ސްޕެއިންގެ ދެކުނުގެ ހިސާބެއްގައި ހައިސްޕީޑް ދެރޭލު ޖެހި، ހިނގި ހާދިސާގައި މަދުވެގެން 40 މީހުން މަރުވެ އިތުރު އެތައް ބަޔަކަށް އަނިއްޔާތައް ލިބިއްޖެ ކަމަށް ޚަބަރު ލިބެއެވެ.
އާދީއްތަދުވަހުގެރޭ ހިނގި މި ހާދިސާގައި މެޑްރިޑަށް ދަތުރުކުރި ރޭލެއް، ދަގަނޑު މަތިން ނައްޓާލުމާއި ގުޅިގެން ބައެއް ބައިތައް ޖެހިގެން އޮތް ރޭލުޓްރެކަށް ފުރޮޅާލާފައިވަނިކޮށް އިދިކޮޅުން އައި ރޭލެއް މި ބައިތަކުގައި ޖެހިފައިވާކަމަށް ވެއެވެ. ދެ ރޭލުގައި އެކު ޖުމްލަ 400 ފަސިންޖަރުންނާއި ކްރޫ ތިބިއިރު ،އިމަޖެންސީ ސަރވިސަސްގެ ފަރާތުން 122 މީހުންނަށް ފަރުވާ ދީފައި ވެއެވެ. މީގެތެރެއިން ފަސް ކުޑަކުދިން ހިމެނޭ ގޮތުން 48 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، 11 ބޮޑުމީހުންނާއި އެއްކުއްޖަކަށް ފަރުވާ ދެމުންދަނީ އިންޓެންސިވް ކެއާގައި ކަމަށް ޚަބަރު ލިބެއެވެ. މި ހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށާ މިކަން ހިނގަން ދިމާވި ސަބަބު ބެލުމަށް މިހާރު ތަހުގީގުތައް ފަށާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އެކްސީޑެންޓް ހިނގި ޚަބަރު ލިބުމާއެކު ރޭލުތަކުން ދަތުރުކުރި މީހުންނަށް އެހީތެރިވުމަށް ގިނަބަޔަކު ފެނާއި ރަޖާފަދަ ތަކެތި ހިފައިގެން އެކްސީޑެންޓް ހިނގި ހިސާބަށް ގޮސްފައިވެއެވެ.
![]()
