ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިގޮތަށް ނިންމަވާފައި ވަނީ ރައީސް މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، އެ އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ރައްޔިތުން ރުހޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ރައީސަށް ލާޒިމްކުރާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބިލުގައި ހިމެނޭ އިޞްލާޙުތަކަކީ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ޤާނޫނުއަސާސީއަށް އެ އިޞްލާޙުތައް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައިވާ އިޞްލާޙުތަކެކެވެ.
ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިލުގައި ހިމެނޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ޙާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.
މީގެ އިތުރުން ރައީސްގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީޚަކީ ކުރިޔަށް އޮތް ”ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026“ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހެވެ.
![]()
