ބަންގްލާދޭޝްގައި ބޭއްވުނު އާންމު އިންތިޚާބުގައި ބަންގްލާދޭޝް ނެޝަނަލިސްޓް ޕާޓީއަށް ބޮޑުމެޖޯރިޓީއެއް ލިބިއްޖެ

Loading

February 13, 2026
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ބަންގްލާދޭޝް ގައި ބުރާސްފަތިދުވަހު ބޭއްވި އާންމު އިންތިޚާބްގައި، އަވަހާރަވެފައިވާ ކުރީގެ ބޮޑުވަޒިރު ޚާލިދާ ޒިޔާގެ ބަންގްލާދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ބޮޑު އަގުލަބިއްޔަތެއް ލިބިއްޖެއެވެ.ޕާޓީގެ މިހާރުގެ ލީޑަރަކީ ޚާލިދާގެ ދަރިކަލުން ޠާރިގް ރަހްމާން އެވެ.

އޭނާ މީގެ ކުރިން ހުންނެވީ އަމިއްލަފުޅަށް އިގިރޭސިވިލާތަށް އަރުވާލެއްވިގެންނެވެ. އެއީ ޝެއިހް ހަސީނާގެ ވެރިކަމުގައި އޭނާގެ މައްޗަށް ތަފާތު ކުށްތައް ސާބިތުކުރުމާއި ގުޅިގެން އެހުކުމްތަކުން ނެއްޓި ލަންޑަންއަށް ވަޑައިގެންނެވުމަށްފަހުއެވެ. އޭނާ ވިދާޅުވި ގޮތުގައި އެހުކުމް ތަކަކީ ސިޔާސީ މަގްސަދެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަކެކެވެ.

ޠާރިގް ރަހްމާން ވަނީ އިންތިހާބްގެ ކާމިޔާބީ ފާހަގަ ކުރަން އުޅުމުގެ ބަދަލުގައި ހުކުރު ނަމާދަށް ދިއުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

ޠާރިގްގެ މަންމާފުޅު ޚާލިދާޒިޔާ އަކީ ބަންގްލާދޭޝްގެ ކުރީގެ ރައީސް ޒިއާއުއްރަހްމާންގެ ދަރިކަނބަލުންނެވެ. ޚާލިދާޒިޔާވެސް ވަނީ ތިން ފަހަރެއްގެ މަތިން ބަންގްލާދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ބުރާސްފަތިދުވަހުގެ އިންތިޚާބަކީ ޒުވާނުން ނިކުމެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ 15 އަހަރުވީ ސަރުކާރު ވައްޓާލިފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. ޝެއިހް ހަސީނާގެ އަވާމީ ލީގް ޕާޓީ މި އިންތިހާބްގައި ވާދަކުރުން އޮތީ މަނާކޮށްފައެވެ. އެއާއެކު އެޕާޓީގެ ސަޕޯޓަރުން ވަނީ އިންތިޚާބް ބޯއިކޮޓް ކޮށްފައެވެ.

ޒުވާނުންގެ މުޒާހަރާތަކުގައި 1400 އަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ހަސީނާގެ އަމުރަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން މަރުވިގިނަބަޔަކު ހިމެނެއެވެ. މިމައްސަލަތައް ތަހްގީގުކޮށް ޝެއިހް ހަސީނާގެ މައްޗަށް ވަނީ މަރުގެ އަދަބުވެސް ކަނޑައަޅާފައެވެ.

އިންތިހާބަށްފަހު ވޯޓު ގުނުން އަދިވެސް ކުރިޔަށް ދިޔަނަމަވެސް ހުކުރު ދުވަހު މެންދުރެއް ހާއިރުގެ ނަތީޖާތައް ދައްކާގޮތުން ބީއެންޕީއަށް ވަނީ ވޯޓުގެ ތިންބައިކުޅަދެބައި ޔަގީން ކުރެވިފައެވެ. މިއީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އަދި ދެން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނެ ޠާރިގް ރަހްމާންގެ ސިޔާސީ މަސައްކަތްޕުޅަށް ބޮޑުބަދަލެއް ގެނުވާނެ ކަމެކެވެ.

ބަންގްލޭޝްގައި ދެންއޮތް އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ ޖަމާއަތު އެ އިސްލާމީ އަށް މިހާތަނަށް ވަނީ 78 ގޮޑިކާމިޔާބް ކުރެވިފައެވެ. އެޕާޓީން ވަނީ ޒުވާނުންގެ އިހްތިޖާޖްތަކަށް ސަޕޯޓްކޮށް އަދި ޒުވާނުންނާއެކީ މަސައްކަތް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް