ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ އިގްތިސާދުގައި އިނގިރޭސި ވިލާތުގެ ކުންފުނިތަކަށް ލިބިދާނެ ފުރުސަތުތައް ދެނެގަތުމަށްޓަކައި ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި މިދިޔަ ހުކުރުދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަމަރ، ޗައިނާގެ ވިޔަފާރި މަރުކަޒް ޝެންގހާއި އަށް ވަޑައިގެންފިއެވެ.
ބޮޑުވަޒީރު ޗައިނާއަށް މި ވަޑައިގަތީ ލަންޑަނާއި ބެއިޖިންގ ވެވޭ ކޮންމެ އެއްބަސްވުމަކަށް އެމެރިކާއިން ދެކޮޅު ހައްދަވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކު ފާއިތުވެގެންމިދާ 8 އަހަރު ދުވަހުގެތެރޭގައި ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ބޮޑުވަޒީރު އަރިހުގައި އިނގިރޭސި ވިލާތުން ފާހަގަކުރެވޭ ބޮޑެތި 50 ވިޔަފާރިވެރިންގެ ވަފުދެއް ގެންދެވިއެވެ.
އިނގިރޭސި ވިލާތާއި ޗައިނާއިން ވެވޭ ކޮންމެ އެއްބަސްވުމަކަށް ދެކޮޅު ހައްދަވާނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާއެކު ދާދި ފަހުން މި ހުސްވި ޖަނަވަރީމަހުގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު މާރކް ކާރނީވެސް ޗައިނާއަށް ވަޑައިގެންވިކަން ހަނދުމަފުޅު ވެއްޖެ ކަހަލައެވެ. ކުއްލިއަކަށް ރާގު ބަދަލުކޮށްލައްވާފައި ދެން ވިދާޅުވި އެބައިމީހުން ކުރަމުން އެ ގެންދަނީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައެވެ. އަދި ޗައިނާއިން އެ ގައުމުތަކަށް ހެޔޮ ބަދަލެއްވެސް ގެނެސް ނުދެވޭނެއެވެ.
ބޮޑުވަޒީރު ސްޓަމަރގެ ދަތުރުފުޅާބެހޭގޮތުން ކުރިންވެސް ރައީސް ޓްރަމްޕް އަށް މައުލޫމާތު ލިބިވަޑައިގެންފައިވާނެ ކަމަށާއި އަދި ރައީސް ޓްރަމްޕްވެސް މިއަންނަ ބަހާރު މޫސުމުގައި ޗައިނާއަށް ވަޑައިގަންނަވަން ގަސްދުކުރައްވާކަން އެނގިވަޑައިގަންނަވާކަމަށް ސްޓަމަރ ވިދާޅުވިއެވެ.
ސްކައި ނިއުސް އަށް ދެއްވި ބަސްދީ ގަތުމެއްގައި ބޮޑުވަޒީރު ސްޓަމަރ ވިދާޅުވެފައިވަނީ ހޮންގކޮންގއާއި ޗައިނާއަކީ އިނގިރޭސި ވިލާތުގެ ތިންވަނައަށް އެންމެ ބޮޑު މާރކެޓްކަމަށާއި އިނގިރޭސި ވިލާތަށް ފައިދާކުރަނިވި ކަންތައްތަކުގައި އެމެރިކާއިން ދެކެފާނެ ގޮތަކާދޭތެރޭ ބިމަށް ތުންހަރާލައިގެން ތިބޭކަށް ނުޖެހޭ ކަމަށެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެވި އެތައް ޒަމާނަކަށް ދެމިގެން ގޮސްފައިވާ “ އެއްގަލަކަށް ނޭރުމުގެ ސިޔާސަތު އެއްފަރާތްކޮށް “ ދެމެހެއްޓެނިވި ގޮތެއްގައި ދެ ގައުމުގެ ގުޅުން މުރާޖަޢާ ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށްވެސް ބޮޑުވަޒީރު ސްޓަމަރ އިތުރަށް ވިދާޅުވެފައިވެއެވެ. އަދި ޗައިނާއިން އިންސާނީ ހައްގުތަކާއި ކަރާމާތަށް އިޙްތިރާމް ނުކުރާކަމަށްބުނެ އެމެރިކާއިން ޗައިނާއާ ދެކޮޅަށް އިއުލާންކޮށްފައިވާ އިގްތިސާދީ ދުއްތުރާތަކުގައި ޔޫރަޕިއަން ޔޫނިއަންގެ ތެރޭން އިނގިރޭސި ވިލާތާއި ކެނެޑާވެސް އެމެރިކާގެ ފަހަތަށް ޖެހިފައި ވުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ މަޝްހޫރު ބައެއް ގާނޫނީ ބޭފުޅުން ޗައިނާއަށް ވަޑާއިގަތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެއްވާނެ ކަމަށްވެސް ރައީސް ޝީ ޖިންޕިން ވިދާޅުވެފައިވާކަމަށް ބޮޑުވަޒީރު ސްޓަމަރ ވިދާޅުވިއެވެ. އިނގިރޭސި ޕާރލަމެންޓްގައި މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެފައިވަނިކޮށް މި ދަތުރުފުޅުގެ ސަބަބުން ޗައިނާއިން އެވަނީ އިނގިރޭސި ވިލާތުގެ ޕާރލަމެންޓުގެ ކޮންމެ މެމްބަރަކަށްވެސް ޗައިނާއޮތީ މަރުހަބާގެ އަތް ހުޅުވާލާފައިކަން ބޮޑުވަޒީރު ހާމަކުރެއްވިއެވެ.
އިނގިރޭސި ވިލާތުގެ ޕާރލަމެންޓް މެމެބަރުންނަށް ޗައިނާ ހުޅުވާލާފައިއޮތުން އިއުލާން ކުރުމުގެ ފަހަތުގައި އިނގިރޭސިވިލާތުން ދޭންޖެހެނީ ކޮން އަގެއްކަން ބޮޑުވަޒީރު ހާމައެއް ނުކުރައްވައެވެ. އަދި ޗައިނާއާ ދެކޮޅަށް އިނގިރޭސި ވިލާތުން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިދީ ސިޔާސީ ގޮތުން އަތްގާތްކޮށްދިނުން ކަމަށް ބެލެވޭ އިނގިރޭސި ވިލާތުގެ އެއްވެސް ނިންމުމަކަށް އިނގިރޭސި ވިލާތުގެ އިދިކޮޅު ބައެއް މެމްބަރުން ދެކޮޅު ހައްދަވާނެކަމަށް ވަނީ ބެލެވިފައެވެ. މިކަމަށް ބާރު ލިބިދޭ ގަރާރެއް ދަ ގުރޫޕް އޮފް 7 އިން ވަނީ އިއުލާންވެސް ކޮށްފައެވެ. އެހެންނަމަވެސް ދެ ގައުމުންވެސް ޕާރލަމެންޓްގެ މެމްބަރުންނަށް މަރުހަބާކިޔަން ތައްޔާރުކަން ދޭހަވާ މޭރުމަކުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވާހަކަފުޅު ދައްކަވާފައި ވެއެވެ.
![]()
