އުމުރުން ދިހަވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އޭނާގެ މަންމަ އެއްދުވަހަކު ފިހާރަޔަކަށް ދިޔައެވެ. ކާރުން ފައިބައިގެން ފިހާރަޔަށް ވަންނަންދާ އޮތް ހަނިމަގުން ހިގާލާފައި ދަނިކޮށް ފިހާރަކައިރީގައި ފަގީރު ކުއްޖަކު އިށީދެލައިގެން ސޭންޑްވިޗެއް ކާން އިންދާ އެމީހުންނަށް ފެނުނެވެ.
މިތަންފެނި އަންހެން ކުއްޖާ ކުއްލިއަކަށް ކުރިޔަށް ޖެހި އެކުއްޖާއަތުން އެސޭންޑްވިޗް އަތުލާފަ ދުރަށް އެއްލާލިއެވެ. އޭނަދުށް ގޮތުގައި އެއީ ކާން އެކަށީގެން ނުވާ އެއްޗެކެވެ. ދަރިފުޅު ކަންތައް ކުރިގޮތް މަންމަޔަށް ފެނުނެވެ. އެހެން ނަމަވެސް ނުފެންނަ ކަމަށް ހަދައިގެން ހުރެގޮސް ފިހާރަޔަށް ވަނީއެވެ.
ފިހާރަޔަށް ވަނުމަށްފަހު ފުރަތަމަވެސް މަންމަ ނެގީ ފަގީރު ކުއްޖާ ކާން އިން ވައްތަރުގެ ސޭންޑްވިޗެކެވެ. މިތަން ފެނި އަންހެން ކުއްޖާ ސުވާލުކުރިއެވެ. އަހަރުމެންގެ ޝޮޕިންގ ލިސްޓްގައި ނުވެސްނެތް ތިޔަ ސޭންޑްވިޗް ތިޔަނެގީ ކީއްވެގެން ހެއްޔެވެ. މިހެން ބުނުމުން މަންމަ ބުންޏެވެ. ”ދަރިފުޅު މިކަމާ ނުވިސްނާށެވެ.“
ގަންނަން ދިޔަ ސާމާނު ހަމަ ކޮށްގެން އިރުކޮޅަކުން އެމީހުން ފިހާރައިން ނިކުމެއްޖެއެވެ. އަންހެންކުއްޖާ ކާރަށް އެރުމުން މަންމަ ފަގީރު ކުއްޖާ ކައިރިޔަށް ގޮސް ބުންޏެވެ. މިތާ މަޑުކުރައްޗެވެ. މީރު ކާއެއްޗެއް ހިފައިގެން އަހަރުން އަދި އަންނާނަމެވެ.
ގެޔަށް ދިއުމަށްފަހު މަންމަ އަވަސް އަވަހަށް މީރު ކެއުމެއް ތައްޔާރު ކުރިއެވެ. މިތަން ފެނި ކުއްޖާ ހުރީ ވަރަށް އުފަލުންނެވެ. ވަރަށް ބޮޑަށް ބަނޑުހައިވެސް ވެފަ ހުރީމައެވެ. ކައްކާ ނިމި ކާން ތައްޔާރު ވިވަގުތު މަންމަ އެއްކަލަ ސޭންޑްވިޗް ނަގާފަ ކުއްޖާގެ ތަށީގަ ބޭއްވިއެވެ. އަދި އަމިއްލަ ތައްޓަށް މީރު ކެއުންތައް އަޅައިގެން ކުރިމަތީގައި އިށީނެވެ.
މިތަން ފެނި ކުއްޖާ ޝަކުވާ ކުރަން ފެށިއެވެ. އަހަރެންނަށް މި ހަޑި ސޭންޑްވިޗް ގަނޑު ތިޔަދިނީ ކީއްވެގެން ހެއްޔެވެ. މިހެން ބުނުމުން މަންމަ ބުންޏެވެ. ދަރިފުޅަށް ތިޔަހެންތިޔަވީ ދަރިފުޅު އެފަގީރު ކުއްޖާގެ ސޭންޑްވިޗް ބިންމައްޗަށް އެއްލާލީމައެވެ. އެކުއްޖާ އެސޭންޑްވިޗް ކާން އިނީ އެނޫން އެހެން އެއްޗެއް ނުލިބިގެންނެވެ. އެހެން ނަމަވެސް އެކަމުން އޭނަ އަކީ ދަރިފުޅަށްވުރެ ދަށުދަރަޖައެއްގެ އިންސާނަކަށް ނުވެއެވެ. ދަރިފުޅު އެސޭންޑްވިޗް އެއްލާލުމުން އޭނަގެ ”ޑިގްނިޓީ“ (އޭނާގެ އިއްޒަތް ނުވަތަ ކަރާމާތަށް) އަސަރު ކުރިއެވެ. އޭނާގެ ހިތުގައި ޖެހުނެވެ. މިއަދު މަންމަ ބޭނުމީ ސޭންޑްވިޗް ނޫން އެއްޗެއް ކާން ނުލިބުމުން ކުރާ އަސަރު ދަރިފުޅުވެސް ބަލާލާށެވެ. މިހެން ބުނުމުން މޫނުމައްޗަށް ވައްތަރު ޖައްސަމުންވެސް ކުއްޖާއަށް ސޭންޑްވިޗުން ކެވުނީ ކުޑައެތިކޮޅެކެވެ.
މަންމަ މިހާހަމައިން ތެދުވެ ޓޭކްއަވޭ ފޮށިތަކަކަށް އޭނަތައްޔާރު ކުރި މީރު ކެއުންތައް އަޅަން ފެށިއެވެ. ކުއްޖާހުރީ ވަރަށް އުފަލުންނެވެ. އޭނާޔަށް ކެއުން ލިބެނީ ކަމަށް ހީކޮށެވެ. ނަމަވެސް ފޮށިތަކަށް ކާއެއްޗެތި އަޅާނިމުމުން ކުއްޖާގެ އަތަށް ދިނުމަށްފަހު މަންމަ ބުންޏެވެ. މިއީ އެސަލާންޖަހާ ކުއްޖާއަށް ގެންގޮސްދޭން އެޅި އެއްޗިއްސެވެ. ދަރިފުޅު އޭނަޔާމެދު ކަންތައް ކުރިގޮތުން އޭނާގެ އިއްޒަތް ނުވަތަ ކަރާމާތަށް އަސަރު ކުރިއެވެ. މިއެއްޗެތި ގެންގޮސް ދިނުމުން އެކުއްޖާގެ ކަރާމާތަށް ދަރިފުޅު އިހްތިރާމް ކުރާކަމުގެ އިހްސާސް ކުއްޖާއަށް ލިބޭނެއެވެ. އެހެން ވީމަ މަންމަ ބޭނުމީ ދަރިފުޅު އޭނާ ކައިރިޔަށް ގޮސް އޭނާގެ ކިބައިން މައާފަށް އެދިފައި ހިތްހެޔޮކަމާއި އެކު މިތަކެތި އެކުއްޖާއަށް ދިނުމެވެ. މިހެން ބުނެ ކުއްޖާއަތަށް ފޮށިތައް ދީގެން މަންމަ ކާރަށް އެރިއެވެ.
ފިހާރަކައިރިޔަށް ގޮސްފަ ބަލާލިއިރު އެކުއްޖާ ހަމަ އިންތަނުގައި އިނެވެ. މަންމަ އޭނާގެ ދަރިފުޅަށް ބުންޏެވެ. ދަރިފުޅު ނިކަން ދެކިބަލާށެވެ.އެކުއްޖާއަދިވެސް އެއިނީ ހަމަ އިންތަނުގައެވެ. ވަރަބަލިވެ ބަނޑުހައިވެފައިވާ ހާލުގައެވެ. ބުނަންހެއްޔެވެ. ކޮންމެ ކުއްޖަކީ ދާނެ ގެޔެއް ނުވަތަ އަމިއްލަ އާއިލާއެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. އަހަރުމެންގެ ދިރިއުޅުމުގައި އަހަރުމެންނަށް ލިބިފައިވާ އުފަލާ އަރާމާއި ފައިސާވެރިކަން އެއީ އަބަށް ލިބިލިބި ހުރެދާނެ އެއްޗެއްކަމަށް ޔަގީން ކުރާކަށް ނުވާނެއެވެ.އެހެނީ މާދަމާވެސް އަހަރުމެންގެ އަމިއްލަ ހަޔާތުގެކަން ކަން ވެސް ބަދަލުވެގެން ހިނގައިދާނެފަދަ ކަމެއް ކުރިމަތިވެދާނެތީއެވެ.
ކުއްޖާ މިހާހަމައިން ރޯންފެށިއެވެ.އަދި ބުންޏެވެ. ފަގީރު ކުއްޖާގެ އިހުސާސްތައް އަހަރެންނަށް މިހާރު އިގިއްޖެއެވެ.މަންމަ އަހަރެންނަށް މައާފު ކުރާށެވެ.މަންމަ ބުންޏެވެ.މައާފް ކުރާނީ އެކުއްޖާއެވެ.އަވަހަށް ގޮސް އެކުއްޖާއަށް ކެއުންތައް ދޭށެވެ.
ކުއްޖާދިޔަގޮތަށް ގޮސް ފޮށިތައް ފަގީރު ކުއްޖާޔަށް ދިނުމަށް ފަހު ބުންޏެވެ. އަހަރެންނަށް ވަރަށް ބޮޑަށް މައާފް ކުރާށެވެ.އަހަރެންގެ މަންމަ މިއަދު އަހަރެންނަށް ރަގަޅު ފިލާވަޅެއް ދަސްކޮށްދީފިއެވެ.ފަގީރުންނަށް ވެސް އިހުތިރާމް ކޮށް އެމީހުންގެ އިހުސާސްތަކާމެދު ވިސްނަން ޖެހޭނެ ކަމުގެ ފިލާވަޅެވެ.
ފަގީރު ކުއްޖާވެސް ވަރަށް އުފަލުން ކެއުންތަކުގައި ހިފުމަށްފަހު ހިނިތުން ވެލިއެވެ.އަދި ޝުކުރު އަދާކުރިއެވެ.
މަންމަ ދެކުދިންގެ ގައިގައި ބައްދާލުމަށްފަހު ބުންޏެވެ. އަވަހަށް ގެޔަށް ދަމާހެއްޔެވެ.ދަރިފުޅު ތިޔަހުރީ ވަރަށް ބަނޑުހައިވެސް ވެފަނޫން ހެއްޔެވެ. ދަރިފުޅުގެ ކެއުން ގޭގައި ތައްޔާރަށް އެބަހުއްޓެވެ.
![]()
