ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
ސަރުކާރުން އެ ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
މިގޮތުން، ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީފައިވާ ކަމަށެވެ.
އަދި އެ ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެންބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް