ޗާގޯސް ޖަޒީރާތަކުގެ މައްސަލަ މަޑުޖައްސާ ނުލާކަމަށް އިގިރޭސި ސަރުކާރުން ބުނެފި

Loading

February 26, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ޗާގޯސް ޖަޒީރާ ތަކުގެ ކޮންޓްރޯލް މޮރިޝަސް އަށް ދިނުމާއި ބެހޭ ”ޕްރޯސެސް“ މަޑުޖައްސާ ނުލާކަމަށް އިގިރޭސި ސަރުކާރުން ބުނެފިއެވެ.


މީގެ ކުރިން ސަރުކާރުގެ އިސްވެރިޔަކު ވަނީ މައްސަލަ ސަރުކާރުން މިވަގުތަށް މަޑުޖައްސާލާފައި ވާކަމަށް ބުނެފައެވެ. އެއީ އެމެރިކާ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ކަމަށް އޭރުގެ ޚަބަރުތައް ބުނެފައި ވެއެވެ.
ނަމަވެސް ފޮރިންއޮފީސް މިނިސްޓަރ ހަމީޝް ފެލްކޮނަރ، މަޖިލީހުގެ މަމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން ބުދަ ދުވަހު ވިދާޅުވެފައިވަނީ މޮރިޝަސް މައްސަލަ ނިންމަން ވަކި ޑެޑްލައިނެއް ކަނޑަނާޅާ ކަމަށާ ނިންމުންތައް ނިމޭވަރަކުން އާދައިގެ އުސޫލުގެ މަތިން ހާމަ ކުރަމުން ގެންދާނެ ކަމުގައެވެ.
މޮރިޝަސް އަށް ޗާގޯސްގެ މިލްކްވެރިކަން ދޫކޮށްލުމާބެހޭގޮތުން އިގިރޭސިވިލާތުން އެކުލަވާލި ”ޑީލް“ އަށް ރައީސް ޓްރަމްޕް ކުރިން ތާއީދު ކުރެއްވިނަމަވެސް މިހާރު ވިދާޅުވަނީ އެއީ ހެދުނު ގޯހެއް ކަމަށާ އެ އެއްބަސްވުން ކެންސަލް ކުރަން ޖެހޭ ކަމުގައެވެ.މިކަމާބެހޭ ގޮތުން ޓްރަމްޕް ވަނީ މިދިޔަ ހަފްތާގައި އިގިރޭސި ބޮޑުވަޒީރު ކެއިރް ސްޓާމާ އާއި އެކު މަޝްވަރާ ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ދެކުނުން 500 ކިލޯމީޓަރު ދުރުގައިވާ، ހަތްއަތޮޅުގެ މައްޗަށް އެކުލެވޭ ޗާގޯސް އާކިފެލަގޯ ނުވަތަ ޗާގޯސް އައިލަންޑްސް ގައި ފަސްދޮޅަހަށް ވުރެ ގިނަ ޖަޒީރާ ހިމެނެއެވެ. ޗާގޯސް ގެ ނަމަކަށް ”ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ“ ވެސް ކިޔައެވެ.އަދި 19 ވަނަ ގަރުގެ ކުރީ ކޮޅުން ފެށިގެން އެޖަޒީރާތައް ކޮންޓްރޯލް ކުރަމުން އައީ އިގިރޭސި ވިލާތުންނެވެ.
ޗާގޯސްގެ އެންމެ ބޮޑު ޖަޒީރާގައި މިހާރުވެސް އިގިރޭސި ވިލާތާ އެމެރިކާ ހިއްސާކުރާ ބޮޑު މިލިޓަރީ ބޭސް އެއް އޮވެއެވެ. އެއީ ޑިއޭގޯ ގާސިޔާއެވެ.
ޓެރިޓަރީގެ އިސްތިޤްލާލް މޮރިޝަސް އަށް ދޫކޮށްލުމާބެހޭގޮތުން ސޮއިކުރެވުނު އެއްބަސް ވުމަށް އިސްލާހުތަކެއް ގެނައުމާބެހޭގޮތުން އިގިރޭސި ޕާލަމެންޓްގައި މިހާރު ދަނީ ބަހުސު ކުރަމުންނެވެ. އަދި ފޮރިންއޮފީސް މިނިސްޓަރ ހަމީޝް ފެލްކޮނަރ ބުދަދުވަހު މެމްބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވާފައި ވެއެވެ.
މިކަމާބެހޭ ގޮތުން މޮރިޝަސްގެ އެޓާނީ ޖެނެރަލް ގެވިން ގްލޯވަރ ވިދާޅުވީ އިގިރޭސި ސަރުކާރުން ދައްކާ ވާހަކަޔާ އަމަލާ ދިމާނުވާ ކަމުގައެވެ.އަދި ފާއިތުވި ތިންހަފްތާގައިވެސް މޮރިޝަސް ހަވާލުކުރުމާބެހޭ ގާނޫނީ ޕްރޯސަސްއާބެހޭ އެއްވެސް މަޝްވަރާއެއް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މޮރިޝަސް އަށް ޗާގޯސް ހަވާލުކުރުމުގައި ލަސްތަކެއް އަންނަނީ ޓްރަމްޕް ވިދާޅުވިއެއްޗަކުން ކަމަށް ޚަބަރުތައް ބުނެއެވެ.ޓްރަމްޕް ވިދާޅުވީ ޑިއޭގޯ ގާސިޔާ (މިލިޓަރީ ބޭސް) ހިލޭ ދޫކޮށްލުމަކީ ކުރެވުނު ކޮސްކަމެއް ކަމުގައެވެ. އަދި އަނބުރާ ހޯދަންޖެހޭ ކަމުގައެވެ.
އިގިރޭސި ހައުސް އޮފް ލޯޑްސްގައި ”ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ބިލް“ އާއި ބެހޭ ގޮތުން މިހާރު ބަހުސް ކުރަނީ ޗާގޯސް އައިލަންޑްސްގެ ކަންތައް އިގިރޭސި ގާނޫނު އަސާސީގައި ހިމެނުމަށެވެ.ބިލުގެ ފުރަތަމަ ބަހުސް މަރުހަލާތައް ނިމި މިހާރުވަނީ ފާސްކުރުމަށް ތައްޔާރުވެފައެވެ.
މިމައްސަލައިގައި ”ޖިއޯ ޕޮލިޓިކަލް“ މައްސަލަ ތަކެއް އުޅޭކަމަށް ބުނެ،މައްސަލަ މަޑުޖައްސާލުމަށް ގޮވާލާ ޖަނަވަރީމަހު ކޮންޒަރވޭޓިވް މެމްބަރުން މައްސަލަ އެއް މަޖިލީހަށް ވެއްދިނަމަވެސް މިހާރު ސަރުކާރުން ބުނެފައި އެވަނީ މައްސަލަ ”ޕޯސް“ ނުކުރާ ކަމުގައެވެ.
ޗާގޯސްގެ މިލްކް ވެރިކަން މޮރިޝަސް އަށް ދޫކޮށްލުމަށްފަހު އަހަރަކު 101މިލިއަން ޕައުންޑަށް ޑިއޭގޯ ގާސިޔާ އިގިރޭސި ވިލާތުން 99އަހަރަށް ކުއްޔަށް ހިފަން ވަނީ ނިންމާފައެވެ. ޗާގޯސްގެ ރައްޔިތުން ބޭނުންވަނީ އިގިރޭސީންގެ ދަށުގައި އޮތުމަށް ކަމަށް ވެއެވެ.
ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ބަޔެއް ހޯދުމަށް ދިވެހިރާއްޖޭންވެސް ދައުވާކުރެއެވެ. އެއީ މެރިޓައިމް ބައުންޑަރީ އެއް ކަނޑައެޅުމާއި ބެހޭ ގޮތުންނެވެ. 2021 ވަނަ އަހަރު ”އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ-ދަ-ލޯ އޮފްދަ ސީސް“ އިން ވަނީ ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް ދެބަސްވުމާބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް