https://sandhaanu.today/65418/ އާއި ގުޅޭ ….
މެދު އިރުމަތީގެ ގައުމުތަކުން މިހާރު ގަބޫލުކުރެވިއްޖެ ގޮތުގައި އެ ގައުމުތަކަށް ބިރު އޮތީ އިސްރާއީލުގެ ފަރާތުންނެވެ. އަދި އިސްރާއީލުގެ ފިއްތުންތަކާހުރެ އެމެރިކާއިންނެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް އީރާނަށް ޙަމަލާދީ އެ ގައުމު ވީރާނާކޮށްލަން ރާވައި އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތައް ގަލްފް ސަރަހައްދަށް ޖަމާކުރަން ފެށުމުން ގަލްފްގެ ގައުމުތަކުން ޙަރަކާތްތެރިވި ގޮތުން އެކަން ކަށަވަރުކުރެވިގެން ހިނގައްޖެއެވެ. އެމެރިކާގެ ރޭވުންތަކާ ދެކޮޅަށް ޖީ ސީ ސީ ތެދުވީ އެމެރިކާއިން ހީވެސް ނުކުރާ އަވަސްމިނެއްގައެވެ. ޖީ ސީ ސީގެ ނިންމުން އަވަސްވެފައި ސަރީޙައެވެ.
“ އަހަރެމެންގެ އެއްވެސް ބިމެއް އަދި ކަނޑުގެ ސަރަހައްދެއް އީރާނާ ދެކޮޅަށް ބޭނުންކުރުން ހުއްދަ ނުކުރެވޭނެއެވެ. އެމެރިކާއާއި އިސްރާއީލުގެ ފައިދާއަށްޓަކައި އަހަރެމެންގެ ގައުމުތައް އިނދަ ޖެހެން ބޭނުމެއް ނޫނެވެ. ”
ކުރުގޮތަކަށް ބުނާނަމަ ސުޕަރޕަވަރ އެމެރިކާގެ ރޭވުން މިފަހަރު ސަޢޫދީ އެރޭބިޔާއާއި ގަތަރުން ވީޓޯކޮށް ބޭރު އަރުކޮށްލީއެވެ. މިހާރު ފެންނަމުންދަނީ މެދުއިރުމަތީގެ ގައުމުތައް ޕާކިސްތާނާއި ތުރުކީއާއި ކައިރިއަށް ޖެހެމުންދާތަނެވެ. އެމެރިކާއިން ޙަރަކާތްތެރި ވަމުން ގެންދާތަން ފެންނަމުންދަނީ އަދިވެސް އިސްރާއީލުގެ ދިފާއުގައިކަން ގަލްފްގެ ގައުމުތަކަށް ވިސްނިއްޖެ ކަހަލައެވެ.
އީރާނުން އިސްވެ އިސްރާއީލަށް ޙަމަލާ ނުދިނުމަށާއި މަސްރަޙު ފިނިކުރަން އެމެރިކާއިން މަސައްކަތް ކުރަމުން ގެންދާކަމަށާއި އެމެރިކާއިން އީރާނަށް މުވާސަލާތު ކުރަމުން ގެންދާނަމަވެސް މިހާރު އޮތީ އިތުބާރު ގެއްލިފައެވެ. އެމެރިކާގެ އެއްވެސް ހުށައެޅުމެއް އީރާނުން ގަބޫލެއް ނުކުރާނެއެވެ. އަދި އިސްރާއީލުން އެމެރިކާ ހަމަހިމޭނުން އޮތަކަވެސް ނުދޭނެއެވެ. އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް ތަފާތު ގޮތްގޮތުން ފިއްތުން ކުރިމަތި ކުރަމުން އެބަގެންދެއެވެ. ކޮންމެ ގޮތަކަށް ރާވައިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށިކަމުގައި ވިޔަސް އިސްރާއީލުން ބޭނުންވާ މަގްސަދު ކާމިޔާބެއް ނުކުރެވޭނެއެވެ.
ބައެއް އެހެން ތަޖްރިބާކާރުންގެ ވިސްނުމުގައި އެންމެފަހުން އެމެރިކާ އީރާނުން އެތައް އަހަރެއްވާންދެން ތައްޔާރު ކުރަމުން ގެންދިޔަ މަޅިފަތީގައި ޖެހުނީތޯވެސް ސުވާލު އުފައްދަމުން ގެންދާން ފަށައިފިއެވެ. އީރާނަށް ޙަމަލާދީ އެގައުމު ދުނިޔޭގެ ޗާޓުން ފޮހެލުމުގެ ވައުދުގައި އެމެރިކާ މިލިޓްރީގެ އެންމެ ފަޚްރުވެރިމަގާމް ރަމްޒުކޮށްދޭ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް އަބްރަހަމް ލިންކަންއާއި އޭގެ ސްޓްރައިކިންގް ގުރޫޕާއެކު އީރާނުގެ ގޮނޑުދޮށަށް ގެނައުމަށްފަހު ކުއްލިއަކަށް ރައީސް ޓްރަމްޕްގެ ނިންމުން ބަދަލުކުރުމުގައި ފޮރުވިފައިވާ ސިއްރުތަކެއް އޮންނާނެ ކަމާދޭތެރޭވެސް ސުވާލު އުފައްދަމުން ގެންދާން ފަށައިފިއެވެ.
އެ ނިންމުމުގައި ވައިޓް ހައުސްއިން ވާހަކަދައްކަން ބޭނުންނުވާ ގިނަ ސިއްރުތަކެއް އެކުލެވިފައި ވާނެއެވެ. އެމެރިކާގެ މިލިޓްރީ ބާރުގައި އީރާނަށް ސިއްރު ނުކުރެވޭ ބަލިފައިތަކެއް ހުރީކަމަށް ޝައްކު ކުރާނެ ހުސްތަން އުފައްދައިފިއެވެ. އެތައް ފަށަލައަކުން ދުނިޔޭގެ ލޯތަކަށް ފޮރުވިގެން އީރާނަށް ދަތުރުކުރަމުން ގެންދިޔަ ޔޫ އެސް އެސް އަބްރަހަމަ ލިންކަން ދަތުރުކުރަމުންދިޔަ މަގު އީރާނުގެ ފާރަ ލޯތަކަށް ސިއްރު ނުކުރެވި އޭގެ ފޮޓޯތަކާއި ވީޑިއޯތައް އީރާނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކަށް އޮއްސާލުމުން މީޑިއާތަކަށް ލިބިގެންދިޔައީ ހީ ނުކުރާވަރުގެ ސިހުމެކެވެ.
އެމެރިކާގެ ދިފާޢީ ފަރުދާތައް ފޫއަޅުވާލާފައި އީރާނުގެ ފާރަ ލޯތަކުން ޔޫ އެސް އެސް އަބްރަހަމް ލިންކަން ދެނެގަތީ ކިހެނެއްކަން ތަޖްރިބާކާރުންނަށްވެސް ބުނެދޭކަށް ނޭގުނެވެ. މިއިން އެނގި ހާމަވެގެން ދިޔައީ އެމެރިކާގެ ކަނޑުގެ ބާރުތައް އީރާނުގެ ފާރަލޯތަކުގެ ކުރިމަތީގައި ސިއްރު ނުކުރެވޭނެކަމާއި އީރާނުން ދަމާފައިވާ ރަތްރޮނގުން ބޭރަށް އެންމެ ފިޔަވަޅެއް އެޅުމަކީވެސް ޔޫ އެސް އެސް އަބްރަހަމް ލިންކަން ގޮއްވާލާނެކަމަށް އީރާނުން ދީފައިވާ އިންޒާރާމެދު ލަދުވެތިކަމާއެކު އެމެރިކާއިން ކަކޫ މައްޗަށް ތިރިވުންކަމުގައި ދުނިޔެއަށް ހާމަވެގެންދާނެއެވެ.
ޔޫ އެސް އެސް އަބްރަހަމް ލިންކަންގެ ދަތުރު ދެނެގަތުމަށްފަހު އީރާނުން އެ އުޅަނދަށް ޙަމަލާ ނުދިނުމަކީ އީރާނުގެ ނުކުޅެދުންކަމުގައި ބެލޭނެތަނެއް ނެތްކަމަށާއި އެއީ އީރާނުގެ ރަތްރޮނގު ހުރަސްކުރުމާ ހަމަޔަށް ދިން ފުރުސަތެއްކަމުގައި ތަޖްރިބާކާރުން ބުނެފައި ވެއެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދީފިނަމަ ދެން މެދުވެރިވެދާނެކަމަށް ބެލެވޭ ނުރައްކާތެރި ކަންތައްތަކެއްގެ ސަބަބާހުރެ މިވަގުތަށް އެ ޙަމަލާތައް ހުއްޓާލީ ކަމަށް ބެލެވިދާނެއެވެ. އެކަމަކު އިސްރާއީލުގެ ފިއްތުންތަކަށް ނިމުމެއް ނާންނާނެތީވެ އެމެރިކާއިން އީރާނަށް ޙަމަލާދިނުން އަދުތޯ މާދަންތޯ ކުރެވޭ ސުވާލަށް ދޫކޮށްލެވިފައިވަނީއެވެ. އީރާނަށް ޙަމަލާދީފިނަމަ ޚޮރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްލާނެކަމާ ދޭތެރޭ ޝައްކެއްވެސް ނެތެވެ.
ނަތީޖާއަކަށް ވެގެންދާނީ ދުނިޔޭގައި ހަކަތައިގެ އަގު އުފުލި އިގްތިސާދީ ނަރަކައެއްގެ ތެރެއަށް ވެއްޓިގެން ދިއުމެވެ. އޭގެ އެންމެ ބޮޑު ގެއްލުމާއި ބުރަ އުފުލަންޖެހޭނީ އެމެރިކާގެ ރައްޔިތުންނަށެވެ. އަދި ގަލްފްގެ ގައުމުތަކުގެ އެކްސްޕޯރޓް ހުއްޓުމަކަށް އައުމުގެ ނުރުހުން ރައީސް ޓްރަމްޕްގެ އިސްތަށިފުޅުގައި އެގައުމުތަކުން އަޅުވާނެއެވެ. މިހާރުވެސް ސަޢޫދީ އެރޭބިޔާއާއި އެމިރެޓްސް އިން އެމެރިކާއާއި ދުރަށް ޖެހެމުންދާކަނަ ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާގެ ޙަމަލާ މިވަގުތަށް މަޑުޖައްސާލި އެއް ސަބަބަކީ މިއީ ކަމުގައި ބެލެވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރުބިއޯ ކޮންގްރެސްގައި ދެއްކެވިކަމަށް ބުނާ ވާހަކަފުޅުތަކުން މިކަމަށް އިޝާރާތް ލިބިގެންދެއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާގެ ސަލާމަތީ ބާރުތަކެއް އޮތީ އީރާނުން ޙަމަލާދެވިދާނެ ހިސާބެއްގައެވެ. އީރާނުން ފަސޭހަކަމާއެކު ޙަމަލާދީ އެމެރިކާގެ އެ ސަލާމަތީ ބާރުތައް ހަލާކު ކޮށްލެވިދާނެއެވެ. އީރާނުގެ މިސައިލް ޙަމަލާތައް ހުއްޓުވުމުގެ ބާރާއި އެއާރ ޑިފެންސްގެ ނިޒާމެއް ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި ލިބިފައި ނެތްކަމަށެވެ. އީރާނުގެ ވަށައިގެން އެމެރިކާގެ ސަލާމަތީ ބާރުތައް ޙަރަކާތްތެރި ވަމުން ގެންދާއިރުވެސް އީރާނުން ބޭނުން ހަތިޔާރެއް އެތެރެކޮށް އުފައްދައި ހަދަމުން ގެންދަނީއެވެ. އެމެރިކާއަކުން އެކަމެއް ނުހުއްޓުވުނެވެ.
އީރާނުގެ މިސައިލްތަކުގެ ބާރު ދުނިޔޭގެ އެއްވެސް ގައުމަކަށް އަންދާޒާވެސް ނުކުރެވޭނެއެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އެކުވެގެން ކުރިންވެސް އިސްރާއީލު ދިފާއުކުރަން ކުރި މަސައްކަތްވެސް އޮތީ ނާކާމިޔާބު ކޮށްލާފައެވެ. މިކަން ރަނގަޅަށް އެނގޭ އިރު ޔޫ އެސް އެސް އަބްރަހަމް ލިންކަން އީރާނުގެ ފަޔަރިންގ ރޭންޖަށް ގެނައުމުގެ ނުރައްކާތެރިކަމާ ދޭތެރޭ އެމެރިކާއިން ވިސްނާފައި ނުވާކަހަލައެވެ.
އީރާނުން ގަސްދުކޮށްފިނަމަ އެއާރކްރާފްޓް ކެރިއަރ އާއި އޭގައި ހިމެނޭ ސްޓްރައކިންގ ގުރޫޕްގެ އުޅަނދުފަހަރަށް ޙަމަލާދީ ނައްތާލެވިދާނެކަން އެންމެނަށްވެސް މިހާރު އެނގެއެވެ. ދުނިޔޭގެ ޖީ ޕީ އެސް ނިޒާމުން އެ އުޅަނދުފަހަރު އެމެރިކާއިން ފަރުދާ ކުރުމުންވެސް އީރާނުން ގެންދިޔައީ އެ އެ އުޅަނދުފަހަރު ދަތުރު ކުރަމުންދިޔަ ގޮތާއި ހުރިތަން ވަގުތުން ވަގުތަށް މޮނިޓަރ ކުރަމުންނެވެ. އީރާނުގެ ބާރު، މިއިން އެނގި ހާމަވެގެންދެއެވެ.
އެމެރިކާއިން އީރާނަށް ޙަމަލާއެއް ދޭނީ ހަމައެކަނި ނަމެއްގައި ކަމަށާއި އަދި ބަދަލުގައި އީރާނުންވެސް އެވަރުގެ ޙަމަލާއެއް ދިނުމާދޭތެރޭ ސިއްރުން މަޝްވަރާތަކެއް ކުރެވެމުން ދިޔަކަން ވަނީ ފަޅާއަރާފައެވެ. އެމެރިކާއިން ބޭނުންވަނީ އުފެދިފައިވާ ދެކޮޅުވެރިކަން އެފަދަ ލުއި ގޮތަކަށް ނިންމާލައި ދުނިޔޭގެ ކުރިމަތީގައި މޫނު ސަލާމަތް ކުރުމަށެވެ.
ޖަވާބުގައި އީރާނުން އެކަން ގަބޫލު ނުކުރާނެ ކަމަށާއި އެމެރިކާއިން އީރާނަށް ޙަމަލާއެއް ދީފިނަމަ އީރާނުން ފަސްއެނބުރި ނުބަލާނެކަން ވަނީ އަންގާފައެވެ. މިޙާލަތުގައި ވަގުތީގޮތުން ޙަމަލާނުދޭން ނިންމީ ކަމުގެ ބަހަނާ ދެއްކުން ނޫން އެހެން ގޮތެއް ނެވެ.
ކުއްލިއަކަށް އަނބިމީހާކައިރީ ނިދަން އޮށޯވެ ސައްލާ ކޮށްލާފައި އާޔަތު ﷲ ޢަލީ ޚާމަނާއި ޖަހައިގަނެގެން އަންނަން އީރާނަކީ ވެނެޒޫލާއެއް ނޫންކަން ވިސްނިއްޖެ ކަހަލައެވެ. މިހާރު އެމެރިކާއަށް އޮތީ އެންމެ 2 އިޚުތިޔާރެކެވެ. ފުރަތަމަ އިޚްތިޔާރަކީ އީރާނުގެ އެތެރޭގައި ރެޖީމް ބަދަލުކުރެވޭވަރަށް ދާޚިލީ ދެކޮޅުވެރިކަން އުފައްދައި ދެމެހެއްޓުމެވެ. މިދިޔަ މަހު ހިންގި އެފަދަ ޢުދުވާން މުޒާހަރާތަކުން މިއީވެސް ފަސޭހަކަމަކަށް ވަނީ ނުވެފައެވެ.
ދެވަނަ ފުރުސަތަކީ އެތައް ބައިވަރު ފައިސާއެއް ޚަރަދު ކޮށްގެންކަމުގައި ވިޔަސް އީރާނުގެ މިލިޓްރީ އިސްވެރިން ގަތުމެވެ. މިއިންކޮންމެ ފުރުސަތަކީވެސް ކެތްތެރި ކަމާއެކު ނޫނީ ކުރިއަށް ގެންދެވިދާނެ އިޚްތިޔާރެއް ނޫނެވެ. އިސްލާމިކް ރިޕަބްލިކް އީރާނުން 21 ގަރުނުގައި މިވަނީ ”ދައްޖާލަށް“ ނޫނެކޭ ބުނެ ކުރިމަތިލާން ކެރިފައެވެ. ރޫޙާނީ ލީޑަރ އާޔަތު ﷲ ޢަލީ ޚާމަނާއި ވިދާޅުވަނީ އަހަރެމެން ސުޕަރޕަވަރ ކަމުގައި ގަބޫލުކުރަނީ އެމެރިކާ އެއް ނޫންކަމާއި އެފަރާތަކީ މާތްﷲ ކަމުގައެވެ!
![]()
