ސީ އެން އެން އަދި އޭ ބީ ސީ ގެ އެންމެފަހުގެ ޚަބަރުތަކުގައި ވެނެޒޫލާއިން ޗައިނާއާއި އީރާން އަދި ރަޝިޔާއާއި ކިއުބާއާއެކު އޮންނަ ގުޅުން ކަނޑާލަން އެމެރިކާ ސަރުކާރުން އަންގައިފިއެވެ. އެހެންނަމަވެސް ވައިޓްހައުސް އިން މިކަމާބެހޭގޮތުން ވާހަކަދައްކަން ބޭނުމެއް ނުވެއެވެ.
ރައީސް ޓްރަމްޕްގެ ރިޔާސަތުގައި އިސްލާހުކުރެވުނު އެމެރިކާގެ 19 ވަނަ މޮންރޯ ޑޮކްޓްރިން ގައިވާގޮތުން ވެސްޓަރން ހެމިސްފެއަރ އޮންނަންޖެހޭނީ ހަމައެކަނި އެމެރިކާގެ ބާރުގެ ދަށުގައެވެ. މިދިޔަ އަހަރު ފަހުކޮޅު މޮންރޯ ޑޮކްޓްރިން ރައީސް ޓްރަމްޕްގެ ގައުމީ ސަލާމަތާބެހޭ ސިޔާސަތުގެ ދަށުން އިސްލާހް ކުރެއްވުމުގެ މައިގަނޑު ބޭނުމަކަށްވެފާއޮތީ ހުޅަނގުގެ ގައުމުތަކުގެ ނުފޫޒާއި އަދި ޗައިނާއިން އެ ސަރަހައްދަށް ގަދަކުރަމުން ގެންދިއުން ހުއްޓުވާލުމެވެ. އެހެން އިބާރާތަކުން ބުނާނަމަ އެމެރިކާއާ ދެކޮޅު ވިސްނުންގެންގުޅޭ ގައުމުތަކަށް އެ ސަރަހައްދުން ޖާގަ ނެތިކޮށްލުމެވެ. ޚާއްސަކޮށް އެ ސަރަހައްދުގެ ގައުމުތައް ޗައިނާއަށް ލެނބިފާ އޮތުން ހުއްޓުވުމެވެ. މޮންރޯ ޑޮކްޓްރިން އަކީ ހުޅަނގުގެ ބާރުތަކުން ދުނިޔެ އިސްތިއުމާރުކުރަމުންގެންދިޔަ ދުވަސްވަރު 1823 އިން ފެށިގެން ވެސްޓަނން ހެމިސްފެއަރ ގައި ހިމެނޭ ގައުމުތަކާ ދިމާކުރުން މަނާކުރުމުގެ ގޮތުން އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.
ވެނެޒޫލާގެ ރައީސް ކިޑްނެޕް ކުރުމަށްފަހު ޗައިނާއާއި ރަޝިޔާގެ މިލިޓްރީން ގްރީންލޭންޑްގައި ތިބޭ ކަމަށް ވިދާޅުވެ އެ ޖަޒީރާއަކީ އެމެރިކާގެ ސަލާމަތަށްޓަކައި ކޮންމެހެން އެމެރިކާއަށް ލިބެންޖެހޭ ތަނެއް ކަމަށާއި އެކަން ކުރައްވާނެ ކަމުގެ އިންޒާރު ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.
އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް މުދުރޯ އާއި އަނބިކަނބަލުން ވަގަށްނެގުމާގުޅިގެން ޗައިނާއިން ވަނީ ނުރުހުންފާޅުކޮށް ގައުމުތަކުގެ ސަރުކާރު ވައްޓާލުން ހުއްޓާލުމަށް އިންޒާރު ދީފައެވެ، ނަމަވެސް ޔުނިވަރސިޓީ އޮފް ޒިއުރިކްގައި ޗައިނާއާއި ތައިވާން ދިރާސާ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްލިލު ސިމޯނާ ގްރާނޯ ދެކޭގޮތުގައި އަންގާރަ ދުވަހު އެމެރިކާގެ ރައީސް މޮންރޯ ޑޮކްޓްރިން އިސްލާހް ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ދެމިޔަލީ ޚަންޖަރެއް އޮތްކަމަށް ބެލެވެއެވެ. އެއީ ވެސްޓަރން ހެމިސްފެއަރ އަހަރެމެންގެ ބާރުގެ ދަށަށް ދޫކޮށްލާފައި އޮވެއްޖެނަމަ އިރުމަތީގައި ކަލޭމެންކުރާ ކަމަކާ އަހަރެމެން ނުބެހޭނަމޭ ބުނުން ކަހަލަ ނުސީދާ ބުނުމެއްކަމަށް ބެލެވިދާނެއެވެ. ސިމޯނާ ގްރާނޯ ގެ ނަޒަރުގައި މިހާލަތުގައި ދިމާވެދާނެ އެންމެ ބޮޑު މައްސަލައަކީ ލެޓިން އެމެރިކާގެ ގައުމުތަކުގައި ޗައިނާއިން ކޮށްފައިވާ ބޮޑެތި އިންވެސްޓްމެންޓް ތަކެވެ. މި މޭރުމުން ވިސްނާއިރު އެމެރިކާއަށް ތައިވާނުގެ މައްސަލަވެސް ހިމެނޭގޮތުގައި އިރުމަތީ އޭޝިޔާގައި އަތްގަދަ ކުރުމަށް ދައްކާނެ ބަހަނާ އަށް ފުރުސަތު ކުޑަވެގެންދާނެކަމަށް އެކަމަނާ އަލްޖަޒީރާއަށް ކިޔާދީފައި ވެއެވެ.
ސުލްހައިގެ މަގުން ނުވެއްޖެއްޔާ ބާރުގެ ބޭނުންކޮށްގެންވެސް ތައިވާނަކީ ޗައިނާގެ ބައެއް ކަމުގައި ހަދަން ޗައިނާއިން ބޭނުންވެއެވެ. ތައިވާނަކީ މިނިވަން ވަކި ދައުލަތެއްކަމަށް އިއުތިރާފް ވެފައިވަނީ ހަމައެކަނީ 11 ގައުމަކާއި ދަ ހޮލީ ސީ އިންނެވެ. ހޮލީ ސީ އޭ ބުނެވެނީ ވެޓިކަން އަށެވެ.
މޮންރޯ ޑޮކްޓްރިން ފަދަ ހެމިސްފެއަރއަށް ނުފޫޒު ފޯރުކުރެވޭ އެއްބަސްވުންތަކުގެ އަލީގައި ޗައިނާއިން ނުފޫޒު ފޯރުވާނީ ހަމައެކަނި ތައިވާނަކަށް ނޫނެވެ. ދެކުނު އަދި އިރުމަތީ ޗައިނާ ސީގެ ހުރިހާ ޖަޒީރާތަކަށްވެސް ޗައިނާއިން ބާރުފޯރުވަން މަސައްކަތްކުރާނެކަމަށް ނޭޝަނަލް ތައިވާން ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ނެޚްމަން އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ. ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް ވަގަށް ނެގުން އެމެރިކާއިން އެކުލަވާލާފައިވާ މޮންރޯ ޑޮކްޓޮރިންއެއްގެ ތެރެއިން ހުއްދަ ކުރެވޭނަމަ އަންޒަމާނުއްސުރެން ޗައިނާގެ ބައެއްގެ ގޮތުގައި އޮތް ތައިވާނަށް ބާރުގެ ބޭނުންކޮށްގެން ޗައިނާއިން އަރައިގަތުމާދޭތެރޭ އެމެރިކާއިން ފާޑު ކިޔޭނެ ތަން އޮތްކަމަކަށް ނުފެނެއެވެ. ނެޚްމަން ކިޔާދީފައި ވެއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި ޗައިނާއިން ތައިވާނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފާނެކަމަށް ނުބެލެވޭ ކަމަށާއި އަދި ޗައިނާއިން އިސްކުރާނީ މަޝްވަރާގެ އުސޫލުކަމަށް ބުރަވެވޭކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އެމެރިކާގެ ސެކިއުރިޓީއަށްޓަކައި ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެކަމަށް ރައީސް ޓްރަމްޕް ތަކުރާރުކުރައްވަމުން ގެންދަވާއިރު ޑެންމާރކްގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އެއްވެސް ގައުމަކުން ބާރުގެ ބޭނުންކޮށްގެން ގްރީންލޭންޑަށް އަރަން ދިމާކޮށްފިނަމަ ފުރަތަމަ ރައްދު ހަމަލާ ދިނުމަށް އަންގަވާފައިވާނެ ކަމަށާއި ވާހަކަ ދެއްކުން އޮންނާނީ އޭގެ ފަހުން ކަމަށެވެ. އަދި އެމެރިކާއިން ނޭޓޯގެ ގައުމެއްކަމުގައިވާ ޑެންމާރްކްގެ ބާރުހިނގާ ގްރީންލޭންޑަށް ހަމަލާދިނުމަކީ ނޭޓޯގެ ނިމުންކަމަށާއި ޔޫރަޕްގައި ހިމެނޭ ނޭޓޯގެ ހުރިހާ ގައުމަކުންވެސް ޑެންމާރކަށް ތާއީދު ކުރާނެކަން ޔަގީންކުރައްވާކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. ގްރީންލޭންޑްގެ މައްސަލާގައި ގޮތެއް ނިންމުމަކީޑެންމާރކް އާއި ގްރީންލޭންޑްގައި ދިރިއުޅޭ ރައްޔިތުންގެ އިޚްތިޔާރުގައިވާކަމެއް ކަމުގައި މިދިޔަ އަންގާރަ ދުވަހު ޔޫރަޕްގެ ބާރުގަދަ ގައުމުތަކުންވަނީ ގުޅިފައިވާ ބަޔާނެއްއާންމުކޮށްފައެވެ.
