މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އެގޮތުން ފުލުހުން ވަނީ އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ސަލާމަތްކޮށްފައެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ބިލާލުގެ، ޝުނީނު އަންވަރު (24އ) އާއި ސ. ހިތަދޫ / ބްލޫކޯނަރ، ޙުސައިން ނާހީ ޖަމާލު (23އ) އާއި ގދ. ތިނަދޫ / ކުލުނު، އަލީ ސަރީޚު އަންވަރު (23އ) އާއި ސ. މީދޫ / ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24އ) އެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
![]()
