އީރާނައި އެމެރިކާގެ ދުޝްމަނީ ފެށިފައިވަނީ އިނގިރޭސި ވިލާތުގެ ސަބަބުންނެވެ. ހަމައެކަނި 3 ދުވަހުގެ ތެރޭގައި ސީ އައި އޭ އިން އީރާނުގައި އޭރުއޮތް އިންތިޚާބީ ވެރިކަން ވައްޓާލުމަށް ބޭނުންކުރީ ރިޝްވަތު ދިނުމާއި ފައިސާބެހުމުގެ އުކުޅެވެ. ބެލްފޯރ ޑިކްލަރޭޝަނާއެކު އިސްރާއީލު އުފަންވެގެން އައުމުން އެމެރިކާއާއި އީރާނުގެ ދުޝްމަނީއަށް އިތުރު ގޮފިތަކެއްގެ ދިރުން ލިބިގެން ދިޔައުމަކީ އެހެން ވާހަކައެކެވެ.
އީރާނަކީ އެއްވެސް ޒަމާނެއްގައި ގައުމެއްގެ އަޅުވެތިކަމުގައި ހޭދަކުރި ގައުމެއްކަން ތާރީޚުން އެނގޭކަށް ނެތެވެ. އެހެންނަމަވެސް 1901 ވަނަ އަހަރުން ފެށިގެން އިނގިރޭސީން ގެންދިޔައީ އީރާނުގެ ބިމުން ތެޔޮ ނެގުމުގެ މަސައްކަތުގައި ބޮޑު ދައުރެއް އަދާކުރަމުންނެވެ. އެ ދުވަސްވަރު އީރާނުގެ ރަސްކަލަކަށް ހުންނެވި ޝާހް ރިޒާގެ އިސްތަށިފުޅަށް ސަވާރުވެ އިނގިރޭސި ވިލާތުގެ ރޮޔަލް ނޭވީންނަށް ބޭނުންވާ ތެޔޮ ލިބިގަތުމުގެ ބޭނުމުގައި އެންގްލޯ ޕަރޝިއަން އޮއިލް ކޮމްޕެނީއެއް އުފައްދައި ނެގޭ ތެލުގެ %51 އިނގިރޭސި ވިލާތަށް ލިބޭގޮތަށް އިންޑިއާ ބައްރަށް ހަންފެތުރުމަށް އީސްޓް އިންޑިއާ ކުންފުނިވެސް ބޭނުންކުރި އުސޫލުން އެ ގައުމުގެ ވިޔަފާރިވެރިޔާ ވިލިއަމް ނޮކްސް ޑާރސީ މެދުވެރިކޮށް 60 އަހަރަށް އެއްބަސްވުމެއް ގާއިމް ކުރިއެވެ. އެއްބަސްވުމުގައިއޮތް ބާކީ 49% އިން އީރާނަށް ލިބުނީ ކިހާމިންވަރެއްކަން ބުނެދޭކަށް ނޭގެއެވެ. ކޮންމެއަކަސް ތާރީޚު އިލްމުވެރިން ލިޔެފައިވާގޮތުގައި އިނގިރޭސި ވިލާތުން އީރާނަށް ދޭންޖެހޭ ބަދަލު ދިނުން ހަމަޔަށް އަދާކުރިއެވެ.
އީރާނުގެ ރަސްކަލަކަށް ހުންނެވި ޝާހް ރިޒާ ރަސްކަމުން ބޭލުމަށްފަހު ގެއްލުވާލައި އެ ރަސްގެފާނުގެ ދަރިކަލުން މުޙަންމަދު ރިޒާ ޕަހެލަވީ ރަސްކަމަށް އިސްކުރެވުނީ 1941 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެތެރޭގައެވެ.
1901 ވަނަގެ އެއްބަސްވުމުގެ މުއްދަތު 1933 ވަނައަހަރު އިތުރު 60 އަހަރަށް އިތުރު ކުރި ހިސާބުން އީރާނުގެ ރައްޔިތުން އެކި ސިފަސިފައިގާ ނުރުހުން ފާޅުކުރަން ފެށިއެވެ. އެހެންނަމަވެސް ރަސްކަމުގައި ހުންނެވި މުހަންމަދު ރިޒާ ޕަހެލަވީގެ ހަމައެކަނި އެދުންފުޅަކަށްވީ ގައުމުގެ ހުރިހާ ރިސޯސް އެއް އިނގިރޭސީންނަށް ދީގެންވެސް ވެރިކަމުގައި ހުންނެވުމެވެ.
ކުރިންވެސް ފާހަގަކުރި ފަދައިން އީރާނަކީ ބާރުގަދަ އެހެންގައުމެއްގެ ކުރިމަތީގައި އިސްޖެހުމަށް ރުހިގެންތިބޭނެ ރައްޔިތެއް އޮތް ގައުމެއް ނޫނެވެ. މިފަހަރުވެސް އެކަން ސާބިތު ކޮށްދީފައިވަނީ ކެރުމާއި ހިތްވަރާއެކުގައެވެ.
ރައްޔިތުންގެ ކުރިމަތީގައި ޝަހެންޝާހް މުހަންމަދު ރިޒާ ޕަހެލަވީގެ ސަރުކާރަށް ޖެހިވަޑައިގަތީ ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރައްވާށެވެ. އެހެންނަމަވެސް ރަސްގެފާނު ކަންތައް ކުރެއްވީ މަކަރުވެރިން 3 ކުޅި ކުރިއަށް ކުޅޭނެއޭ ބުނާ އުސޫލުންނެވެ.
1951 ވަނަ އަހަރު އީރާނުގެ ބޮޑުވަޒީރަކަށް 69 އަހަރުގެ ގާނޫނީ ވަކީލު މުހަންމަދު މުސައްދިގް އިންތިޚާބު ކުރެވުނެވެ. އެމަނިކުފާނު އިންތިޚާބުވެ ވަޑައިގަތުމާއެކު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ އީރާނުގެ ތެލަކީ އީރާނުގެ ރައްޔިތުންގެ މިލްކެއް ކަމަށް މަޖިލީހުން ފާސްކުރެއްވުމެވެ.
އެމަނިކުފާނުގެ އެންމެ ފުރަތަމަ ވައުދަކީ އީރާނުގެ ތެލުގެ ވެރިންނަކީ އީރާނުގެ ރައްޔިތުން ކަމުގައި ކަށަވަރު ކުރެއްވުމެވެ.
40 އަހަރުވަންދެން އިނގިރޭސި ކުންފުނިތަކުން ގެންދިޔައީ އީރާނުގެ ރައްޔިތުން ބަނޑަށް ޖައްސާފައި %51 އަށް އެއްބަސްވުމެއް ހަދައި އެހެންނަމަވެސް އީރާނުގެ ތެލުގެ %85 އެއްވެސް އަގެއް ދިނުމަކާނުލައި ފޭރެމުންކަމުގައި ބައެއް ތާރީޚު އިލްމުވެރިން ބުނެފައި ވެއެވެ.
މަޖިލީސްގައި ހުންނަވާފައި މުސައްދިގް އިއުލާންކުރެއްވީ އީރާނުގައި ހަރަކާތްތެރިވާ އިނގިރޭސި ތެޔޮ ކުންފުނިތައް ސަރުކާރުގެ ބާރުގެދަށަށް ގެނެވުނީ ކަމަށާއި އިނގިރޭސި ވިލާތުގެ ތެޔޮ ކުންފުނިތައް ހިންގާ މަރުކަޒުތަކުގައި ނަގާފައިހުރި އެ އިނގިރޭސި ވިލާތުގެ ދިދަ ތިރިކޮށް އީރާނުގެ ދިދަ ނެގުމަށް އަމުރު ކުރެއްވި ކަމަށެވެ. ބޮޑުވަޒީރުގެ ހިތްވަރުގަދަ މި ނިންމުމާމެދު ގައުމުގެ ހުރިހާ ދިމާއަކުން ރައްޔިތުން މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން ގެންދިޔައެވެ.
ޓައިމް މެގަޒިނުން އެ އަހަރުގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތު ކަމުގައި އީރާނުގެ ބޮޑުވަޒީރު މުހަންމަދު މުސައްދިގް ވަނީ ކަނޑައަޅާފައެވެ.
ބޮޑުވަޒީރުގެ މި ނިންމުމުގެ ސަބަބުން އިނގިރޭސި ވިލަތަށް އެއްވެސް އަގަކާނުލައި ލިބެމުންދިޔަ އެތައް މިލިއަންޑޮލަރަކަށް މަގު ބަންދުވެގެން ދިއުމުން އިނގިރޭސި ވިލާތުގެ ރުޅިވެރިކަން ރަތްރޮނގު ހުރަސްކުރީކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑުވަޒީރު
މުސައްދިގް އާދެތެރޭ ދޮގު ބަހަނާއާއެކު އިނގިރޭސިވިލާތުން އެމެރިކާގެ ފައިބުޑަށް ވެއްޓިގަތީކަމަށް ބުނެފައިވެއެވެ. އަދި މުސައްދިގަކީ ކޮމިއުނިސްޓެކޭ ބުނެ ދޮގުތަކެއް ހަދައި އެމެރިކާ ސަރުކާރުންވެސް އިނގިރޭސީންނާ އެއްކޮޅަށް ތެދުވެ އީރާނުގެ ސަރުކާރު ބަދަލުކުރަން ނިންމިއެވެ.
1953 ގައި ސީ އައި އޭ އިން އިނގިރޭސި ވިލާތުގެ ބަސް ގަބޫލުކޮށް އީރާނާ ދެކޮޅަށް އޮޕަރޭޝަން އޭޖެކްސް އުފަންކުރުވިއެވެ. 1 މިލިއަން ޑޮލަރާއެކު ސީއައި އޭގެ އޭޖެންޓަކު ތެހެރާނަށް އައިސް އީރާނުގެ މިލިޓްރީގެ އެންމެއިސް ޖެނެރަލުންނަށް ރިޝްވަތުދީ މޮބުންނަށް ފައިސާބަހައި ދާޚިލީ ދެކޮޅުވެރިކަމެއް އުފަންކުރުވިއެވެ. މަގުމަތި ހަލަބޮލިކޮށްލުމާއެކު ނޫސްތަކުން ދޮގު ޚަބަރު ފަތުރަން ހޭދަކުރަން ފެށިއެވެ.
