ހުއިފިލަނޑާތައް ވިއްކަނީ ޕީޖީގެ ލަފާ މަތިން: ފުލުހުން

Loading

Facebook
Twitter
WhatsApp

ނީލަމުގައި ވިއްކަން އިއްޔެ އިއުލާން ކުރީ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ކަމަށާއި އެ ތަކެތި ވިއްކަނީ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ ލަފާގެ މަތިން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުއްޓާ ދެ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކެއް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އަދި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި
އެ މައްސަލައިގައި ތުހުމަތުކުރެވިފައި ވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިއިރު، އެ ވިޔަފާރި ކުރި ފަރާތްތަކަކީ ”ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު“ (ގަވާއިދު ނަންބަރު:R-3/2025) ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ެެފުލުހުން ބުނީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން ޕީޖީން އެކަމާ ގުޅޭގޮތުން ދިން ލަފާގައިވަނީ، ”ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދު“ ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް އެ މައްސަލައިގައި މިލްކުވެރިކަމާމެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށާއި އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ލަފާދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެެއެވެ.
ފުލުހުން ބުނީ މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީޖީ އޮފީހުން ލަފާދެއްވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި 2026 ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، ޝަރީއަތުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ
އެހެންކަމުން ފުލުހުން ބުނީ ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް