އަހަރެންގެ އަންހެންދަރިފުޅު މީރާ އަށް ލިބުނު އޯޓިސްޓިކް ދަރިފުޅު އާރަވް ދޫކޮށްލާފަ އޭނަ ދިޔައީއެވެ.
އެއްދުވަހަކު ކުޑަ ސޫޓްކޭސް އަކަށް އެއްޗެތި އަޅައިގެން ނިކުމެ ބުންޏެވެ. މަންމާއެވެ. ދުވަސްކޮޅަކަށް އާރަވް ބަލާދެއްޗެވެ. އަހަރެން މިދަނީ ވަޒީފާއެއް ހޯދާށެވެ. މިހެން ބުނުމަށްފަހު ފަސްއެނބުރި ބަލާވެސް ނުލާ އެދިޔަ ގޮތަށް ދިޔައީއެވެ. އޭރު އާރަވްގެ އުމުރުންވާނީ 6 އަހަރެވެ. މީރާ ދިޔައީ ފިރިހެނެއްގެ ފަހަތުންނެވެ. އެކަން އަހަރެންނަށް އެނގެއެވެ.
އެ ދަރިފުޅަށް އެހެން ކުދިންނާއެއްގޮތަށް ވާހަކަ ނުދެއްކުނަސް ވަށައިގެން ހިނގާ ހުރިހާ ކަމެއްވެސް ރަންގަޅަށް އެނގެއެވެ.މަންމަ ދިޔަކަން އެނގުނު ނަމަވެސް އޭނަ ނުރޮއެވެ. ފަހަތުން ދުވެފަ ނުދެއެވެ. އެނދުމަތީ އިށީދެލުމަށްފަހު ދެފައި އެނދަށް އަރުވާ ދެކަކުލުގަ ދެއަތުން ބައްދާލައިގެން އެތައް އިރަކު އިނެވެ. ދެފަރާތަށް މަޑުމަޑުން ލެނގިލަ ލެނގިލައެވެ.
އެދުވަހުން ފެށިގެން އާރަވްގެ މަންމަ އަކީ އަހަރެންނެވެ. އޯޓިސްޓިކް ކުއްޖަކު ބެލުމަކީ އެހެން ކުއްޖަކު ބެލުމާ ވަރަށް ތަފާތު ކަމެކެވެ. ނަމަވެސް އަހަރެންނަށް ވެވުނުހާ ރަގަޅަކަށް، ވިސްނައިގެން އޭނާގެ ކަންތައްތައް ކުރެވޭތޯ އަހަރެން ބަލަމުން ދިޔައީމެވެ. ކެތްތެރިކަމާއި އެކުއެވެ. ގަވާއިދުން ޑޮކްޓަރުންނަށް ދަކަމުން ގެންދިޔައިމެވެ.
އެދަރިފުޅަށް ބަނޑުހައިވީމަ ބުނާކަށް ނޭގެއެވެ. ބައްޔެއްވެ، ނުވަތަ ތަދެއްވީނަމަވެސް ރޯކަށްވެސް ނޭގެއެވެ. އެހެން ނަމަވެސް އުމުރުން އެހާ ކުޑައިރުން ފެށިގެންވެސް އޭނަގެ ޚާއްސަ ޝައުގުވެރިކަމެއް ހުރެއެވެ.އެއީ ކޮމްޕިއުޓަރާ ކުޅުމެވެ. ސްކޫލުން އަންނަ ގޮތަށް އިންނާނީ ކޮމްޕިޓަރު ކައިރީގައެވެ. ބަނޑުހައިވާކަމެއްވެސް އޭނާއަކަށް ނޭގެއެވެ.އެހެންވެ އަހަރެން ބަތްތަށި މޮޑެފަ ގެންގޮސް ކައިރީގައި ބަހައްޓަނީއެވެ.
މިގޮތުގައި އެގާރަ އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. މިހާރު އާރަވް ހުންނަނީ އިސްކޮޅުން ދެމިލާފަ ވަރަށް ރީތިކޮންނެވެ. ބޭރުން ބަލާފަ އެއީ ބަލިކަމެއް ހުންނަ ކުއްޖެއްހެންވެސް ހިއެއް ނުވެއެވެ. މިދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް ކޮމްޕިއުޓަރުކައިރީ އިނދެފަ ދުވެފަ ނިކުމެ، އޭނާ ކޮމްޕިއުޓަރުން ކުރަހާފައިވާ އެކި ކުރެހުންތައް އަހަރެންނަށް ދައްކައެވެ. ބޯނެތް މީހުންނާ ފުރާޅުނެތް ގެތައް ފަދަ ކުރެހުންތަކެވެ. އަހަރެންނަށް އެއީ ކޮންއެއްޗެއް ކަން ނޭގުނު ނަމަވެސް އޭނަ އުފާވެފައި ހުންނަވަރުން މިހާސިލު ކުރެވުނީ ބޮޑުކަމެއްކަން އެނގެއެވެ. އެހެން ކަމުން އަހަރެންވެސް އުފަލުގައި ބައިވެރިވަމެވެ.
މިހެން އުޅެނިކޮށް އެއްދުވަހަކު ދުވެފައި ނިކުމެ އަހަރެންނަށް އަނެއްކާވެސް ގަނޑެއް ދައްކާލިއެވެ. އަހަރެން ބަލާލިއިރު އެއީ ކޮންމެވެސް ތަނަކުން ބޭއްވި މުބާރާތަކުން އޭނަ އެއްވަނަޔަށް ގޮސްގެން ދީފައިވާ ސެޓްފިކެޓެކެވެ. ސެޓްފިކެޓް ޕްރިންޓް ކޮށްގެން ގެނެސް ދައްކާލީއެވެ.
އަހަރެން ރަގަޅަށް ބަލަލިއިރު އެއީ އޭނަދާ،އޯޓިސްޓިކް ކުދިންނަށް ޚާއްސަ ސްކޫލުން ބޭއްވި ކޮމްޕިއުޓަރު ރޮބޮޓިކްސް އެންޑް އިނޮވޭޝަން އެވޯޑް މުބާރާތުން އެއްވަނަ ލިބުމުން ދީފައިވާ ސެޓްފިކެޓެކެވެ. އަދި އެވޯޑާއެކު 4 މިލިއަން ޑޮލަރުގެ އިނާމެއްވެސް އޭނާޔަށް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. އަހަރެން އުފަލުން ބުނާނެ އެއްޗެއް ނޭގިފަހުއްޓާ އާރަވް ހެވިފަ ހުރެ އައިސް އަހަރެން ގައިގަ ބާރަށް ބައްދާލިއެވެ. އެއީ އޭނަ އިސްވެ އަހަރެން ގައިގަ ބައްދާލި ފުރަތަމަ ދުވަހެވެ.
އޭގެ ހަފްތާއެއް ފަހުން އަހަރުމެން ގޭތެރޭގައި ތިއްބާ ބޭރު ދޮރުގަ މީހަކު ޓަކި ޖަހާލުމުން ދޮރު ހުޅުވިއިރު ހުރީ މީރާއެވެ. އޭނަހުރީ ވަރަށް ރީތި ހެދުމެއްލާ، މީރުވަސް ދުވާ ސެންޓް ޖަހާ އަގުބޮޑު އަތް ދަބަހެއް ހިފައިގެންނެވެ. އެހާދުވަސް ފަހުން އަހަރެން ފެނުމުންވެސް ސަލާމް ގޮވާލުމެއް،ހާލު ކިހިނެއްތޯ އަހާލުމެއް ކަމެއްވެސް ނެތެވެ. އެތެރެޔަށް ވަދެ އިރުކޮޅަކު ހުރެލުމަށްފަހު އޭނާއައި މަގުސަދު ހާމަ ކުރިއެވެ. އާރަވް އަށް ލިބުނު އިނާމުގެ ފައިސާ ބަލަހައްޓަނީ އަހަރެންތޯ ސުވާލު ކުރިއެވެ. އަދި އޭނާއަކީ އާރަވްގެ މަންމަ ކަމުން އޭނާއަށް އެފައިސާގެ ބައެއް ހައްގުވާނެ ކަމަށް ބުންޏެވެ.
އަހަރެން ހުރީ މި ދުވަހަށް ފިސާރި ރަގަޅަށް ތައްޔާރު ވެގެންނެވެ. އެހެން ކަމުން އަހަރެން ބުނީމެވެ. އާއެކެވެ. އިހަށް ފުރަތަމަ އިށީންނާށެވެ. މިހެން ބުނުމަށްފަހު އެތެރެޔަށް ވަދެ ބޮޑު ފައިލެއް ހިފައިގެން އައިސް އޭނާގެ ކުރިމަތީ ބޭއްވުމަށްފަހު ފައިލް ހުޅުވާލީމެވެ. އެ ފައިލްގައި އަހަރެންވަނީ މީރާ ދިޔަ ދުވަހުން ފެށިގެން އާރަވް ގެ ހުރިހާކަމެއް ފެންނަ ފަދަ ލިއުންތައް ފައިލް ކޮށްފައެވެ.ޑޮކްޓަރަށް ދެއްކީ ކިތައްފަހަރުކަމާ ،ތެރަޕީ އަށް ދިޔަ ދުވަސްތަކާ ،އޭނަޔަށް އަންނަމުން ދިޔަ ކުރިއެރުންތައް އެއިން ފެންނަން ހުއްޓެވެ.ސްކްލޫގައި މޮޅުކަމުން ޓީޗަރުން ދީފައިވާ ސިޓީތަކާއި ރިޕޯޓް ކާޑުތައް އޭގައި ހުންނާނެއެވެ. އާރަވްގެ ބަލިހާލަތު، މަންމަ ދިއުމުން އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކާ އަހަރެން ކުރި ބުރަ މަސައްކަތް ފެންނަން ބެހެއްޓީމެވެ.ކޮންމެހެން ހިނގި ޚަރަދު ތަކެއް ނޫނެވެ.
އެފަދަ ބަލިކުއްޖަކު ދޫކޮށް މަންމަ ދިއުމުން އެކުއްޖާއަށް ވާނެގޮތް އެނގޭހާލު ސަރުކާރުންވެސް ވަނީ އާރަވްގެ ގާނޫނީ ބެލެނިވެރިކަން އަހަރެންނާ ހަވާލުކޮށްފައެވެ. އެކަމުގެ ލިއުންތައްވެސް ދެއްކީމެވެ.
އަދި އާރަވް އަށް އިނާމް ލިބުމުގެ ތިންދުވަސް ކުރިން އަހަރެންވަނީ އަހަރެން ނެތް ދުވަހަކުން އަހަރެންގެ ހުރިހާ މިލްކިއްޔާތެއް އާރަވް އަށް ހިބަކޮށްދީ އޭނަގެ ނަމުގައި ތައުލީމީ ފަންޑެއް ހުޅުވާފައެވެ. އަދި ދުނިޔޭގެ އެތަން މިތަނުން ޚާއްސަ ސްކޫލްތަކަށްގޮސް އޭނާ އިތުރަށް ކިޔަވަން ބޭނުންވި ނަމަވެސް ކިޔެވޭނެ ގޮތް ހަދާދީ، މަރުވަންދެންވެސް ރީތި ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދާދީފައި ވާނެއެވެ. އަދި އާރަވް އަށް ލިބުނު އިނާމް ފައިސާގެ ސަބަބުން މިކަންކަން އިތުރަށް ފުރިހަމަ ކުރުމުގެމަގު ފަހިވެގެން ދިޔައީއެވެ. އަދި އޭނާފަދަ އެހެން ކުދިންނަށްވެސް އެހީވެދެވޭނެއެވެ.
ފައިލްގެ ތަފްސީލްތައް މީރާއަށް ކިޔާ ދިނުމަށްފަހު އަހަރެން ބުނީމެވެ. ކަލޭތީ އާރަވް ވިހޭ މީހާނަމަވެސް އާރަވްގެ އެއްވެސް އެއްޗެއް ކަލެއަކަށް ހައްގެއް ނުވާނެއެވެ. އޭނަ ދިރިހުރިތޯ ވެސް ކަލޭ އެންމެ ފަހަރަކުވެސް ބަލާލާފައެއް ނުވެއެވެ. އެހެންވީއިރު އޭނަޔަށް ލިބުނު އެއްޗެއް ކަލެޔަށް ދޭންވީ ކޮންސަބަބަކާ ހެދިހެއްޔެވެ. ދެން އަވަހަށް މިގެއިން ނިކުންނާށެވެ. މިއަދު ކަލެޔަށް ތިޔަވަނީ ދަރިފުޅުވެސް މަންމަވެސް ގެއްލިފައެވެ.
މީރާ އެވަގުތު މޫނުމަތީގައަތް އެޅުމަށްފަހު ރޯން ފެށިއެވެ. އަދި ދަރިފުޅާއޭ ކިޔާފަ އާރަވް އަށް ގޮވާލިއެވެ.ނަމަވެސް އާރަވް އޭނަ ކައިރިޔަކަށް ނުދިޔައެވެ.އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ އޭނައަށް އެނގޭ ގޮތަށް ”މާމަ ނުދޭ“ މިހެން ބުންޏެވެ. އޭނަޔަށް އެހެން ކުދިންހެން ޖުމްލަ ފުރިހަމަ ކޮށްފައި ”މާމަޔޭ ނުގޮސް އަހަރެން ކައިރީ ހުރި މީހަކީ“ ބުނަން ނޭގުނު ނަމަވެސް އޭނަގެ ހިތާ ސިކުޑި ބަރާބަރަށް ހިނގާކަން އެދުވަހު އިތުރަށް ހާމަވިއެވެ.އަހަރެންވެސް އޭނާގެ ގައިގައި ބައްދާލުމަށްފަހު ބުނީމެވެ.އާނމާމަ ނުދާނަމެވެ.މާމަ ހުންނާނީ އަބަދުވެސް އާރަވް ކައިރީގައެވެ.“ އާރަވް އޭގެ ފަހުން އެންމެ ފަހަރަކުވެސް އޭނަގެ މަންމަޔާ ދިމާލަށް ބަލާވެސް ނުލިއެވެ.
މީރާ އިނދެއިނދެފައި ނިކުމެގެން ހިގައްޖެއެވެ.
![]()
