް ދުއްވާލައި ވެރިކަމާ ވާދަކުރާނެ މީހުން ނެތިކޮށްލެވިގެންނެވެ. މިހެން ކަންތައްކުރުމުގެ ސަބަބުން، ވެރިކަމަށް ހުންނަ މީހަކަށް ދިގު މުއްދަތަކަށް ވެރިކަމުގައި ދެމިހުރުމުގެ ފުރުސަތު ފަހިވެދެއެވެ. މީގެ އިތުރުން، އެހެން މީހުންނަށް، އާދެ، ޚާއްސުންނާއި އާންމުންނަށް ވެސް، މިކަން އިބުރަތެއްކަމުގައި ވެއެވެ. ސިޔާސީ ހަޔާތާއި ގާތް ނުވުމުގެ މެސެޖު ލިބެއެވެ. ސިޔާސީ ހަޔާތަކީ ފާޑެއްގެ ޖުވާއަކަށް ވެގެންދެއެވެ. މިނިކާ ވަގެއްގެ އަނގައިގެ ތެރެއަށް އަތްލުން ކަހަލަ ކަމަކަށެވެ. ހަމަ ހޭގައި ހުރި މީހަކު މިކަން ކުރާނެ ހެއްޔެވެ؟ އެމީހުންނަށް އޮންނަނީ ވެރިކަމުގައި ވެރިޔާ ދެމިހުރިހާ ހިނދަކު، އޭނާއަށް ތަބާވެ، އޭނާއަށް ޚުޝާމަދުކުރުން މަތީ ތިބުމެވެ. އޭނާ ވެރިކަމުން ވެއްޓުމުން އޭނާއާ ދިމާއަށް ހުތުރު އެއްޗެހި ގޮވުމެވެ. ދެން، ވެރިކަމަށް އާ ވެރިޔަކު އިސްވުމުން މި ތަމްސީލު ތަކުރާރުވެދެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން ސަލާމީ ޓެކްޓިކުގެ އުކުޅު އެންމެ ސާފުކޮށް ފެނިގެންދަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ތައާރަފުކުރެވުމާ ހިސާބުން ފެށިގެންނެވެ. މީގެ މާނައަކީ ކުރިން މިކަން ނުފެންނަ ވާހަކައެއް ނޫނެވެ. ކުރިންވެސް ’ސަލާމީ ޓެކްޓިކުގެ‘ ބައެއް މަންޒަރުތައް ފެނިފައިވެއެވެ. ރައީސް އަމީން ދީދީގެ ދައުރުން ފެށިގެން ރައީސް މައުމޫނުގެ ދައުރުގައި ވެސް ސަލާމީ ޓެކްޓިގެ މަންޒަރުތައް އެކި ސިފަސިފައިގައި ފެނިފައިވެއެވެ.

ރައީސް އަމީންގެ ދީދީގެ ދުވަސް ވަރުގައި ވެރިކަމުގެ ކޯޅުން އޮތީ ސިޔާސީ ދެތިން އާއިލާއެއްގެ ދެމެދުގައެވެ. ރައީސް އަމީން ދެކެވަޑައިގަތް ގޮތުގައި އޭނާގެ ވެރިކަމަށް ނުރައްކަލެއް ކުރިމަތިވާނީ ކަކާގޭ އާއިލާއިންނެވެ. މިކަމުގެ ބިރު ނައްތާލުމުގެ ގޮތުން، އޭނާ ހިމެނިވަޑައިގެންވި އަތިރީގޭ އާއިލާއާއި ކަކާގޭ އާއިލާ ކައިވެނި މެދުވެރިކޮށް ގުޅުވާލެއްވިއެވެ. ނަމަވެސް، ކަންތައް ދިމާވީ އޭނާ ހީފުޅުކުރެއްވި ގޮތާ މުޅިން ޚިލާފަށެވެ. އޭނާގެ ވެރިކަން ވައްޓާލުމުގެ މުގުލުގައި ތިބީ އޭނާއާ ހުރިހާ ގޮތަކުން ވެސް ގާތް ވެލާނާގޭ އާއިލާގެ ބޭފުޅުން ކޮޅެކެވެ. އޭނާގެ ވެރިކަން ވެއްޓެން މެދުވެރިވި އެހެން ސަބަބުތަކެއް ވެސް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ. އާންމު ބަނޑުހައި ހޫނުކަމުގެ ތަދެއްގެ އިތުރުން، އޭނާގެ ބައެއް ސިޔާސަތުތަކާއި އާންމުން ދެކޮޅުވުމެވެ. އަދި، އިންގިލާބުގެ ވެރިން މިކަމުގެ ފައިދާ އެންމެ ފުރިހަމައަށް ހިފުމެވެ. ކޮންމެ އަކަސް މިއީ މިކަމުގެ ތަފްސީލަށް ދިޔުމުގެ މަގާމެއް ނޫނެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ވެރިޔެއްގެ ވެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލެއް ނައްތާލުމުގެ މިސާލެކެވެ. އާދެ، ސަލާމީ ޓެކްޓިކްގެ އުކުޅެކެވެ. ރައީސް އަމީން ދީދީގެ ދައުރުގައި ކައިވެނީގެ މުއައްސަސާ ވެގެންދިޔައީ ވެރިކަން ދެމެހެއްޓުމައްޓަކައި ބޭނުންކުރެވުނު ވަސީލަތަކަށެވެ.

