އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ދުނިޔޭގައި ނިސްވިއްޔަތު ނުވަތަ މިހާރުގެ ބަހުރުވައިން ފެމިނިޒަމްގެ ހަރަކާތްތައް ފެށިގެން އައިގޮތާއި މިހާތަނަށް ހޯދުނު ކާމިޔާބުގެ ނަތީޖާގެ މައްޗަށް އެ ހަރަކާތުގެ އެންމެ އިސް ސަފުގައި ކޯޗްކޮށްދެމުން ގެންދިޔަ އެޝްލީ އޭން ލީމާ ފާޅުކޮށްފައިވާ އޭނާގެ އަމިއްލަ ރައުޔުގެ ވަރަށްކުރު ޚުލާސާއެކެވެ.
މާޒީގެ ފަތްފުށްތަކުން ލިބެންހުރި ހެކިތަކަށްބަލާއިރު ބީ ސީ އީ އިން 3 ވަނަގަރުނުގައިވެސް ނިސްވިއްޔަތު ނުވަތަ މިހާރުގެ ބަހުންނަމަ ފެމިނިޒަމްގެ ހަރަކާތްތައް ކޮންމެވެސް ސިފައެއްގައި ހިންގަމުން ގެންގޮސްފައިވާކަން އެނގެއެވެ. އަދި އެ ހަރަކާތްތައް ހުއްޓުވުމަށް މުޖުތަމާގެ ފަރާތުން ބާރުއަޅަމުންގެންދިޔަކަންވެސް އެނގެއެވެ. ރަސްމީ ސިފައެއްގައި މިޒަމާނުގެ ފެމިނިޒަމް ހަރަކާތްތައް ފެށިގެން އައިސްފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅު ނުވަތަ 20 ވަނަ ގަރުނުގެ ކުރީކޮޅުގައި ކަމަށް ބުނެވެއެވެ. 20 ވަނަ ގަރުނު ފެށިގެން އައިއިރުވެސް ހުޅަނގުގެ ގައުމުތަކުގައި އަންހެނުންނަކީ ހަމައެކަނި ވަކި ހައްގުތަކެއް ލިބިދީފައިވާ ބައެކެވެ. އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ދުވަހެއް ފުރަތަމަފަހަރު ފާހަގަކުރެވިފައިވަނީ 1909 ވަނަ އަހަރު ފެބުރުއަރީ 28 ވަނަ ދުވަހުއެވެ. މިޒަމާނުގެ ފަރަންސޭސި ވިލާތުގައި މުސްލިމް އަންހެނުންގެ ބުރުގާބާލަން ގާނޫނީގޮތުން މަޖުބޫރުކުރަމުން ގެންދިޔަނަމަވެސް ފަރަންސޭސިވިލާތުގައި 19 ވަނަގަރުނުގައިވެސް އަންހެނުންބޯނިވާކޮށްގެން މެނުވީ އާންމު ތަންތަނަށް ނިކުތުމަކީ މަނާކަމެކެވެ. 20 ވަނަ ގަރުނު ފެށިގެން އައިއިރުވެސް ހުޅަނގުގެ ގައުމުތަކުގައި ވޯޓު ދިނުމުގެ ހައްގުވެސް އަންހެނުންނަށް ލިބިފައެއް ނެތެވެ. ޖަރުމަނުގައި ފިރިމީހާ ބޭނުންވެއްޖެ ހިނދެއްގައި އަނބިމީހާ ވިއްކާވެސް ލެވިދާނެއެވެ. އެމެރިކާގައި މަހްރަމް ފިރިހެނަކު ބައިވެރިކޮށްގެން މެނުވީ އަންހެނުން ވިޔަފާރި ކުރުމުގެ ހުއްދައެއް ނޯވެއެވެ. އަމިއްލަ ދަރިންގެ މައްޗަށްވެސް އަންހެނުންގެ ބާރެއް ނުހިގައެވެ. އަމުދުން ތައުލީމް އުގެނުމަކީ އަންހެނުންނަށް މަނާކަމެކެވެ. ފެމިނިޒަމް އުފެދުނީ ރަނގަޅު މަގްސަދެއްގައި ކަމަށްވެދާނެއެވެ. އަންހެނުންނަށްވެސް ފުރިހަމަ ފުރުސަތުތައް ލިބެންޖެހޭނެއެވެ. އެކަމަކު ފެމިނިޒަމްގައި މިއަދުގެ ހަގީގަތާ ހަމަޔަށް ދަމާހިނގާށެވެ. އަހަރެމެން ހޯދަން އުޅުނު ހައްގުތައް ކަށަވަރު ކުރެވިއްޖެއެވެ. ފިރިހެނުންނެކޭ އެއްފަދައިން ގާނޫނީ އިމުގެ ތެރޭން އަންހެނުން ބޭނުން ކޮންމެ ކަމެއް ކުރެވިދާނެއެވެ. އެކަން މަނާކުރާނެ ގާނޫނެއް ނެތެވެ. މިހިސާބުން ދެން މިހާރާއި އަދި ކުރިމަތިން ފެންނަ މަންޒަރުތަކަށް ބަލާލަމާހިނގާށެވެ. ފެމިނިޒަމްގެ ހަރަކާތުގައި މިހާރު ޖެހެމުންދާ ކުލައަކީ ކޮބައި ހެއްޔެވެ ؟ ދެކޮޅުވެރިކަން ނޫން އެހެން ކޮން ކަމެއްހެއްޔެވެ. ގާނޫނާއި ދެކޮޅަށް ފިރިހެނުންނާ ދެކޮޅަށް އަދި އަންހެނާގެ ފިތުރަތާވެސް ދެކޮޅަށް ހިންގޭ ދެކޮޅުވެރިކަމެވެ. މި ދެކޮޅުވެރިކަން އަންހެނުންނަށް ކާމިޔާބު ކުރެވިދާނެތޯ އަމިއްލަ ނަފުސަށް ސުވާލުކޮށްލުން ރަނގަޅުވާނެއެވެ. ހިތާމައަކީ މި ދެކޮޅުވެރިކަން މިހާރުވެސް ދެމިގެން ދަނީ ހަމަ އެ ވިސްނުމުގައިކަން އަންހެނުންނަށް ފަހުމް ނުކުރެވުމެވެ. މުޖުތަމައަށް އެއްވެސް ފައިދާއެއް ނުކުރާގޮތަށް ބާރުގަދަކުރުމާއި ގޮތްދޫނުކުރުމުގެ ހަނގުރާމައެއްގައި އަންހެނުންގެ ދުވަސްތައް ގެއްލިގެންދަނީއެވެ. ފެމިނިޒަމަށް ވާގިވެރިވަމުންގެންދާ މީހުންގެ ލަނޑުދަނޑިއަކީ އެއް ޒަމާނެއްގައިވެސް އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމެއް ނޫނެވެ. އަދި އެމީހުންނަށް ބާރު ލިބިދިނުމެއްވެސް ނޫނެވެ. މުޅި ރޭވުމަކީވެސް އެބައިމީހުން އުފައްދައި ފަރުމާކޮށްފައިވާ އިމުން އަންހެނުން ބޭރުވެގެން ދިޔަ ނުދިނުމެވެ. އަންހެނުންގެ ހަމަޖެހުމާއި ދުރުކޮށް އެބައިމީހުންގެ އަންހެންވަންތަކަމުން ދުރުކޮށް އާއިލާތައް ވީދާ ކުދިކުދި ކޮށްލުމެވެ. ދެ ޖިންސުގައި އެކުލަވާލައްވާފައިވާ ފިތުރަތުގެ ގުޅުމުން ބޭރުއަރުވާލުމެވެ. ނަތީޖާއަކަށް ވެގެން މިދަނީ އަންހެނުންނަށް ގޮތްހުސްވެ މާޔޫސް ކަމުގެ ތެރެއަށްވެއްޓި ދިރިއުޅުމުގެ މަގްސަދުން އެކަނިވެރި ކުރުވަނީއެވެ. ފެމިނިޒަމްގެ ހަރަކާތްތަކަށް މިހާރު އަންނަމުންދާ ބަދަލާއި އަންހެނުންގެ ހާލަތަށް ދިމާވަމުންދާ ގޮންޖެހުންތަކަށް ބަލާއިރު މި ހަރަކާތް ނިމިގެންދާނެގޮތް ފަހަރެއްގައިރަނގަޅު