ގްރީންލޭންޑްގައި ދިރިއުޅޭ ބައިލައްކައެއްހާ ރައްޔިތުންނަށް ކޮންމެ މީހަކަށް ލައްކައެއްހާ އެމެރިކާ ޑޮލަރު ދީގެން އެ ޖަޒީރާ މިލްކު ކުރަން އެމެރިކާއިން މަސައްކަތްކުރަމުންގެންދާކަންވެސް މީޑިއާތަކަށްވަނީ ތިލަވެފައެވެ.
ރައީސް ޓްރަމްޕްގެ އަމުރުފުޅަށް އެމެރިކާގެ ސިފައިން ވެނެޒޫލާއަށް އަރައިގަނެ އެ ގައުމުގެ ރައީސް އާއި އަނބިކަނބަލުން ވަގަށްނެގުން ސައްހަކަމަށް ކޮންގްރެސް އިން ސިއްކަ ޖަހާނެ ކަމަށް ބެލެވިފައިވަނިކޮށް ކޮންގްރެސް އިން ފާސްކުރުމަކާނުލައި ވެނެޒޫލާއަށް އިތުރު ހަމަލާ ދިނުމާއި އަދި ސަރަހައްދުގެ އެހެން އެއްވެސް ގައުމަކަށް ހަމަލާދިނުން މަނާކުރަން ބުރާސްފަތި ދުވަހު ވަގުތީ ގޮތުން ފާސްކޮށްފިއެވެ. މި ވޯޓު ނެގުމުގައި ރައީސް ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާރޓީގެ 5 ސެނޭޓަރަކު ވަނީ ޑިމޮކްރެޓުންނާ އެއްކޮޅަށް ވޯޓު ދީފައެވެ. މި ވޯޓުގެ ނަތީޖާ ދެން ދާނީ ސެނެޓްގެ މުޅި ތަޅުމަށެވެ. އެ ނިންމުން ރައީސް ޓްރަމްޕްގެ މޭޒުކޮޅާ ހަމަޔަށް ދިއުމުގެ ކުރިން ކޮންގްރެސްގެ 2 ޗޭމްބަރުން ފާސްކުރަންޖެހޭނެއެވެ. އެއަށްފަހު ރިޕަބްލިކަންޕާރޓީއަށް ނިސްބަތްކުރެވޭ ސެނޭޓުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް ރައީސް ޓްރަމްޕްއާއި ދެކޮޅަށް ވޯޓު ނުދީފިނަމަ ގަރާރު ވީޓޯ ކުރުމުގެ އިޚްތިޔާރު ރައީސަށް ލިބި ވަޑައި ގަންނަވާނެއެވެ.
ރިޕަބްލިކަން ސެނެޓުންގެ ތިންބައިކުޅަދެބައި މެމްބަރުން ރައީސް އާ ދެކޮޅު ވޯޓުދީފާނެ ކަމަށް ނުބެލެވެއެވެ. އަދި މިހާރުވެސް ކަރަކާސްގައިތިބި އެމެރިކާގެ ސިފައިން އަނބުރާ ނުގެނެވޭނެ ކަމަށާއި މިހާރުގެ ވަގުތީ ރައީސް އެމެރިކާއިން ބޭނުންވާގޮތަށް ނުރުހޭނަމަ މުދުރޯއަށްވުރެންވެސް ބޮޑު އަގެއް އަދާކުރަން ޖެހޭނެކަމަށް ރައީސް ޓްރަމްޕް ގެންދަނީ އިންޒާރު ދެއްވަމުންނެވެ
![]()