ރައީސް އަމީން ވެރިކަން ނިމުމަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން ނެތި ދިޔައީ 1957ގައި އަމީރު އިބުރާހިމް ނާސިރު ބޮޑުވަޒީރަކަށް އިސްވެވަޑައިގަތުމުންނެވެ. އޭނާގެ އަތްޕުޅަށް ވެރިކަން ފުރޮޅިގެން އައިއިރު، ރާއްޖޭގެ ސިޔާސީ އުޑުގައި ވެރިކަން ކުރުމަށް ތަރިތަކެއް އަރައި ތިއްބެވެ. ރައީސް އަމީން ދީދީގެ ދުވަސްވަރުން ފެށިގެންނެވެ. އަދި އޭނާގެ ވެރިކަން އިންގިލާބުކޮށްލުމުގައި މީގެ ބައެއް މީސްމީހުން މުހިއްމު ދައުރެއް އަދާކުރިއެވެ. ރައީސް ނާސިރުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ މި ފަދަ ތަރިތައް އޮއްސިގެންދާނޭ ގޮތް މެދުވެރިކުރެއްވުމެވެ. އެ ތަރިތަކުގެ ތެރެއިން އޭރުގެ އެންމެ އަލިގަދަ ތަރި، ސަފީރެއްގެ ވަޒީފާ ދެއްވައި، އޭނާ ރާއްޖެއިން ބޭރުކޮށްލެވުނެވެ ދެން ވެރިކަމުގެ ލަގަނުގައި ރަނގަޅަށް، ވަރުގަދައަށް، ހިއްޕަވާލެއްވުމުން، ސަފީރު އަނބުރާ ގެންނަވައި އަރުވާލެވުނެވެ. އާދެ، ތިމާގެ ވެރިކަމަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ބިރެއް ނައްތާލީއެވެ. ސަލާމީ ޓެކްޓިކު މިފަހަރު ބޭނުންކުރެވުނީ ވަރަށް ވެސް ހިކުމަތްތެރިކަމާއެކުގައިކަން ފެނިގެންދިޔައެވެ. ހަމަ މިފަދަ މަންޒަރުތައް ދެން އައި ވެރިކަމުގައި ވެސް ފެނުނެވެ. ރައީސް މައުމޫނު ދައުރުގައި އެންމެ ފާހަގަކޮށްލެވުނީ އޭނާގެ ވެރިކަމާ ތޮޅެން އުޅުއްވި ބޭފުޅެއްގެ ޝަރީއަތް ކުރެވި، އޭނާއަށް މައްޗަށް ހުކުމެއް ކުރެވުނުކަމެވެ. މީގެ އިތުރުން، ވެރިކަމަށް މީހަކު އަތުވެދާނެކަމަށް ހީކުރެވިގެން، އެކަމާ ވެސް ފިޔަވަޅު އެޅުނެވެ. މީގެ މިސާލެއް ލިޔެލާނަމެވެ. މި ހާދިސާ ހިނގީ ދެހާހުގެ ކުރީގެ އަހަރުތަކުގައެވެ. އެދުވަސް ވަރަކީ ރާއްޖެއަށް ’ރީތި ނަން‘ ހޯދައި ދޭ މީހުންނަށް ޚާއްސަ އިނާމެއް ދެވެން ފެއްޓުމުގެ ކުރީކޮޅުގެ ދުވަސް ވަރެވެ. މަތީފާސްތައް ނަގާ މީހުންނަށާއި އަދި ކިޔެވުމުގައްޔާއި އަދި މިނޫންވެސް ކަންކަމުގައި ބައިނަލް އަގުވާމީ މައިދާނުގައި މަތީ ވަނަތައް ހޯދާ މީސް މީހުނަށް މި އިނާމު ދެވެއެވެ. އެގޮތުން، އެހާތަނަށް ދިވެއްސަކު އިލްމީ ދާއިރާއިން ހޯދައިފައި ނުވާ ކާމިޔާބީތަކެއް ހޯއްދެވި ބޭފުޅަކަށް އިނާމުދޭން ނިންމުނެވެ. އޭނާއަކީ އިލްމީ އެންމެ މަތީ ފާހެއް ހޯދުމުގެ އިތުރުން، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަންސާސް ޖާމިއާގެ ތެރޭގައި ހިމެނޭ ޖާމިއާއެއްގެ އެންމެ މަތީ އިލްމީ ލަގަބު ލިބިވަޑައިގެން، އެ ޖާމިއާގެ އިލްމީ މުއްސަސާއެއްގެ އެންމެ އިސް މަގާމު ފުރުއްވި ބޭފުޅެކެވެ. އިލްމީ ލިޔުންތަކާއި އަދި އިލްމީ ފޮތްތައް ލިޔުއްވައި ޝާއިއުކުރެއްވި ބޭފުޅެކެވެ. އިލްމީ މަޖައްލާތަކާއި އަދި އެންސައިކްލޮޕީޑިޔާތަކުގައި އޭނާގެ ލިޔުންތައް ހިމެނިފައިވެއެވެ. އޭނާގެ ބައެއް ފޮތްތައް ޔޫރަޕުގެއާއި އަދި ދެކުނު އިރުމަތީގެ ބައެއް ބަސްބަހަށް ތަރުޖަމާކުރެވިފައިވެއެވެ. އޭނާއަކީ އިލްމީ ބައެއް ދާއިރާތަކުގައި ދުނިޔޭގެ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގެންވި ބޭފުޅެކެވެ. ކޮންމެ އަކަސް ރީތި ނަމެއް ދިވެއްސެއްގެ ފަރާތުން ރާއްޖެއަށް ހޯދައިދީގެން އިނާމެއް ދެވޭ ކަމަށް ވަންޏާ އެކަން ހައްގުނުވެ ނުދާނޭ ބޭފުޅެކެވެ. އެހެންވެ، އެ އިނާމު އެބޭފުޅަކަށް އެރުވޭ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި އެކަން ކެންސަލްވީއެވެ. ސަބަބަކީތޯއެވެ؟ ފަހަރެއްގައި ވެސް ރީތި ނަމެއް ރާއްޖެއަށް ނުލިބޭތީއަކީ ނޫނެވެ. އޭރުގެ ސިޔާސީ ވިސްނުން ހުރީ އެބޭފުޅަކަށް އިނާމު އެރުވިއްޖެ ނަމަ، ރާއްޖޭގައި އެބޭފުޅަކަށް ކޮންމެ ވެސް ވަރައްގެ ޝުހުރަތެއް ލިބި، އެ ބޭފުޅެއްގެ ފަރާތްޕުޅުން، ވެރިކަމަށް ނުރައްކަލެއް އަތުވެދާނެކަމަށް ހީކުރެވުމެވެ. އާދެ، ހީ ކުރެވުމެވެ. އެއީ ހަގީގަތަކަށް ވުން މުހިއްމެއް ނޫނެވެ. ވެރިކަމަށް ކުޑަ ބިރެއް އޮތަސް، ގައުމުގެ ފައިދާއާއި މަސްލަހަތު، ގައުމުގެ ރީތި ނަން، މިކަންކަމީ ބަލަންޖެހޭ ކަންކަމެއް ނޫނެވެ! ވެރިކަމުގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރިމަތިވެދާނެ ކެންސަރުގެ ނުރައްކާ ދުރާލައި ނައްތާލަން ޖެހެއެވެ. އާދެ، ސަލާމީ ޓެކްޓިކުގެ ސިޔާސީ އުކުޅުގެ ތެރޭގައި ހިމެނޭ މިސާލެކެވެ.

ސަލާމީ ޓެކްޓިކް އުކުޅު އެންމެ ބޮޑަށް ފެނިގެން ދިޔައީ، ކުރިން ވެސް ނަންގަތް ފަދައިން، ގިނަ ޕާޓީތަކުގެ ’ހަގީގީ‘ ޑިމޮކުރަސީ ތައާރުފު ކުރެވުނު ހިސާބުން ފެށިގެންނެވެ. ޝައްކެއްނެތް ގޮތުގައި ބޭރުފުށަށް އަންނަ ބަދަލަކުން އެއްޗެއްގެ ހަގީގަތް ބަދަލު ނުވާފަދައިން ހަމައެކަނި ނަން ބަދަލު ކޮށްލުމަކުން ކަން ބަދަލުވެގެން ނުދެއެވެ. ޝޭކްސްޕިޔަރ ބުނެފަ އޮންނަ ފަދައިން ފިނިފެން މަލަށް އެހެން ނަމެއް ކިޔަސް، އެ މަލުގެ ހަގީގަތް ބަދަލު ނުވެ، އެއިން ހަމަ މީރުވަސް ދުވާނެއެވެ. ހަމަ އެހެންމެ، ކުނިވެފައި އޮތް ބަތްގަނޑަކަށް ބިރިޔާނީއޭ ކިޔަސް، އޭގައި ލާނީ ހަމަ ކުނި ރަހައެވެ. ހަމަ މިހަމައިގެ މަތިން، ވެރިކަމުގެ ސަގާފަތް ބިނާވެފަ އޮތީ ޑިކްޓޭޓަރޝިޕެއްގެ ސަގާފަތުގެ މައްޗަށް ކަމަށްވެފައި، މި ސަގާފަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވަންޏާ، އެފަދަ ސަގާފަތެއްގެ ބިނާގެ ބޭރުފުށުގައި ހުދުކުލަ ލައި، ’ޕާޓީ ޑިމޮކުރަސީ’ގެ ނަންބޯޑު ބެހެއްޓިއަސް، ޕާޓީގެ ޑިމޮކުރަސީގެ ނިޒާމެއް ގާއިމުވީ ކަމަކަށް ނުވާނެއެވެ. 2008ގައި މިކަން ވަރަށް ވެސް ސާފުކޮށް ފެނިގެންދިއެވެ.