އެންމެފަހުން ސިފައިން އިސް ވެރިންގެ އަމުރަށް މިލިޓްރީން މަގުތަކަށް ޓޭންކް ތަކުގައި ނިކުމެ ސަރުކާރާ ދެކޮޅަށް ހަނގުރާމައިގެ އިއުލާންކުރެވިގެން ދިޔައީއެވެ. އެއަށްފަހު ބޮޑުވަޒީރު މުސައްދިގް ހައްޔަރުކޮށް އީރާނުގައި އެންމެ ފުރަތަމަ އުފެދުނު ރައްޔިތުންގެ ވެރިކަން ހަމައެކަނި 19 ދުވަހުގެތެރޭގައި ކަފުންކުރެވިގެންދިޔައީއެވެ. އަދި އެއަށްފަހު ހުޅަނގުގެ ގޮނޑިކޮއްކޮ ޝަހެންޝާހު މުހަންމަދު ރިޒާ ޕަހެލަވީއަށް ރަސްކަމާއެކު ގައުމުގެ ހުރިހާ ބާރެއް ލިބިދިނީއެވެ. މުސައްދިގްގެ ވެރިކަން ވައްޓާލީ ސީ އައި އޭ އިން ކަން 2013 ގައި ވަނީ އާންމުކޮށް އިއްތިރާފް ވެފައެވެ.
މުޙަންމަދު މުސައްދިގަށް މިލިޓްރީ ކޯޓުން ކުރި އުމުރު ދުވަހުގެ ހުކުމެއްގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ގޭ ބަންދަށް ބަދަލު ކުރުމުން ގޭ ބަންދުގައި ހުންނަވަނިކޮށް ހުންނަވަނިކޮށް އަވަހާރަވީ 1967 ވަނައަހަރުގައެވެ.
މުސައްދިގް ދެއްކެވި ވާހަފުޅުތަކުގެ ތަންތަންކޮޅުގެ ލިއުން އީރާނުގެ މިއުޒިއަމްގައި މިހާރުވެސް އެހުރީ ހާމައަށް ފެންނާށެވެ. އެއްބަސްފުޅެއްގައި “ އަހަރެމެންގެ ތެލުގެ މައްޗަށްއަހަރެމެންގެ ބާރު ނުހިނގާނަމަ މިނިވަން ކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެމެރިކާއިން އަހަރެމެންގެ ރައްޔިތުން އިންތިޚާބުކުރި ވެރިކަން ގޮއްވާލީ ތެލުގގެ ދަހިވެތި ކަމުގައެވެ. އެކަމަކު އީރާނުގެ ރައްޔިތުންގެ ވެރިކަން އެމެރިކާއަށްވެސް ގޮއްވާ ނުލެވޭނެ ދުވަސް ވަރަށް ކައިރިން ފެންނާނެއެވެ. ”
އީރާނުގައި އުފެދުނު އިންތިޚާބީ ސަރުކާރު ބަދަލު ކުރުމަށްފަހު ސީ އައި އޭ އިން ހިތްހަމަޖައްސާލައިގެންތިބީ ޝަހެންޝާހު ރިޒާ ޕަހެލަވީގެ ސަރުކާރު އަލުން ބަދަލުކުރެވިދާނެ ހިތްވަރު އީރާނުގެ ރައްޔިތުން ކިބައިގާ ނުހުންނާނެކަން މަރުގައިމުވާ ފަދައިން ކަށަވަރުކުރެވޭތީއެވެ. އިލްމުވެރިއެއްގެ ދަރުސްތަކުން ކިޔަވާކުދިންގެ ލޭ ކައްކުވާލާފާނެ މިންވަރެއްގެ އަންދާޒާވެސް ސީ އައި އޭ އަށް ނުކުރެވުނެވެ. އިލްމުވެރިންގެ ދުލުގެ ބާރު ސީ އައި އޭ އިން ދުވަހަކުވެސް ތަޖުރިބާ ކޮށްފައި ނުވާތީއެވެ. ފަރަންސޭސި ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނަވައި އިމާމް އާޔަތު ﷲ ޚުމޭނީ ރެކޯރޑްކޮށްފާ ފޮނުއްވަމުން ގެންދެވި ދަރުސްތައް އީރާނުގެ ރައްޔިތުންގެ ހިތްތަކަށް ކިހާވަރަކަށް އިންގިލާބެއް ގެނެސްފާނެކަން ސީ އައި އޭ އަކަށް ތަސައްވުރެއްނުކުރެވުނެވެ. 1979 ގައި އީރާނުން ގެނައި އިންގިލާބަކީ މިއަދު ތާރީޚެވެ. އޭގެހުރިހާ ތަފްސީލެއް އެހުރީ ހާމައަށް ފެންނާށެވެ.
![]()
