މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރު ކުރީ މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ)އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މުދާތަކެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
![]()
