ވޯޓުން ވައްކަންކޮށް ނަތީޖާ ބަދަލުކުރުމަށް ޖާގައެއް ނުދެވޭނެ: އިކްރާމް

Loading

January 13, 2026
profile
Facebook
Twitter
WhatsApp

ވޯޓު ފޮށީގައި ބަނޑުއަޅައިގެން ވޯޓުގެ ނަތީޖާ ބަދަލުކުރުމާއި ވޯޓުން ވައްކަންކުރުމުގެ ޒަމާން ދިވެހިރާއްޖޭގައި މާޒީވެގެން ހިނގައްޖެކަމަށް ޢަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސްކަމަށް ކުރިމަތިލާފައިވާ އަލްއުސްތާޛު އިކްރާމް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

މިހެން އޭނާ ވިދާޅުވެފައިވަނީ މި މަހު 31 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ޢަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރިޔާސީ އިންތިޚާބު އޮންލައިންކޮށް ބާއްވަން އެ ޕާޓީގެ ލީޑަރޝިޕުން ރާވާފައިވާތީ އެކަން ހުއްޓުވައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. ޢަދާލަތު ޕާޓީ އަލުން ދިރުވައި ކޮޅަށްޖެހުމަށްޓަކައި ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ އިކްރާމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވަނީ މި އިންތިޚާބުގެ ވޯޓުލުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާ ނިންމުމަކީ، ސާފުކޮށް ދެފުށް ފެންނަގޮތަށް ކުރިއަށް ގެންދެވިދާނެ އިންތިޚާބެއްކަމުގައި އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޮންލައިންކޮށް ވޯޓުލުން ބާއްވައިފިނަމަ، ޕާޓީގެ އޮފީހުގައިތިބެ ވޯޓިން ސިސްޓަމާއިކުޅެ، ވޯޓުގެ މުޅި ނިޒާމުގެ ތެރެއަށް ވާދަވެރި ކެންޑިޑޭޓް އަދި މިހާރުގެ ނައިބުރައީސުން އަތްބާނާ ވޯޓު ގަޑުބަޑު ކުރުމުގެ ފުރުޞަތު ބޮޑުކޮށް އޮތްކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ވާދަވެރި ކެންޑިޑޭޓާއި އޭނާގެ ރަނިންމޭޓަކީ މިހާރުގެ ރައީސްކަމުގައި ހުންނެވި އަދި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އައްޝައިޚް ޢިމްރާން ޢަބްދުﷲ ގެ ދެ ނައިބުން ކަމަށެވެ. މިހާރުވެސް ޕާޓީ އޮފީސް ހިންގުމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރައްވާ ދެބޭފުޅުންކަމުން، ޕާޓީއިން އޮންލައިންކޮށް ވޯޓުލާނަމަ އެކަންކަން ކުރިއަށްގެންދާންޖެހޭނީ އެ ބޭފުޅުންގެ ބައިވެރިވުމާއި އެކުގައިކަމަށް އިކްރާމް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އޮންލައިން ވޯޓިން ބާއްވައިފިނަމަ ވޯޓުގެ ކަންކަމުގެ ތެރެއަށް އެބޭފުޅުން އަތްބާނާ ވޯޓު އޮޅުވާލައި، އިންތިޚާބުގެ ނަތީޖާ ބަދަލު ކުރާނޭކަމާއިމެދު އެއްވެސް މީހަކު ޝައްކުނުކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ. މިކަންކަމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއިދެކޮޅު، ނާތަހުޒީބު އަދި ޚުދުމުޚްތާރު ކަންކަން ކަމަށާއި، އަދި މިއީ އިންސާފުވެރިކަމާއިއެކު ބޭއްވޭ ދެފުށްފެންނަ އިންތިޚާބީ އުސޫލުތަކާއި ބީރައްޓެހި، ޢަދުލު އިންސާފުގެ ރޫޙާއި ޚިލާފުކަމެއްކަންވެސް ވިދާޅުވެފައިވެއެވެ. މި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުންނާއި ދައުލަތުގެ ފަރާތުން ބާއްވާ އެކިއެކި އިންތިޚާބުތަކުގައިވެސް ޢަމަލު ކުރަމުންގެންދާ ގޮތަށް އެންމެގެ ކުރިމަތީގައި ވޯޓު ފޮށި ބަހައްޓައި، އޮބްޒާވާރުންނާއި މަންދޫބުންނާއި ނޫސްވެރިންގެ ކުރިމަތީގައި ހާމަކަން ބޮޑުކޮށް، ދެފުއް ފެންނަ ގޮތަށް ވޯޓުގެ ކަންކަން ގެންގޮސްދިނުމަށް ދެންނެވުމަށް އިލެކްޝަންސް ކޮމިޝަނަށް އިކްރާމް ފޮނުވާފައިވާ ސިޓީގައި އެދިވަޑައިގެންފައިވެއެވެ. އަދި ހަމައެފަދައިން ޢަދާލަތު ޕާޓީގެ އިންތިޚާބާ ބެހޭކޮމެޓީގެ މުގައްރިރުގެ ކިބައިންވެސް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، ވޯޓު ފޮއްޓަށް ވޯޓުލެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުމަށް ކުރިން ޢަދާލަތު ޕާޓީގެ އޮފީހަށް އޭނާ ފޮނުވާފައިވާ ސިޓީއެއްގައި އެދިފައިވެއެވެ. މިއިންތިޚާބުގައި އިކްރާމްގެ ރަނިންމޭޓަކަށް ޚިޔާރުކޮށްފައިވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުޙައްމަދު މުއްޠަލިބެވެ. އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން މަސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލް ކުރައްވާފައިވާ ފަރާތެކެވެ. އަދި އިކްރާމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން ޑިގްރީ، މާސްޓަސް އަދި ޕީއެޗްޑީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އިކްރާމަކީ ޤާނޫނީ ވަކީލުކަމުގެ އިތުރުން ކިޔަވައިދިނުމާއި ދިރާސާގެ ދާއިރާގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރައްވައި، ލިއުންތެރިކަމުގައި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތެކެވެ.

Loading

One Response

Leave a Reply to މުހައްމަދު ޝާން Cancel reply

ފަހުގެ އަޕްޑޭޓް