ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާ ގުޅޭ ބައެއް ކަންކަން، އަންނަ ޖަނަވަރީގައި ތަންފީޒުކުރަން ފަށާނެކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ފަންތިތަކުގެ ވިޔަފާރިވެރިންނާއެކު މި ޑިސެންބަރު 17ވަނަ ދުވަހު ކުރެވުނު މަޝްވަރާގައި ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައި ވާކަމަށެވެ.
މި މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. މި ފެށޭ ޖަނަވަރީ 1ވަނަ ދުވަހުން ފެށިގެން މީގެ ތެރޭން ބައެއް ކަންކަން ތަންފީޒުކުރަން ފަށާއިރު، ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅޭ މަޢުލޫމާތު ހާމަކުރަމުން ގެންދާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
![]()