2008 ގައި ގާއިމުކުރެވުނު ’ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ’ގެ ބިންގާ އެޅުނީ ވެސް ކައްޗަށެވެ. އެއް ބައެއްގެ މަގުސަދަކަށްވީ 30އަހަރަށް ދެމިގެން ދިޔަ ވެރިކަން އަދިވެސް އިތުރަށް ދަމަހައްޓާށެވެ. ޕާޓީތަކުގެ ޑިމޮކުރަސީ ގައި އޮންނަ އުސޫލުތަކުގެ މަތިން، މުޖުތަމައުއަށް ދިމާވެފާ އޮތް މައްސަލަތައް ސިޔާސީ ޕާޓީތަކުން ފާހަގަކޮށް އެކަންކަމުގެ ހައްލު އެކުލެވިގެންވާ ހަރުދަނާ ސިޔާސަތްތަކެއް، އޭގެ އަގު ވަޒަންކޮށް، ރަނގަޅު ނުރަނގަޅު ކަނޑައަޅާލުމަށްޓަކައި އާންމުންގެ ކުރި މައްޗަށް ހުށަހަޅައިގެންނެއް ނޫނެވެ. 30 އަހަރު ވެރިކަން ކުރެވުނީތީވެ، ދެން ތިބި މީހުންނަކީ ވެރިކަންކުރުމަށް ލާއިގު ނޫން ބަޔެއްކަން ދައްކައި، ވެރިކަމުގައި ދެމިހުރުމަށް އެކަށީގެންވަނީ މިހާރުވެސް އޮތް ވެރިކަންކަން ދައްކައިގެންނެވެ. އިދިކޮޅު ޕާޓީތަކުގެ ބޭނުމަކަށް ވެފައި އޮތީ 30އަހަރުގެ ވެރިކަން ވައްޓާލުމެވެ. ގައުމީ މައްސަލަތަކުގެ ހައްލު ހޯދައިދިނުމުގެ ހަގީގީ ސިޔާސަތުތަކެއް އެމީހުންނަކަށް ވެސް ހުށަހަޅާއެއް ނުލެވެއެވެ. ދެވަނަ ވޯޓުލުމަކަށް ރިޔާސީ އިންތިޚާބުގެ ކަންތައް ދިޔުމުން، ހުރިހާ އިދިކޮޅު ޕާޓީތަކެއް އެއްވެ އިއްތިހާދެއް އުފެއްދުނެވެ. މަގުސަދަކީ 30އަހަރުގެ ވެރިކަން ވައްޓާލުމެވެ. އާދެ، ގިނަ ޕާޓީގެ ޑިމޮކުރަސީގެ ބިނާގެ ބިންގާ އެޅިގެންދިޔައީ ހަލާކުކުރުމުގެ މައްޗަށެވެ. ބިނާކުރުމުގެ މައްޗަކަށް ނޫނެވެ. އިސްތިބުދާދީ ސަގާފަތް އޮތީ އޮތްގޮތަށެވެ. އެންމެ ފަހުން، ރައްޔިތުން ވެސް ނިންމީ 30އަހަރުގެ ވެރިކަމަށް ނިމުން ގެންނާށެވެ. އެކަން ކުރެވުނެވެ. ދެން، އުފާކުރީ އެ ވެރިކަން ނިމުމުންނެވެ. ކުރިއަށް އޮތް ތަނުގައި ގައުމުގެ ކަންތައް ބައްޓަންކުރާނީ ކިހިނެއްކަމާ މެދު ވިސްނުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނުނެވެ.

2008ގައި ގިނަ ޕާޓީތަކުގެ ’ހަގީގީ‘ ޑިމޮކުރަސީ ފެށުނު ހިސާބުން، ’ސަލާމީ ޓެކްޓިކް’ގެ ސިޔާސީ އުކުޅުގެ ބޭނުންތެރިކަން ބޮޑުވެ، އެކަން މާބޮޑަށް ފެނި، ތަމްސީލުވެގެން ދިޔައެވެ. އެންމެ ފުރަތަމަ، 2008ގައި އުފެދުނު ސަރުކާރު އޮތީ، ކުރިން ވެސް ބުނިފަދައިން ތަފާތު ކުލަތައް އެކުލެވޭ ’ކޯލިޝަން‘ ނުވަތަ އިއްތިހާދެއްގެ ސިފައިގައެވެ. އަނެއްކާވެސް ހަނދާންކޮށްލަން ޖެހެނީ މި އިއްތިހާދު ބިނާވެފައި އޮތް ގޮތުގެ މައްޗަށެވެ. އެކަން ބިނާވެފައި އޮތީ ފަހަރެއްގައި ވެސް ބިނާކުރަނިވި ފިކުރެއްގެ މައްޗަކަށް ނޫނެވެ. ގައުމު ބިނާކުރާނީ ކިހިނެއް ކަމާމެދު ހުރިހާ ކުލަތަކުގެ މެދުގައި އެއްބަސްވެވުނު އެއްބަސް ވުމެއްގެ މައްޗަކަށް ނޫނެވެ. އެކަން ބިނާވެފައި އޮތީ ހަލާކުކުރުވަނިވި ފިކުރެއްގެ މައްޗަށެވެ. ފާސިދުވަމުން އައި ތިރީސް އަހަރު ދުވަހުގެ އިސްތިބްދާދީ ވެރިކަމެއް ވައްޓާލުމުގެ މައްޗަށެވެ. ކުރީގެ ސަރުކާރު ވެއްޓި، އާ ސަރުކާރެއް ގާއިމުވުމުން، އިއްތިހާދުގެ ބޭނުން ފުރިހަމަވެ، އެއްބައިވުން، ނުވަތަ ކޯލިޝަން ބަދަލުވެގެން ދިޔައީ ޕާޓީތަކުގެ ކޯޅުންގަނޑަކަށެވެ. ދެން، ބުއްދިވެރިން، އެމީހުންގެ ކުލަ ބަދަލުކޮށްލިއެވެ. އަދި ދީނީ ބެޖުތައް މޭމަތީ ޖަހައިގެން އުޅުނު ’ދީނީ ލީޑަރުން‘ ދީނީ ބެޖުނަގައި، އެމީހުންގެ ވަޒީފާ ކަށަވަރުކޮށްދޭނޭ ’ރީނދޫ‘ ބެޖު މޭމަތީގައި ޖެހިއެވެ. މަޑުމަޑުން ނަމަވެސް، ހަމަ ކަށަވަރުން، ކުލަތައް އެއްކުލައަކަށް ބަދަލުވާތަން ފެނުނެވެ. ނަމަވެސް، މިވަރުން ވެސް، ވެރިޔާއަށް ފެނިވަޑައިގަތީ އޭނާގެ ’ސިޔާސީ ރާޒުވާ ކުޅިބައިގައި‘ ރަސްގެފާނަށް ވެސް ޖަހައި ނުލެވުނު، އާދެ، ރާޒުވާގެ އާންމު ބަހުރުވައިން ނަމަ ’ކާ ނުލެވުނު‘ ބައެއް ކުޅި ހުރިކަމެވެ. އެހެންވެ، ނިންމީ ރާޒުވާ ބޯޑު އެފުށް މިފުށަށް ޖަހައި ކުޅިގަނޑު އަލުން ފެށުމަށްޓަކައި ކުޅިތައް އާ ސިފައަކަށް އަތުރާލުމަށެވެ. އެއީ އެއްކޮޅާއި އިދި ކޮޅުގެ ކުޅިބައިވެސް އެކަކަށް ކުޅެވޭ ގޮތަށެވެ. ކޮންމެ އަކަސް، މިކަން ވެސް ކުރެވުނެވެ. ސިޔާސީ ރާޒުވާ ކުޅިގަނޑުގެ ކުޅިތައް ވެރިޔާ ބޭނުން ގޮތަކަށް އަލުން އަތުރާލުމުގެ ފުރުސަތު ހޯދުމަށްޓަކައި، މުޅި ކެބިނެޓު އިސްތިއުފާދޭން ޖެހުނެވެ. ނަމަވެސް، އެ ގޮތުން ވެސް ގުޑުވާ ނުލެވުނު ދެތިން މަނަލެއް ބޯޑުގައި ހަރުލާފައި ހުއްޓެވެ. އެތަނުން އެއް މަނާ ފަހުން ބަދަލުވީ ’މިސްކިތު ވަކަރަކަށެވެ‘. ތިމާގެ ޚުދް މުޚްތާރު ބާރު އޭނާގެ މައްޗަށް ނުހިންގޭތީ، އޭނާގެ ބޭނުން ނުހިފުނެވެ. ނަމަވެސް، ގާނޫނީ ސިފައެއް ލިބިގެން ހުރި މީހަކަށް ވާތީ، ކުނި ގޮނޑަށް އެއްލާލާކަށް ވެސް ނުކުރެނުވެ. ދެން، ހުރި ފުއް، އެ ގޮތް މިގޮތް ހަދައިގެން ވެސް ’ޖަހާ ނުލެވުމުން‘ ނިންމީ ’ވަގަށް ނަގާށެވެ‘. ހިފާ ހައްޔަރުކުރާށެވެ.

މި ނަންގަތް ވާހަކަތަކުން 2008ގައި ގާއިމުކުރެވުނު ސަރުކާރުން، އެކެއްގެ އަތް މައްޗަށް ވެރިކަމުގެ ހުރިހާ ބާރުތަކެއް ގެނައުމައްޓަކައި ’ސަލާމީ ޓެކްޓިކްގެ އުކުޅު‘ ބޭނުން ކުރެވޭ ގޮތް ފެނިގެން ދިޔައެވެ. ފަނާކުރުވަނިވި ޚިޔާލެއްގެ މައްޗަށް އިއްތިހާދެއް ގާއިމުކޮށް ވެރިކަމާ ހަމައަށް ވާސިލުވުމުން، އެ އިއްތިހާދު ނުވަތަ ކޯލިޝަން، ކޯޅުމަކަށް ހަދައި، ބައިބަކޮށްލެވުނެވެ. އަދި، އެކެއްގެ މުށުތެރަށް ހުރިހާ ބާރެއް ގެނައުމަށްޓަކައި ސިޔާސީ ރާޒުވާގެ ކުޅިގަނޑު އަލުން އަތުރާލަން ނިންމިއެވެ. މިގޮތުން ވެސް ޖަހާ ނުލެވި ހުރި ކުޅިތައް، މިސްކިތުވަކަރަށް ހަދައި ނުވަތަ ވަގަށް ނަގައި ވެރިކަމުގެ ބާރު އެކެއްގެ މުށު ތެރެއަށް ލުމުގެ މަސައްކަތް ކުރެވުނެވެ.

ދެން އައި އަހަރުތަކުގައި ވެސް މި ހަގީގަތަކަށް ބަދަލެއް ނާދެއެވެ. ވެރިކަމަށް ކޮންމެ ޕާޓީއެއް އަޔަސް، ކޮންމެ މީހަކު އިސްކުރެވުނަސް، އެބަޔެއްގެ ނުވަތަ އެމީހެއްގެ މައިގަނޑު މަގުސަދަކަށް ވެފައި އޮންނަނީ ގައުމު ބިނާކުރުމެއް ނޫނެވެ. އެކަމަކީ ސާނަވީ ކަމެކެވެ. އެންމެ މުހިއްމު ކަމަކީ ވެރިކަމުގެ ދެމިހުރެވޭނޭ މަގު ފަހިކުރުމެވެ. މިކަމަށް އެންމެ ބޭނުންތެރި އެއް އުކުޅުކަށް އަބަދުވެސް ވެފައި އޮންނަނީ ސަލާމީ ޓެކްޓިކްގެ އުކުޅެވެ. މިހާރުވެސް މި މަންޒަރުތައް ބަލަން ބޭނުންވާ ބަޔަކަށް ފެންނާނެއެވެ.

މިހާރުގެ ސިޔާސީ ބާރުތަކަށް ބަލާލާއިރު، ގާތްގަނޑަކަށް ހުރިހާ ބާރެއް އޮތީ އެކެއްގެ ނުވަތަ އެއްބަޔެއްގެ އަތް މަތީގައެވެ. ދައުލަތް ހިންގުމުގެ އިދާރީ ބާރާއި ގާނޫނުތައް ހަދައި ހިންގުމުގެ ބާރުތައް އޮތީ ވެރިކަން ކުރާ ޕާޓީގެ ދުލުގެ ދަށުގައެވެ. ކަމެއް ކުރަން ބޭނުން ވެއްޖެ ހިނދެއްގައި ބޭނުންގޮތަކަށް ގާނޫނުތައް ހަދައި ނުވަތަ ބަދަލުކޮށްލެވޭ ސިފައެއްގައެވެ. މީގެ އިތުރުން، ގައުމުގެ ޚުތޫރަތްތެރި ހުރިހާ މުއައްސަސާއެއްގެ ވެރިންނަށް ގާތް ތިމާގެ މީހުންނާއި އެކުވެރިން އިސްކުރެވިފައިވެއެވެ. ވެރިކަމަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރު ނައްތާލުމުގެ ބޭނުމުގައެވެ. އަދި، ވެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތަކަށް އަދި ވެސް، އިތުރަށް ތައްޔާރުވުމުގެ ގޮތުން، ބޭރުގެ ބާރެއްގެ އެހީ ވެސް ލިބޭ ގޮތް ހަމަ ޖެހިފައި އޮތް ވާހަކައިގެ އަޑު ވެސް ރަށުތެރޭގައި މިހާރު އޮތީ ފެތުރެއެވެ. 100ވަރަކަށް އަހަރަށް ’އެކެޑެމީއެއް’ގެ ނަމުގައި ތަނެއް ’ކުއްޔަށް’ދީގެންނެވެ. އަދި، އެ އެކެޑަމީގެ ބޭނުން ކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރެއް ވެސް ކުއްޔަށްދީގެންނެވެ. މިއީ އަދި ހަމަ އެނބުރޭ ވާހަކަތަކެކެވެ. ނަމަވެސް، ވެރިކަން ދިފާއުކުރުމަށްޓަކައި، ތަނުގެ އަމަންއަމާންކަން ބަލަހައްޓަން ހަމަޖެހިފައި އޮތް މުއައްސަސާތައް އުވާލަން މަސައްކަތްކުރި ބަޔަކު، އަދި ވެރިކަން ހޯދުމަށްޓަކައި އެއްވެސް ލަދުވެތިކަމެއް ނެތި ބޭރު ޓީވީއެއް މެދުވެރިކޮށް، ތިމާމެންގެ އަމިއްލަ ގައުމަށް އަސްކަރީ ގޮތުން ހަމަލާދިނުމަށް ދައުވަތު ދިން ބަޔަކު މިފަދަ ކަމެއް ނުކުރާނެއެކޭ ބުނެވިދާނެބާވައެވެ؟

ދެން، މީގެ އިތުރުން، ކުރިން ވެސް ނަންގަތް، ސަލާމީ ޓެކްޓިކް އުކުޅުގެ ދެވަނަ ބައިވެސް ކުރިއަށް ގެންދެވެއެވެ. ކިރިޔާ ވެސް ކަމެއް ކުރެވިދާނެ ހެން ހީވާ ބަޔަކު، ސިޔާސީ މައިދާނަށް ނިކުމެއްޖެ ނަމަ، ނުވަތަ ނިކުމެދާނެ ހެން ހީވެއްޖެ ނަމަ، އެކަމާ ވެސް ފިޔަވަޅުއަޅައެވެ. އިހުގައި މިކަހަލަ މީހުން ބަންދުކުރުމަށް ފެއްތޭ ގާނޫނެއް އޮތެވެ. ’ސަރުކާރާ ރައްޔިތުން‘ ޖެއްސުމުގެ ގާނޫނެވެ. އަދި މީގެ އިތުރުން، ’ދީނީ އެއްބައިވަންތަކަމުގެ‘ ގާނޫނު ވެސް އުފެދުނެވެ. މިއިން ކޮންމެ ގާނޫނަކީ ވެސް، އެ ގާނޫނު ބޭނުންކޮށްގެން، ބޭނުން މީހަކު، ބޭނުން އިރެއްގައި، ވަރަށް ފަސޭހައިން ބަންދުކުރެވޭ ގާނޫނެކެވެ. މިސާލެއް ނަންގަނެލާނަމެވެ. ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު، ހޮޓަލެއްގެ ތެރޭގައި ސައިބައްލަވަން އިންނެވި މަޖުލިހެއްގައި މަޖީދިއްޔާގެ މުދައްރިސަކު އޭނާގެ ކޮއްކޮ ބަންދުކުރެވުނީ ކީއްވެތޯ މީހަކު ސުއާލުކުރުމުން، ޖަވާބުގައި އޭނާ ބުނުއްވިއެވެ. ’ބަންދުކުރަން މާ ބޮޑު ސަބަބެއް އޮންނަން ޖެހޭ ހެއްޔެވެ؟‘ މިޖަވާބުވީ ސަރުކާރާއި ރައްޔިތުން ޖެއްސިކަމުގައި ބެލެވުނު ޖަވާބަކަށެވެ. އަދި، މިކަމުގެ ސަބަބުން މިނަންގަތް މުދައްރިސު، ކުށްވެރިވެ އަރުވާލެވުނެވެ. ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނު 90ގެ ކުރީގެ އަހަރުތަކުގައި ފާސްކުރެވުމުން މީހުން އޭރު ކިޔާ އުޅުނު ވާހަކައެއް އޮވެއެވެ. ’އެންމެންވެސް މިތިބެނީ ކުށްވެރިވެފައެވެ. ނަމަވެސް، ސަރުކާރުގެ ހެޔޮފުޅުކަމުން ދޫކޮށްލާފައި ތިބީއެވެ.‘ އާދެ، އެ ގާނޫނުގެ ރޫހު ކިތަންމެ ރަނގަޅަށް ވެސް މީސްތަކުންނަށް ވިސްނުނެވެ. ބޭނުން އިރެއްގައި ބޭނުން މީހަކު ބަންދުކޮށްލުމުގެ ބާރާއި އިޚްތިޔާރު ސަރުކާރަށް އޮތް ކަމެވެ.

މިހާރު ވެސް މިފަދަ ގޮތެއްގައި ގާނޫނުތަކުގެ ބޭނުން ހިފާތަން އެބަ ފެނެއެވެ. މީހަކު ކުށްވެރިކުރަން ބޭނުން ވެއްޖެނަމަ، އެމީހަކާ ބެހޭ ގޮތުން މައްސަލަތައް ފެންމަތިކޮށް ތަހުގީގުކުރެވޭ ތަން އެބަ ފެނެއެވެ. މިކަން ކުރެވެނީ، އެމީހުންނަކީ، އާންމުންގެ މާބޮޑު ތާއީދެއް ނެތް ބަޔެއްކަމުގައި ވިޔަސް، ކުޑަވެސް ސިޔާސީ ނުރައްކަލެއް އެމީހުންގެ ފަރާތުން އަތުވެދާނެ ކަމުގެ ބިރު ހީވެގެންނެވެ. ކެންސަރުފަދަ ބަލިތައް ފެތުރުމުގެ އެންމެ ކުރީކޮޅު، އެކަން ދެނެގަނެ، ނައްތާލުމުގެ މަސައްކަތްކުރާފަދައިންނެވެ. ނޫސްތައް ބަލާލުމުން މީގެ ހެކިތައް ފެންނާނެއެވެ.

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އާދެ، ކުރިން ވެސް ބުނި ވާހަކައެވެ. ބާވެ ހަސްނެތިފައި ހުރި އިމާރާތެއްގައި ކުލަލައި ނަން ބޯޑު ބަދަލުކޮށްލުމަކުން އިމާރަތް އާނުވާނޭ ކަމެވެ. ޑިމޮކުރަސީއޭ ނުވަތަ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއޭ ކިޔަސް، އަޅުގަނޑުމެންގެ ސިޔާސީ ސަގާފަތް ބަދަލު ނުވާހާ ހިނދަކު، އެފަދަ ނިޒާމަކުން ލިބިދާނެ ހަގީގީ ފައިދާއެއް ނުލިބޭނޭ ކަމެވެ. ވެރިކަމަށް އަންނަ މީހުންނާއި އަދި އާންމުންވެސް ދެކޭ ގޮތަކީ، ސިޔާސީ ހުރިހާ ބާރެއް އޮންނަން ޖެހޭނީ އެކެއްގެ ނުވަތަ އެއް ބަޔެއްގެ އަތް ދަށުގައި ކަމުގައި ވަނީ ނަމަ، ޑިމޮކުރަސީ ނިޒާމުގެ މައިގަނޑު އެއް އަމާޒުކަމުގައިވާ ސިޔާސީ ބާރުތައް – އިދާރީ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، ގާނޫނު ހިންގުމުގެ ބާރުތައް – ބިނާކުރަނިވި ސިފައެއްގައި ވަކިކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ ނިޒާމަށް ކޮންމެ ނަމެއް ކިޔަސް، މިހުރިހާ ބާރުތަކެއް އެ ނިޒާމެއްގެ ދަށުގައި ވަކިކޮށްފައި ބޭއްވުމުގެ މައިގަނޑު އެއް ބޭނުމަކީ ވެރިކަމުގެ ބާރުތަކުގެ ނާޖާއިޒު ފައިދާ ސިޔާސީ ވެރިން ނެގުން ވީހާވެސް ކުޑަކުރެވޭތޯ ބެލުމެވެ. އަދި، އެ ގޮތުން، ގައުމުތައް ހަލާކުކޮށް، ނެތިކޮށްލާ މައިގަނޑު ސަބަބުކަމުގައިވާ ފަސާދައިގެ ކެންސަރު ބަލި ގައުމީ ހުރިހާ މުއައްސަސާތަކަށް ނުޖެހިވޭތޯ މަސައްކަތްކުރުމެވެ. މިކަން ފެށޭނީ ގައުމުގެ އެތެރެ އިސްލާހުވެގެންނެވެ. އާންމު ފަރުދުން ފިކުރުކުރާ ގޮތް ބަދަލުވެގެންނެވެ. ކޮންމެ މީހަކަށް ވެސް، އެހެން މީހުންގެ އެހީއަކާ ނުލައި، ވިސްނާ ފިކުރުކުރެވިދާނެކަން ގަބޫލުކުރެވިގެންނެވެ. މީހުންގެ ފިކުރު، އެއީ ސިޔާސީ ފިކުރުކަމުގައި ވިޔަސް، ނޫނީ އެހެން ފިކުރެއް ކަމުގައި ވިޔަސް، އެމީހުން ބުނާ އެއްޗެއް، ތިމާމެން އަމިއްލަ ބުއްދީގެ ހަމަތަކުން ކިރާލައި އޭގެ ރަނގަޅު-ނުރަނގަޅު، ހެޔޮ-ނުބައި ކަނޑައަޅާލުމުގެ އެކަށޭނަކަން ލިބިގަނެ، އެއާދަ ހިފިގެންނެވެ. އެކަން ފެށޭނީ، ކިޔަން ދަސްކުރެވިގެންނެވެ. ކިޔުމުގެ އާދަ ހިފިގެންނެވެ. އާދެ، ކީރިތި ގުރުއާނުގެ އެންމެ ފުރަތަ ބާވާލެއްވުނު އާޔަތަކަށް ”اقرأ“ ކިޔާށެވެ!، މިހެން އޮތީ ސަބަބެއް ނެތިއެއް ނޫނެވެ. އިސްލާހުގެ ފެށުން ބިނާވާން ޖެހޭނި ޒިހުނިއްޔަތުގެ (އިންޓަލެކްޓުގެ) މައްޗަށެވެ. ކިޔުމާއި ކިޔެވުމުގެ މައްޗަށެވެ. އެހެން ނޫންނަމަ، އިސްލާހުގެ ނަމުގައި އަމިއްލަ އެދުންތައް ހޯދަން މަސައްކަތްކުރާ މީސްމީހުން ތިމާމެންގެ ސިކުނޑިތަކަށް ވެރިވާނެއެވެ. އަދި ތިމާމެން ގުނބޯ ހައްދާނެއެވެ. މަތީގައި ބަޔާން ކުރެވި ދިޔަ ސަލާމީ ޓެކްޓިކް ގެ އުކުޅުތައް ބޭނުންކޮށްގެންނެވެ. މައްސަލައަކީ މިއެއް ނޫނެވެ. މައްސަލައަކީ އާންމު ފަރުދުން ގުނބޯހެދުމެވެ. އަދި، މިފަދަ އަމިއްލަ އެދުމުގެ ސިޔާސީ ވެރިން، ގައުމާއި ދީން ވިއްކާލާއިރުވެސް ގުނބޯހެދިފައި، އެމީހުން ލޯލޯ ލައްވާލީމާ އެހެން އެންމެ ނަށަންތިބުމެވެ. ޅެންވެރިޔާ ވިދާޅުވެފައި އޮތް ފަދައިންނެވެ.

ފަސްޖެހި ތިބޭށޭ ކަންކަމުން، މުސްތަގުބަލަށް ފައިދާކުރާ

ކޮސް އަނގަތެޅުން ވެސް މޮޅުކަމެއްކަމުގައި ހަދައި ހެވިފައި ނިކަން

އެކުވެރިވެ އެއްބައިވަންތަވުން، އެކުގައި ނަގައި އެއްލާށެލާ

ވަކިވަކިވެ ބައިބައިކުރުމުގައި ނަސްރޭ އޮތީ ހީކޮށްލަމުން

ހޭވެރިވެ ހޭލުންތެރި ކަމެއް ބޭނުންނެތޭ ބުނެ އިއްވަމުން

’މޭރުން ނުވުން’، އެއްވެސް ކަމެއް، މޮޅުގޮތް ކަމަށް ވީއޭ ހަދަން

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެނަމަ ފަސްޖެހި ނުލައި

އާނ! އެއީ ހަމަ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން

ރަށްތައް ބަހާލައި  ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާ ޝުކުރުކޮށް ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް