އެމީހުން އަހަރެން ”ރިޕްލޭސް“ ކޮށްލީއެވެ.

Loading

Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ ސީމާއެވެ. އުމުރަކީ 35 އަހަރެވެ. އަހަރެންނާއި އަހުމަދު ކައިވެނިކޮށްގެން މިވީ ދެއަހަރު ދުވަހުގެތެރޭގައި އަހަރުމެންނަށް ކުއްޖަކު ލިބިފައެއް ނުވެއެވެ. ނަމަވެސް އަހަރުމެންގެ ކައިވެންޏަކީ އުފާވެރި ކައިވެންޏެއްކަމަށް ބުނާނަމެވެ.

އަހަރެން އަދާކުރަނީ އޮފީހެއްގެ މަތީ ވަޒީފާއެއްކަމުން އަހުމަދަށް ލިބޭ ވަރަށް ވުރެ ގިނަ ލާރި އަހަރެންނަށް ލިބެއެވެ. ގޭގެ ޚަރަދު ތަކަށާ ބިލްތަކަށްވެސް އަހަރެންވެސް އެހީތެރިވެދިންނަމަވެސް އަހަރެންގެ  އަތުގައި ޖަމާވާއެއްޗެއް ގިނައެވެ.

އަހުމަދު އަބަދުވެސް ބޭނުންވާ ކަމެއް އޮވެއެވެ.އެއީ އުފާވެރި ފެމިލީ ދަތުރެއް ކޮށްލުމެވެ. ރޭގަނޑުގެ ޑިނަރ އެއް ނޫނީ އެއްވެލުމެއް ނޫނެވެ. އަހުމަދުގެ މަންމައާއި ބައްޕަ ގޮވައިގެން ފުރިހަމަ ހޮލިޑޭ ދަތުރެކެވެ.

އަހަރުމެންގެ ކައިވެންޏަށް 2އަހަރު ފުރޭ އެނިވާސަރީ ކައިރި ވަމުންދާތީ އަހަރެން ގަސްތުކުރީ އެނިވަރސަރީ ހަދިޔާއަކަށް އަހުމަދަށް އެފަދަ ދަތުރެއް ދިނުމަށެވެ. އައްޑޫގެ ރީތި ރިސޯޓަކަށެވެ. މިވާހަކަ އަހަރެން ހާމަ ކުރީވެސް ހުރިހާކަމެއް ނިންމާ، ފްލައިޓް ޓިކެޓް ގަނެ ހިންގާނެ އިތުރު ހަރަކާތްތައްވެސް ބުކް ކުރުމަށްފަހުގައެވެ.

މިކަންކަން ހަމަ ޖެއްސުމަށް އަހަރެން އުޅެން ޖެހުނީ ވަރަށް އަވަދި ނެތިއެވެ.

ފުރަން އޮތް ދުވަހުގެ ކުރީރޭ ހުރިހާ ކަމެއް ނިންމާލުމަށްފަހު ފޮށިލައްޕާލިތަނާ އަހުމަދު އައިސް އަހަރެންނަށް ސައިތައްޓެއް ދިއްކޮށްލިއެވެ. އަހަރެން ކުޑަކޮށް ހައިރާންވެސް ވިއެވެ.އެހެނީ ދުވަހަކުވެސް މިގޮތަށް އަހަރެންނަށް ސައިހަދައިގެން އޭނާ ގެނެސް ނުދޭތީއެވެ. އަހަރެން ސުވާލު ކޮށްލާގޮތަށް ބަލާލުމުން އޭނަބުނީ ސީމާ އުޅުނުލެއް ބުރަކަމުން އަރާމުކޮށް ނިދާލެވޭ ކަހަލަ ކެމޮމައިލް ސައިތައްޓެއް ކަމުގައެވެ.

އަހަރެން އޭނާއަށް ޝައްކެއް ނުކުރަމެވެ.އެއީ އަހަރެންގެ ލޯބިވާ ފިރިމީހާއަށް ވާތީ އެވެ.

ހެނދުނު ހޭލެވުނީ 9 ޖެހިފަހުން ގޭތެރެ އާދަޔާ ޚިލާފަށް ހިމޭންވެފަ އޮއްވައެވެ. އަހަރުމެން ފުރަން ދާން އޮތީ 8 ޖަހާއިރު އެވެ. އަހަރެންނަށް އެލާމަށް ހޭނުލެވުނީ ކީއްވެގެން ހެއްޔެވެ. އަވަސް އަވަހަށް އަހުމަދުގެ ނަމުން ގޮވަން ފަށައިފީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ދެން އަހަރެން ފެނުނީ އަހަރެންގެ ފޯނެވެ. އޭގައި އަހުމަދުގެ އައު މެސެޖެއް ވެއެވެ. މެސެޖް ގައިވަނީ ސީމާއަށް ގޮވާގޮވާ ހޭނުލެވުނީމަ އެމީހުން ނައްޓާލީ ކަމުގައެވެ. އަދި އަހަރެންގެ ފޯނު ހުޅުވައިގެން އަހަރެންގެ ޓިކެޓް ”މަންމަގެ ރައްޓެއްސަކަށް“ ބަދަލު ކުރީ ކަމަށް ބުނެފައި ވެއެވެ. އެފައިސާބޭކާރުވިޔަ ނުދިނުމަށްކަމަށް ބުނެފައި ވެއެވެ.

އަހަރެން ހުރި ދިމާލުން އެނދުގައި އިށީންނަން އުޅުމުން އެނދުން ބޭރަށް ނުވެއްޓުނީވެސް ކިރިޔާއެވެ. އަހުމަދު ގެނައި ސައިތަށީގެ ކަންތައް މިއިނގުނީއެވެ.ގަސްތުގައި އަހަރެން ނިންދަވާލާފަ އަހަރެން ދަތުރުން ބާކީ ކޮށްލީއެވެ. އަހަރެން ރިޕްލޭސް ކޮށްލީއެވެ.

އަހަރެން އެމީހުންނަކަށް ނުގުޅަމެވެ. ރަގަޅަށް ފުން ނޭވާއެއް ލުމަށްފަހު ހަމަޖެހިލީމެވެ. އަދި ފޯނު ނެގުމަށް ފަހު ދެން އެންމެ އަވަހަށް އައްޑޫ އަށް އޮތް ފްލައިޓުން ޓިކެޓެއް ހޯދީމެވެ. ފްލައިޓް ފުލްވެފައި އޮތުމުން ލިބުނީ ފަސްޓްކްލާސް ޓިކެޓެކެވެ. ފަރުވާލެއް ނެތެވެ. އަތުން ކޮންމެ އެއްޗެއް ދީގެންވެސް އަހަރެން ބޭނުންވީ އެމީހުންނަށް ރަގަޅު ފިލާވަޅެއް ދޭށެވެ.

ދެން އަވަސް އަވަހަށް ފެންވަރާލައިގެން ދަތުރަށް ތައްޔާރުވެލީމެވެ. ކުރިން ޕެކްކުރި ފޮއްޓެއް ނުގެންދަމެވެ.އޭގެ ބަދަލުގައި ލުއިލުއި ކުޑަ ފޮއްޓަކަށް މަދު އެތިކޮޅެއް އަޅައިގެން ނިކުމެ، ޓެކްސީ އަކަށް ގުޅީމެވެ. ޓެކްސީ އަންނަންވާއިރަށް ޖޫސް ތައްޓެއް ބޯލުމަށްފަހު އަވަސް އަވަހަށް ބޭރަށް ނިކުތީމެވެ.

ކާރުގައި ބްރިޖް މަތިން ގަޑިއަށް އެއާޕޯޓަށް ގޮސް އަހަރެން ބޯޓަށް އަރައިފީމެވެ. އަހަރެން ހަމަޖެހިފައި ހުރިވަރުން އަހަރެން އަމިއްލަޔަށްވެސް ހައިރާން ވިއެވެ. އަހަރެން ކަންތައް ކުރަންވީގޮތް އަހަރެންނަށް ވަރަށް ސާފެވެ.

ބޯޓުގޮސް ރަންވޭގައި ޖައްސާ ފަސިންޖަރުން ބާލަން ފެށުމާއި އެކު އަހަރެންގެ ކުޑަފޮށި ހިފައިގެން އަވަސް އަވަހަށް ނިކުމެގެން ގޮސް ޓެކްސީ އަކަށް އަރައިގެން އަހަރެން ގެ ދަތުރު ފެށީމެވެ.

ޓެކްސީގޮސް ރިސޯޓަށް މަޑުކޮށްލުމުން އަހަރެން ދިޔަގޮތަށް ގޮސް އަހަރެންނާއި އަހުމަދަށް ބުކިންހެދި ކޮޓަރީގައި ޓަކިޖަހާލީމެވެ. އަހަރެންގެ ނަން ބުނުމުން ރިސޯޓުގެ ރިސެޕްޝަނުންވެސް އަހަރެން ނުހުއްޓުވައެވެ. ދަތުރު ހަމަޖެއްސީ މަގޭ ނަމުގައި ކަމަށްވާތީއެވެ. ދޮރުގައި ތަކިޖަހާލިތާ އިރުކޮޅަކުން ދޮރުހުޅުވީ އަހުމަދެއް ނޫނެވެ. އަންހެނެކެވެ. އަދި ތިޔައީ ކާކުތޯ ބޭނުމީ ކޮންކަމެއް ތޯ ސުވާލު ކުރިއެވެ. އަހަރެން ބަލަހައްޓައިގެން ހުރުމަށްފަހު ބުނީމެވެ. ”މަންމަގެ ރައްޓެހިމީހާ އަކީ ތިޔައީ ދޯއެވެ.“ މިހެން ބުނުމުން އޭނަހުރީ ހައިރާން ވެފައެވެ. އަދި ދެވަނަ ފަހަރަށް ސުވާލު ކުރިއެވެ. ތިޔައީ ކާކު ހެއްޔެވެ. ”އަހުމަދުގެ އަންހެނުންނެވެ.“ އަހަރެން ބުނީމެވެ.

އިރުކޮޅަކުން ތުވާއްޔެއް އަނދެގެން ހުރެ ފާހާނާއިން ނިކުމެގެން އަހުމަދު އަންނަތަން ފެނުނެވެ. އަދި ބުނާނެ އެއްޗެއް ނޭގިފަ އަހަރެންނާދިމާލަށް ބަލަހައްޓައިގެން ފާޑަކަށް ހުއްޓެވެ. އެވަގުތު އަހުމަދުގެ މަންމައާއި ބައްޕަވެސް އެކޮޓަރިޔަށް އައެވެ. އިތުރު މީހަކު ބޭރުން އައިސްގެން އުޅޭތީ އައީ ކާކުތޯ ބެލުމަށެވެ. އެދެމީހުންވެސް ތިބީ ދަތުރުގެ މަޖާކަމުން ވަރަށް އުފަލުން ހިތްހަމަޖެހިފައެވެ.

އަހަރެން މިއޮއް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ހުރިހާ ޝުއޫރުތައް ބަންޑުންކޮށްލީމެވެ. ގަސްތުގައި އަހަރެން ނިންދަވާފައި ތިން މީހުން ރާވައިގެން އަހަރެން ”ރިޕްލޭސް“ ކޮށްލީ ކީއްވެގެންތޯ ސުވާލުކުރީމެވެ.އަހަރެންގެ ކުށަކީ ކޮބައިތޯ ސުވާލު ކުރީމެވެ. ކުށަކީ އަހުމަދު ދެކެ ލޯބިވުންތޯ އެހީމެވެ. އަހަރެން އެމީހުންގެ އުފަލުގައި ބައިވެރިކުރަން އެމީހުން ބޭނުން ނުވާކަން ވަރަށް ސާފުކަމުގައި ބުނީމެވެ.  އެކަކުވެސް ބުނާނެ އެއްޗެއް ނޭގިފައި ތިއްބެވެ.

 އެވަގުތު އަހަރެން ދޭން ރާވައިގެން އައި ”ހަދިޔާ“ ދިނީމެވެ. މިދަތުރަކީ ހުރިހާކަމެއްވެސް އަހަރެންގެ ޚަރަދުގައި އަހަރެން ހަމަޖެއްސި ދަތުރެއް ކަމުން ދަތުރު މިހާރުވާނީ ކެންސަލް ކޮށްފައި ކަމަށް ބުނީމެވެ. އަދި އެއްގަޑިއިރުތެރޭ ކަލޭމެން މިތަނުން ނިކުންނަށް ޖެހޭނެކަމަށް ބުނީމެވެ. ޓިކެޓްވެސް ވާނީ ކެންސަލް ކޮށްފައި ކަމަށާ އެނބުރި ދާނެ ޓިކެޓެއް ގަންނާނެ ފައިސާ އަމިއްލަ އެކައުންޓްގައި ހުރި ކަމަށް ހީކުރާ ކަމަށް ބުނީމެވެ.  

އެވަގުތު އަހުމަދާއެކު ހުރި އަންހެންމީހާ ވާހަކަ ދައްކަން ފެށިއެވެ. އަހުމަދުހުރީ ކައިވެންޏެއްކޮށްގެން ނޫން  ކަމަށް އަހުމަދުގެ މަންމަ ބުނި ކަމަށާ، އަހުމަދާ އޭނަ ގުޅުވަން ބޭނުން ކަމުގައި ބުނިކަމަށް ވެއެވެ.އަދި މިދަތުރު އެކުގައި ކޮށްލުމުން އަހުމަދު ދެނެގަންނަން ފުރުސަތަކަށް ވާނެ ކަމަށް ބުނި ކަމަށް ވެއެވެ. އެގޮތް ރަގަޅުވާނެ ކަމަށް ބުނި ކަމަށްވެއެވެ.

އަހަރެން ބުނީމެވެ. ރަގަޅުވާނީ ކާކަށް ހެއްޔެވެ. އަހުމަދަށް ހެއްޔެވެ.ނޫނީ މަންމައަށް ހެއްޔެވެ. ކޮންމެ އަކަސް ހަމަގައިމުވެސް އަހަރެންނަކަށް ރަގަޅެއް ނުވާނެއެވެ. އެހާހަމައިން އެއަންހެންމީހާ ދަބަސް ހިފައިގެން އަވަސް އަވަހަށް ނިކުމެގެން ހިނގައްޖެއެވެ.

މިވާހަކަތައް ދެއްކުމަށް ފަހު އަހަރެން އެތަނުން ނިކުމެގެން ގޮސް މާދުރުން އެހެން ގެސްޓް ހައުސް އަކުން ކޮޓަރިއެއް ނަގައިގެން އެރޭ މަޑުކޮށްލީއެވެ. އަހަރެން ދިޔަފަހުން އަހުމަދު އެތައްފަހަރަކު ގުޅާ މެސެޖްތައް ފޮނުވަމުން ގެންދިޔައެވެ. ”އެކްސް ޕްލެއިން“ ކޮށްދޭން ބޭނުންކަމަށް ބުންޏެވެ.ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ބޭނުން ކަމަށް ބުންޏެވެ. ”އައި ވޯންޓްޔޫ“ ކަމަށް ބުނެފައިވެއެވެ. އަދި އެންމެ ފަހުން މަންމަ ވަރަށް ބޮޑަށް ރޮނީ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް އަހަރެންގެ ހިތަކު މިއަދު އެމީހުނަށް ހަމްދަރުދީއެއް ނުއުފެދުނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް