އަތޮޅުތަކުގެ 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފިއެވެ.
ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކާ އެމްބިއުލާންސް ގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް އަމިއްލަފުޅަށް ނޯޓު ކުރައްވަމުން ގެންދެވިކަމަށެވެ.
އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ސިއްޙީ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.
މިގޮތުން އާބާދީ ބެހިފައިވާގޮތުންވެސް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުން ވަޒީރު ފާހަގަކުރެއްވިއެވެ. ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވެވުމުގެ ސަބަބުން ހަލާކުވެފައި އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ސިޔާސަތުތަކެއް ކަނޑައަޅައި އެމްބިއުލާންސް ބޭނުންވާ ތަންތަނަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވިކަމަށް ވަޒީރު ވިދާޅުވިއެވެ.
![]()
