ކުއްލި ހާލަތުގައި ރައްކާތެރިކަން ފޯރުކޮށް ނުދެވޭނެތީވެ ވެނެޒޫލާގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެ ގައުމުން އަވަހަށް ފައިބަން ކަރަކާސްގައި ހުންނަ އެމެރިކާ އެމްބަސީން އިންޒާރުދީފިކަމަށް ފޮކްސް ނިއުސްގެ ޚަބަރުގައި ބުނެފިއެވެ.
މި އިންޒާރު އައިސްފައިވަނީ ވެނެޒޫލާގެ މަގުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ކަމުގައިވެސް ބުނެފައިވެއެވެ. ކަލެކްޓިވޯސް ގެ ނަންދެވިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން މަގުތައް ބަންދުކޮށް އެމެރިކާގެ ރައްޔިތުންނާއި އެމެރިކާއަށް ތާއީދު ކުރާ މީހުން ހޯދަން އަތްފުނާ އަޅަމުންގެންދާކަމަށްވެސް އެ އިންޒާރުގައި ބުނެފައި ވެއެވެ.
އެކަމުގެތެރޭގައި ކިޑްނެޕް ކުރުމާއި ބޮޑެތި އަނިޔާކުރުމާއި ވެނެޒޫލާގެ ގާނޫނުގެ ދަށުން ހިފާ ހައްޔަރުކުރުން ފަދަ ގޮތްތައް މެދުވެރިވުން ވަރަށް ގާތްކަމަށްވެސް އަންގާފައި ވެއެވެ.
ވެނެޒޫލަޢަށް މިހާރު ވައިގެ ދަތުރުތައްވަނީ ހުޅުވާލާފައެވެ. އެހެންވީމާ ފުރުސަތުގެ ބޭނުންކޮށްގެން ހަމަ މިހާރު އެ ގައުމުން ފައިބަން އެމެރިކާ އެމްބަސީންވަނީ އަންގާފައެވެ. ވެނެޒޫލާއަށް ދަތުރުނުކުރުމަށް އެމެރިކާގެ ޚާރިޖިއްޔާއިން އެންމެ ނުރައްކާތެރި އިންޒާރު ވަނީ އިއުލާން ކޮށްފައެވެ.
އިތުރު މައުލޫމާތު ހޯދަން އެމެރިކާގެ ޚާރިޖިއްޔާގައި ޕޮކްސް ނިއުސް ޑިޖިޓަލް އިން އެދުމުން ޖަވާބެއް ނުލިބުނެވެ.
![]()