ފެށުމަކަށް ގެންގޮސްދީފާނެއެވެ. ހުޅަނގުގެ ވެއްޓަށް ބަލާލާއިރު ފެންނަ މަންޒަރުތަކުން ހިތްހަމަޖެހުމުގެ ކުލަތައް ފެންނަން ފަށައިފިކަމަށް ބުނެވިދާނެއެވެ. ހުޅަނގުގެ ގިނަ ގައުމުތަކެއްގައި އަންހެނުންގެ އާބާދީ ގިނަވެ ފިރިހެން ބައިވެރިއަކު ހޯދުމަކީ އަގުބޮޑު ބުރައަކަށް ވެއްޖެއެވެ. ތިމަތިމާމެންގެ ހިތުގެ އުދާސްތައް ކިޔާދޭން ފިރިހެނެއްގެ މޭމަތީގައި ބޯއަޅާލައިގެން އޮތުމުގެ ފުރުސަތު ލިބުމަށް ހިތް އެދެންފަށައިފިއެވެ. ދިރިއުޅުމަށް މެދުވެރިވެފައިވާ އެކަނިވެރި މާޔޫސްކަން ފިލުވާދޭނެ ބައިވެރިއަކު ނެތުމުގެ ހިތްދަތި އިހްސާސްތަކާ ވަކި ނުވެވޭ ހިސާބަށް ދެވިއްޖެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޔަތުގައި ކިޔަވައިގެން މަތީ މަގާމުތައް ލިބިގަތުމަކުން ދިރިއުޅުން ފުރިހަމަނުވާކަން އިހްސާސް ކުރެވެން ފަށައިފިއެވެ. ދިރިއުޅުގެ ކާމިޔާބީ އާއި އުފާތައް ހިއްސާކުރާނެ ބައިވެރިޔަކަށް ހިތް އެދެން ފަށައިފިއެވެ. މިހާރު އެންމެ ބުއްދިވެރިގޮތަކީ މި ހަރަކާތް ފެށުނުގޮތް ހަނދާންނައްތާލައި ނިމިގެންދާގޮތާ ދޭތެރޭ ފިކުރު ކުރުމެވެ. އާ ފެށުމަކަށް އަހަރެމެން ތައްޔާރުވެ މަރުހަބާކިއުމެވެ. ދެ ޖިންސުންގެ އިންސާނުން އެއްހަމަ ކުރެވޭނެ ފަލްސަފާއެއް ނުހޯދޭނެކަން ދަންނާށެވެ. ކޮންމެ ޖިންސެއްގައި ވެސް ވަކިން ޚާއްސަ ސިފަތަކެއް ފިތުރަތުން ލައްވާފައިވާކަން ދެނެގަންނާން ޖެހޭނެއެވެ. މި ވަގުތު އަހަރެމެންގެ ކުރިމަތީގައި ޖަވާބުދޭން އޮތީ މުހިންމު އެންމެ ސުވާލެކެވެ. ދިރިއުޅެމުން ގެންދަންބޭނުންވަނީ ފެމިނިޒަމްގެ މަސްރަހުން ފިރިހެނުންގެ ބައިވެރިވުމާ ދުރު ވިސްނުމެއްގައިތިބެ އަހަރެމެން ހޯދަން މަސައްކަތްކުރާ ފިރިހެނުންނާ އެއްފަދަ މަގާމެއް ކަމުގައި ދެކިގެން އެގޮތުގައި ތޯއެވެ؟ ނިންމާލުމުގެކުރިން ޖާމިޢާ ތިރްމިޒީ 1188 ގައި ބުނެފައިވާ ބަސްފުޅެއް ފިރިހެން ބޭފުޅުންގެ ހަނދާނަށް ގެނެސްދޭނަމެވެ.
”އަންހެނާ ހަގީގަތުގައިވެސް އަރިކަށީގެ ކަށިގަނޑެއް ފަދައެވެ. އެ ސީދާކުރަން އުޅެފިނަމަ ބިންދައިގެން ހިނގައިދާނެއެވެ. އޮތްގޮތަށް ބޭނުންކުރާނަމަ ބޭނުންކުރެވޭނީ ހަމަ ގުދުކޮށް އޮތް އެއްޗެއްގެ ގޮތުގައެވެ.“ ދިރިއުޅުމަކީ އެކަން ދަނެގެންތިބެ ހިއްސާކުރުމެކެވެ.
![]()
