ޖަޕާނުގެ މަޖިލިސް ކުރާގޭގައި އަންހެނުންނަށް ޚާއްސަ ފާޚާނާ އިތުރުކުރަން ގޮވާލާ ކެމްޕެއިންގައި ބޮޑުވަޒީރު ސަނާއޭ ބަައިވެރިވެ ވަޑައިގަންނަވާ

Loading

Facebook
Twitter
WhatsApp

ޖަޕާނުގެ މަޖިލިސް ކުރާގޭގައި އަންހެނުންނަށް ޚާއްސަ ފާޚާނާ އިތުރު ކުރުމަށް ބާރުއަޅާ މަޖިލީހުގެ 60 އަންހެން މެމްބަރުން ގުޅިގެން ޚާއްސަ ކެމްޕެއިނެއް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ. މިކަމަށް ކުރިމަތިލީ އަންހެން މެމްބަރުންގެ ތެރޭގައި ބޮޑުވަޒީރު ސަނާއޭ ޓަކައީޗީ ވެސް ހިމެނި ވަޑައިގަންނަވައެވެ.

ކުރިޔާ ޚިލާފަށް ޖަޕާނުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ އަދި އިންތިހާބު ކާމިޔާބު ކުރާ އަންހެން މެމްބަރުންގެ އަދަދު މިއަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. މިގޮތުން 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި ބޭއްވުނު އިންތިހާބް ގައި، 465 މެމްބަރުން ހިމެނޭ ތިރިގެޔަށް 73 އަންހެން މެމްބަރުން ހޮވިފައި ވެއެވެ. ކުރިން އެންމެ ގިނަ އަންހެން މެމްބަރުން ހޮވުނު އަހަރު ކަމަށްވާ 2009 ވަނަ އަހަރު ހޮވުނީ 54 މެމްބަރުންނެވެ.

ބައެއް އަންހެން މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި ޕްލީނަރީ ސެޝަނެއް ފެށުމުގެ ކުރިން ފާހާނާތަކުގެ ބޭރުގައި ދިގު ކިއުތައް ދަމާލާފައި އޮތުމަކީ އާންމު ކަމެކެވެ. މިހެން ދިމާވާތީ ބައެއް މެމްބަރުން ސެޝަން ފެއްޓުމުގެ ކުރިން ފާހާނާއަށް ވަނުން ދޫކޮށްލާފައިވާ ކަމަށްވެސް ވެއެވެ.

ޕްލީނަރީ ޗެމްބަރ ކައިރީ ހުންނަނީ 2ކިއުބިކަލް އެކުލެވޭ، އަންހެނުންނަށްޚާއްސަ އެންމެ ފާޚާއެއް ކަމަށް ވެއެވެ. ނަމަވެސް މުޅި މަޖިލިސް އިމާރާތުގައި އަންހެނުންނަށް ޚާއްސަ 9 ފާޚާނާ ހިމެނޭ ކަމަށް ވެއެވެ. މިތަންތަނުގައި 22 ކިއުބިކަލް އެކުލެވެއެވެ.

ޖަޕާނުގައި އަންހެނުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 1945 ގައި ކަމަށް ވާއިރު މަޖިލީސް ކުރާގެ އިމާރާތް ކޮށްފައިވަނީ އޭގެ ދިހަ އަހަރު ކުރިން 1936 ގައެވެ.މަޖިލީހަށް ފުރަތަމަ އަންހެން މެމްބަރުން ހޮވިފައިވަނީ 1946 ގައެވެ.

ޖަޕާނުގެ މަޖިލީސްކުރާގޭގެ އިމާރާތުގެ ބޮޑުބައި ތިންފަންގިލާއަށް ހުންނައިރު މެދުގައިވާ ބައި ހުންނަނީ 9 ފަންގިފިލާ އަށެވެ. މުޅިއިމާރާތުގެ ބޮޑުމިނަކީ ދެ ފުޓްބޯޅަ ދަނޑުވަރުގެ ސަރަހައްދެއް ކަމަށް ވާއިރު ބޭނުންވާ އަސާސީ ފެސިލިޓީ ތައް ފުހަމަ ކުރުން އަވަސް ކުރަން ޖެހޭކަމަށް މެމްބަރުން ދަނީ ފާހަގަ ކުރަމުންނެވެ. ބައެއް އަންހެން މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ދައްކާ ވާހަކަ ތައް އެއީ ސީރިއަސް ކަމެއް ދީގެން ދައްކާ ވާހަކަ ތަކެއްނަމަ މިފަދަ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭން ޖެހޭނެއެވެ.  

ޖަޕާން ސަރުކާރުން ކުރިން ކަނޑައެޅި ގޮތުގައި 2020 ވަނަ އަހަރު އަންނަންވާއިރަށް ހުރިހާ ސެކްޓަރު ތަކެއްގައިވެސް އިސް މަގާމު ތަކުގައި 30 އިންސައްތަ އަންހެނުން ބޭތިއްބުމުގެ އަމާޒެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް 2020 ވަނަ އަހަރު އަލުން ވަނީ ޓާގެޓް 2030 ވަނަ އަހަރަށް ބަދަލުކޮށްފައެވެ.

މިއަދު މަޖިލީހުގެ ތިރިގޭގެ 16 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު 125 މެމްބަރުން ހިމެނޭ މަތިގޭގައި އަންހެން 42 މެމްބަރުން ތިބެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު މަގާމާ ހަވާލުވެ ވަޑައިގެންނެވި އަންހެން ބޮޑުވަޒީރު ޓަކިއީޗީ ވަނީ އެކަމަނާގެ ކެބިނެޓްގައި، ނޯޑިކް ގައުމުތަކުގައި އެކަން އޮންނަ ގޮތަށް އަންހެން މެމްބަރުން އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް 19 މެމްބަރުން އެކުލެވޭ ކެބިނެޓަށް އަދި މިހާތަނަށް ލެއްވީ އަންހެން ދެ ވަޒީރުން ކަމަށް ވެއެވެ.

ޖަޕާނުގައި އަންހެނުންނަށް ޚާއްސަ ފާޚާނާގެ މައްސަލަ އަކީ ހަމަ އެކަނި މަޖިލީސް ކުރާގެޔަށް ކުރިމަތިވެފައިވާ މައްސަލަ އެއް ނޫން ކަމަށް ވެއެވެ. އަންހެނުންގެ ޕަބްލިކް ފާހާނާތަކުގެ ބޭރުގައިވެސް ދިގު ކިއުތައް އޮންނަ ކަމަށް ވެއެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް