ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި ވެނެޒޫލާގެ ރައީސް ކިޑްނެޕް ކުރުން

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް ކިށްނެޕްކުރުން ބައިނަލް އަގްވާމީ ދުނިޔޭގައި ސިޔާސީ މަސްރަހު ދިރާސާ ކުރައްވަމުންގެންދާ ފުންނާބު އުސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގެ ޚުލާސާއެކެވެ.

މިއީ އެމެރިކާއިން ހިންގަމުންގެންދާ ޣައިރުގާނޫނީ ގޮށްމުށުގެ ބާރަށް އިތުރު ކުރެވިގެންދިޔަ ސަފްހާއެކެވެ. ވެނެޒޫލާއަށް އަރައިގަނެ އެ ގައުމު އަތުލުމަކީ 2017 ގައިވެސް ރައީސް ޓްރަމްޕް ގެންގުޅުއްވި ވިސްނުންފުޅެކެވެ. އެކަމުގައި އޭރުވެސް ރައީސް ޓްރަމްޕްގެ އެންމެ އަރިސް މޭސްތިރިއަކީ ސެނެޓަރ މާރކޯ ރުބިއޯ އަދި މިހާރުގެ ޚާރިޖީ ވަޒީރެވެ. ފަހަކަށް އައިސް ރައީސް ޓްރަމްޕް ގެންދަވަނީ ދުވާލަކު ގައުމަކަށް އިންޒާރު ދެމުންނޭވެސް ބުނެވިދާނެއެވެ. މިދިޔަ ހަފުތާގައި ހަމަލާ ދިނީ ނައިޖީރިއާއަށެވެ. އީރާނުގައި މުޒާހިރާ ކުރަމުންގެންދާ މީހުންނާ ދޭތެރޭ ފިޔަވަޅެއް އަޅައިފިނަމަ އީރާނަށް ހަމަލާދޭނެކަމަށް މިހާރުވެސް އެ ގެންދަނީ އިންޒާރު ދެމުންނެވެ. އެންމެފަހުން ވެނެޒޫލާއަށް ހަމަލާދީ އެގައުމުގެ ރައީސް އާއި އެމަނިކުފާނުގެ އަނބިކަބަލުންވެސް ވަގަށް ނެގީއެވެ.ގްރީންލޭންޑަކީ އެމެރިކާގެ ބައެއް ކަމަށްބުނެ އެ ގައުމު ދަމައިގަތުމުގެ ރޭވުންތައް ގެންދަނީ ރާވަމުންނެވެ. މިއީ ޔޫރަޕްގެ ގައުމުތަކަށް ގޮންޖެހުމަކަށްވިޔަސް ޔޫރަޕްގެ ގައުމުތަކުން ޓްރަމްޕް ދައްކާ ވާހަކަފުޅުތަކަށް ކުޑަމިނުން ރައްދު ދެވިދާފަދަ ހިތްވަރެއް ހުރިކަމަކަށްވެސް ނުވެއެވެ. އެމެރިކާ ސަރުކާރު ހިނގަމުންދަނީ ގާނޫނީ އޮނިގަނޑެއްގެ ތެރޭންނެކޭ މިހާރަކު ނުބުނެވޭނެއެވެ. އެމެރިކާއަކީ މިހާރު މިލިޓްރީ ސްޓޭޓެކެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތެވެ. ގާނޫނީ ހުރިހާ ބާރެއް އޮތީ ތަގުންގެ ގާނޫނަކަށްވެ ރައީސްގެ އަތްޕުޅަށް ދަމައިގެންފައެވެ. ދާދިފަހުން ކޮންގްރެސްގެ މެމްބަރަކު ގާނޫނު އަސާސީގެ ވާހަކަދައްކަންފެށުމުން ރައީސް ޓްރަމްޕް ވިދާޅުވިކަމަށްވަނީ ދިވެހިންގެ ބަހުރުވައިން ކޮން ފެލުމެއް ހެއްޔެވެ ؟ ރައީސް ޓްރަމްޕްގެ އަމަލުފުޅުތަކުން ދައްކުވައިދެނީ އެމެރިކާއަކީ ގާނޫނީ އިމެއް ކަނޑައޅާފައި ނެތްގައުމަކަށް ވެއްޖެ ކަމެވެ. އެމަނިކުފާނު ކަންތައްކުރައްވަމުން ގެންދަވާ ގޮތުން ދުނިޔެއަށް ނުރައްކާތެރި ކަމުން ފުރިފައިވާ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ވެނެޒޫލާގެ މައްސަލައަށް ބަލާއިރު އެ ގައުމުގެ ރައީސް ހައްޔަރުކުރުމަކީ އެއްވެސް ކަމެއްގެ ނިމުމެއް ނޫނެވެ. ވެނެޒޫލާއަކީ މިހާރުވެސް ސަރުކާރަކާއި މިލިޓްރީއަކާ އަދި އާންމުރައްޔިތަކު ދިރިއުޅެމުންގެންދާ ގައުމެކެވެ. ވެނެޒޫލާގެ ސަރުކާރު ދެން ހިންގާނީ އެމެރިކާއިން ކަމަށް ކިތަންމެ އަޑުހަރުކޮށް ރައީސް ޓްރަމްޕް ވިދާޅުވަމުންގެންދެވިކަމުގައިވިޔަސް ވެނެޒޫލާގެ މައްސަލައަކީ ޑޮނާލްޑް ޓްރަމްޕް ހީފުޅުކުރައްވާހާ ފަސޭހައިން ނިންމާލެވިދާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ޓްރަމްޕްގެ ވިސްނުންފުޅުހުރީ ކޮންމެ އަގެއް ދީގެންނަމަވެސް ވެނެޒޫލާގެ ތެޔޮ އެމެރިކާގެ ބާރުގެ ދަށަށް ގެނައުމެވެ. އެމެރިކާއިން ދެކޭގޮތުގައި ވެނެޒޫލާގެ ތެލަކީ އެމެރިކާ މިލްކެކެވެ. ފާއިތުވެގެންމިދާ ވިއްސަކަށް އަހަރު އެމެރިކާއިން ކުރަމުންގެންދާ މަސައްކަތަކީ ވެނެޒޫލާގެތެޔޮ އެމެރިކާއިން މިލްކު ކުރުމެވެ. އެކަމަށް ދެކޮޅުހަދައި ވެނެޒޫލާގެ ތެލަކީ ވެނެޒޫލާގެ މިލްކެއްކަމަށް ކަނޑައޅި ރައީސުންނަކީ އެމެރިކާގެ ދުޝްމިނުންނެވެ. ހޫގޯ ޗާވީޒް އާއި މުދުރޯއަކީ އެމެރިކާގެ ދުޝްމިނުން ކަމުގައި ވެގެންދިޔައީ އެ ސަބަބަށްޓަކައެވެ. އެމެރިކާގެ މިއަދުގެ ރައީސަކީ ބައިނަލް އަގްވާމީ ގާނުނުތަކާއި ޔުންއިޓެޑް ނޭޝަންސްގެ ޗާޓަރާއި ގައުތަކުގެ މިނިވަންކަމަށް އިހްތިރާމްކުރަން ނުދަންނަ ޖާހިލެކެވެ. އޭނާގެ މަގްސަދު ހާސިލު ކުރުމަށްޓަކައި ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ޔޫރަޕްގެ ލީޑަރުން ތިބީ ފިނިވެ ގައިމަތީ ރަޖާ އަޅައިގެންނެވެ. އެމެރިކާއިން ގްރީންލޭންޑަށް އަރައިގަނެ އެގައުމު އަތުލައިގަތުމުން ޔޫރަޕްގެ ލީޑަރުންގެ ވިސްނުންހުންނާނެ ގޮތެއް ބުނާކަށްނޭގެއެވެ. އެކަމަކު އެމެރިކާއިން ގްރީންލޭންޑ އަތުލާނެކަން ޔަގީނެވެ. ރައީސް ޓްރަމްޕް އެ ގެންދަވަނީ ތަކްރާރުކޮށް އެވާހަކަވިދާޅުވަމުންނެވެ. ކުއްލިއަކަށް އެމެރިކާއަށް މެދުވެރިވި ކުއްލި ހާލަތެއް ކަމަށް ވިދާޅުވެ ގްރީންލޭންޑަށް އަރައިގަންނާނީ ކަމަށް ބެލެވެއެވެ. އެދުވަހުން ޔޫރަޕްގެ ލީޑަރުން ވިދާޅުވާނީ “ ޝުކުރިއްޔާ “ މިހެންބާވައެވެ ! ޔޫރަޕްގެ މިއަދުގެ ހާލަތުގައި މިއަށްވުރެން ބޮޑުވަރެއް ކުރެވިދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެ ގައުމުގެ ރައީސް އާއި އަނބިކަނބަކުން ވަގަށް ނަގައިގެން ގެންދިއުން ރަޝިޔާއާއި ޗައިނާއިން ވަނީ ކުށްވެރި ކޮށްފައެވެ. ހަމައެއާއެކު ވެސްޓަރން ހެމިސްފެއަރގެ މައްސަލައެއްގެ ތެރެއަށް އެ 2 ގައުމުން ވަދެފާނެ ކަމަކަށް ނުބެލެވެއެވެ. ޔުނައިޓެޑް ނޭޝަންއަށް ބަލާލިއަސް ފެންނަނީ އެއްވެސް އަޑެއް ބަޑެއްނެތް ހަމައެކަނި ހަތަރުފާރެކޭ ބުނެވިދާނެއެވެ. ފަންސަވީހަކަށް އަހަރު ޔުނައިޓެޑް ނޭޝަންސްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ބައެއް ތަޖްރިބާކާރުން ވިދާޅުވެފައިވަނީ އެމެރިކާއިން ފާޅުގައި ޔުނައިޓެޑް ނޭޝަންސް އުވާލަން މަސައްކަތްކުރަމުން ގެންދާއިރު ޔޫރަޕްގެ ގައުމުތައް އަނގަބަންދުވެ އެހެން ގައުމުތައް ފައިގެ ވާގިނެތިފައިވާތަންނޫނީ ނުފެންން ކަމަށެވެ. އެމެރިކާގެ މުޅި އަމާޒަކީ ބައިނަލްއަގްވާމީ ގާނޫނުތައް ވީދާފާ އުކާލުން ކަމަށް ބުނަން ޖެހެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެފަހުން ސަތޭކައަށްވުރެން ގިނަ ގައުމުގެ ސަރުކާރު ވައްޓާލަން އެމެރިކާއިން މަސައްކަތްކޮށްފައިވެއެވެ. އެއިން ކޮންމެ ހަރަކާތެއްގައި ގިނައަދަދެއްގެ ލޭ އޮހޮރުވުމާއި ގައުމުތަކުގެ އަމާންކަން ނަގާލުމާއި ބަޣާވަތްކުރުމުގެ ވެއްޓެއް އުފަންކުރުވުމާއި ދާޚިލީ ދެކޮޅުވެރިކަން ފެތުރުމާއި ގައުމުތަކުގެ ވެރިން މެރުންފަދަ ހުރިހާ ނުރައްކަލެއް ހިމެނިގެން ގޮސްފައިވެއެވެ. ފާހަގަކުރެވޭ އަނެއް ކަމަކީ އެމެރިކާގެ އެއްވެސް ނޫހަކުން ވެނެޒޫލާގެ ވާހަކަ ދައްކަން ބޭނުންވެސް ނުވާކަހަލައެވެ. އަދި ކޮންގްރެސް އޮތީ ވާކޮށްލާފައޭ ވެސް ބުނެވިދާނެއެވެ. އަނގަ ހުޅުވާލާނެ ހިތްވަރު ހުރި ހަމައެކަކު ނުފެނެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ހާލަތަށް ބަލާއިރު ބުނެވޭނީ ހިތާމަކުރަންޖެހޭކަމަށެވެ. އެމެރިކާއިން ބޭނުންކޮންމެ ކަމެއް ކުރަމުން ގެންދާއިރު ޔޫރަޕްގެ ވެރިން ތިބީ އަނގަހުޅުވާލަން ނުކެރިފައެވެ. ދުނިޔޭގައި ސުލްހައަށް މަސައްކަތްކުރާކަމަށް ފާހަގަކުރެވިގެން ނޯބެލް އިނާމު ދީފައިވާ މީހުން ވެނެޒޫލާއަށް އަރައިގަތުމަށް އެމެރިކާއަށް ބާރު އަޅަމުންގެންދިއުމުން ނޯބެލްއިނާމުގެ އަގު ވެއްޔާ މޮޑެވިއްޖެއެވެ. މިއަހަރު ނޯބެލް އިނާމުލިބުނު މަޗާޑޯއަކީ ވެނެޒޫލާގެ މިހާރުގެ ނައިބު ރައީސެވެ. ދެން ރައީސްކަން ކުރައަވާނީ އެ ބޭފުޅާކަމަށް ބެލެވެއެވެ. އެމެރިކާ ރުހުން ލިބިވަޑައިގެންފައި ހުންނެވުމުން ރައީސް ކަމުގެ ހުރިހާ ޝަރުތެއް ފުރިހަވެފައިވާތީއެވެ. ޔޫރަޕްގެ ގައުމަކުން ނެރުނު އެންމެ ބާރުގަދަ ސްޓޭޓްމެންޓްގައި ބުނެފައިވަނީ “ މިކަންތައް ހަމައަކަށް އެޅޭނެކަމަށް އުންމީދު ކުރާކަމަށެވެ. “ އެމެރިކާގެ ކުރިމަތީގައި ޔޫރަޕް އިނދަޖެހިފައިވާ މިންވަރު މިއިން އަންގައިދެއެވެ. ބައިނަލް އަގްވާމީ ގާނޫނާ ދެކޮޅަށް ގައުމެއްގެ އިސްތިގްލާލަށް އެމެރިކާއިން އަރައިގެންފިކަމަށް ބުނެލާނެ ހިތްވަރެއްވެސް ނެތެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ ވަރަށް ދުރާލާ ރޭވިގެން ހިންގާ ކަމެކެވެ. އެ މުއްދަތުގެ ތެރޭގައި ހެދުނުހާ ދޮގެއް ހަދައި އެމެރިކާގެ އަމާޒަށް ވާސިލުވުމަށް ބޭނުންވާ ހުރިހާ މަގެއް ތަނަވަސް ކުރާނެއެވެ. މިސާލެއްގެ ގޮތުން ޔޫކްރެއިނަށް ބަލާށެވެ. ޔޫކްރެއިން ހަނގުރާމައަކީ އެމެރިކާގެ މުށުތެރެއަށް އެ ގައުމު ގެނައުމަށްޓާކައި 30 އަހަރުވަންދެން ރޭވިގެންދިޔަ ހަނގުރާމައެކެވެ. މިހާރުގެ ހާލަތަށް ބަލާއިރު ޔޫކްރެއިނުން ނޭވާލުމަށްވެސް އެމެރިކާގެ މަދަދު ބޭނުންވާނެއެވެ. ސީރިޔާގެ ރައީސް އަސަދުގެ ވެރިކަން ވައްޓާލުމަކީ 13 އަހަރު ދުވަހުގެ ރޭވުމެކެވެ. ވެނެޒޫލާގެ ތެޔޮ ނެގުމާއި ސާފުކުރުން އަގުބޮޑު ކަމުގައިވިޔަސް ހަގީގަތަކީ ދުނިޔޭގައި އެންމެ ގިނައިން ތެލުގެ ރެޒާވެއް ހުރީ ވެނެޒޫލާގައެވެ. އެހެންވީމާ ވެނެޒޫލާއަކީ އެމެރިކާގެ ބަޔަކަށް ހެދުމުގެ ވިސްނުން ދުލެއް ނުކުރާނެއެވެ.އެމެރިކާގައި ގާނޫނީ ވެރިކަމެއް ނުހިގާތާ ތިރީހަކަށް އަހަރު ފާއިތުވެގެން ހިނގައްޖެކަމަށް ބުނެވިދާނެއެވެ. ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކު ބޭނުން ވެއްޖެނަމަ އެގެޒެކެޓިވް އޯރޑަރެއްގެ ދަށުން ގައުމުތަކަށް އަރާ ސުންނާފަތި ކޮށްލިޔަސް ކޮންގްރެސްއިންވެސް ދެކޮޅަށް ބަހެއް ބުނާތަން ނުފެނެއެވެ. ދުނިޔޭ ހަމަޖެހުމާއި އަދުލު އިންސާފު ކަށްވަރުކުރުމަށްޓަކައި ގާއިމްކުރި ބައިނަލް އަގްވާމީ އަދުލުގެ ކޯޓުތަކަށް އެމެރިކާއިން އިންޒާރު ދެމުން ގެންދާއީރު ކޮންގްރެސް އަށް އެ އަޑު އިވޭ ކަމަކަށްނުވެއެވެ. ތެދުތެދަށް ވާހަކަދައްކާނަމަ ދުނިޔޭގެ އަދުލު އިންސާފާއި ޑިމޮކްރެސީ އަދި އިންސާނީ ހަމަހަމަކަމަކީ އެމެރިކާއިން އޭރަކު ނިންމާ ނިންމުމަކަށް މިއޮތީ ވެފައެވެ. ކޮންގްރެސްގެ މައިނޯރިޓީ ލީޑަރ ޗަކް ޝޫމަރ ވިދާޅުވެފައިވަނީ މި ހަފުތާގައި ކޮންގްރެސްގެ މެމްބަރުން ވޯޝިންގޓަނަށް ވަޑައިގަތުމުން ރައީސް ޓްރަމްޕް ވެނެޒޫލާއަށް އަރައިގަތުން ހުއްދަކޮށް ސިއްކަޖެހިގެންދާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް