ކޮންމެ ހަނގުރާމައެއްގައިވެސް އެންމެބޮޑު ގެއްލުމާ ކުރިމަތިލާންޖެހޭނީ އާންމު ރައްޔިތުންނޭ ބުނާ އުސޫލުން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާވެސް ދެ ގައުމުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރިކަން ކޮންމެދުވަހަކު ހާމަވަމުންދާއިރު ވެރިކަމުގައިތިބި ބަޔަކު އަދިވެސް ގެންދާތަން ފެންނަނީ ގޮތްދޫނުކުރުމުގެ ވަލުގައި ހިފާއްޓައިގެން ތިބޭތަނެވެ. އާންމު ރައްޔިތުންގެ ހާލާދޭތެރޭ ކުޑަކޮށްވެސް ރަހުމެއް ނެތް ކަހަލައެވެ.
ޔޫކްރެއިންގެ ހަކައާއާއި ބެހޭ ވަސީލަތްތަކަށް އަނެއްކާވެސް ރަޝިޔާއިން ހަމަލާ ދިނުމާގުޅިގެން އެ ގައުމުގެ ވެރިކަންކުރާރަށް ކީވް ގެ ވަށައިގެންވާ ސަރަހައްދުވެސް ހިމެނޭގޮތުގައި ޔޫކްރެއިންގެ ބޮޑު ސަރަހައްދަކަށް އިމަރޖެންސީ ކަރަންޓް ސަޕްލައި ފޯރުކޮށްދޭން ޖެހިފައިވާކަމަށް ޔޫކްރެއިންގެ ހަކަތައާއި ބެހޭ ވުޒާރާއަށް ހަވާލާ ދީ އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ. އަދި އެ ހަމަލާގައި ޒިޓޯމިރް ސަރަހައްދުން ހަތަރު އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ގޮތުގައި 3 މީހުން ވަނީ މަރުވެފައެވެ.
މިއަހަރު ކުރީކޮޅު ރަޝިޔާއިން ދިން ހަމަލާގައި އެ ޕްލާންޓުގެ ބޭރު ޝެލްޓަރގައިވަނީ ލޯވަޅެއް އެޅިފައެވެ.
1986 ވަނަ އަހަރު ދުނިޔެއަށް އެންމެ ނުރައްކާތެރި ނިއުކްލިއަރ ކާރިސާ މެދުވެރިވި ކްރޮނޮބިލް ނިއުކްލިއަރ ޕަވަރ ސްޓޭޝަންގެ އިންޓަރނަލް ރޭޑިއޭޝަން ޝެލްޓަރ ރަޝިޔާގެ މި ހަމަލާގެ ސަބަބުން ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު އުފެދިފައިވާ ކަމަށް އެ ޕްލާންޓްގެ ޑިރެކްޓަރ ސަރޖީ ޓަރަކަނޯވް ވަނީ އިންޒާރު ދީފައެވެ. ރަޝިޔާގެ މިސައިލެއް ނުވަތަ ޑްރޯނެއް ނުވަތަ އެއިން ބައެއްވިޔަސް އެ ޕްލާންޓަށް ސީދާ އަމާޒުވެއްޖެނަމަ ( އެފަދަ ނުރައްކާތެރި ގޮތެއް މެދުވެރި ނުކުރެއްވުމަށް ދުއާކުރަމުން ) އެ ސަރަހައްދަށް ކުޑަވަރެއްގެ ބިން ހެލުމެއް އައުމާ އެއްފަދަ ވާނެކަމަށް އޭނާގެ އިންޒާރުގައި ބުނެފައި ވެއެވެ. އެ ފަދަ ހަމަލާއެއްގައި ނިއުކްލިއަރ ޕަވަރ ސްޓޭޝަންގެ އިންޓަރނަލް ރޭޑިއޭޝަން ޝެލްޓަރ ރައްކާތެރިކަމާއެކު ހުރެދާނެކަމުގެ ޔަގީންކަން އެއްވެސް ފަރާތަކުން ނުދެވޭނެއެވެ.
މި އަހަރު ކުރީކޮޅު ރަޝިޔާއިން ދިން ހަމަލާއެއްގައި އެ ޕްލާންޓުގެ އެއުޓަރ ރޭޑިއޭޝަން ޝެލްޓަރގައި ވަނީ ލޯވަޅެއް އެޅުމާ ގުޅިގެން އެ ޕްލާންޓުގެ ޕްރައިމަރީ ރައްކާތެރިކަން ނެތިގޮސްފއިވާކަމަށް ބައިނަލް އަގްވާމީ އެޓޮމިކް އޭޖެންސީންވަނީ އިންޒާރު ދީފައެވެ. އެހެންނަމަވެސް އަދިވެސް އެ ޕްލާންޓް ރަނގަޅަށް މަސައްކަތް ކުރަމުންގެންދާކަމަށް ސަރޖީ ޓަކަރޯވް ބުނެފައިވެއެވެ.
ފިނިމޫސުމާ ދިމާކޮށް ރަޝިޔާއިން ދެމުންގެންދާ ހަމަލާތައް އަމާޒުކޮށްފައި ހުންނަނީ ޔޫކްރެއިންގެ ހަކަތައާބެހޭ ނިޒާމްތަކަށާއި މަދަނީގޮތުން ފާހަގަކުރެވިފައިވާ މުހިންމު ތަންތަނަށް ކަން ފާހަގަކުރައްވައި ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންޑްރީ ސިބިހާ ވިދާޅުވެފައިވަނީ 4 އަހަރު ވެގެންމިދާ ހަނގުރާމަ ހުއްޓުވުމަށް ހުޅަނގުގެ ބާރުތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތް ނުފުދޭކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަގްބަލްގައި ރަޝިޔާއިން ނޭޓޯގެ ގައުމަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ޔޫކްރެއިނަކީ މިލިޓްރީ ގޮތުން ބާރުގަދަ ގައުމަކަށް ހެދުމަށް ނޭޓޯއިން އިތުރަށް ޚަރަދުކުރަންޖެހޭ ކަމަށްވެސް ޖަރުމަނުގެ ޑީ ޕީ އޭ އަށް ދެއްވި ބަސްދީ ގަތުމެއްގައި އެމަނިކުފާނު ވަނީ ވިދާޅު ވެފައެވެ.
ރަޝިޔާގެ ހަކަތައާބެހޭ ގްރިޑްތަކަށް ހަމަލާދިނުމަށް ޔޫކްރެއިނުން ކުރަމުންގެންދާ މަސައްކަތަށް މާބޮޑު ކާމިޔާބީއެއް މިހާތަނަށް ލިބިފައި ނުވާއިރު އިއްޔެވެސް އެހަމަލާތަކުގައި ބައިވެރިވި ޔޫކްރެއިންގެ 29 ޑްރޯން ރަޝިޔާއިންވަނީ ޖައްވުތެރެއަށް ނައްތާލާފައިކަމަށް ޔޫކްރެއިންގެ ދިފާއީ ވުޒާރާއިން ބުނެފައި ވެއެވެ.
ކްރޮނޮބިލް ނިއުކްލިއަރ ޕަވަރ ސްޓޭޝަން ހުންނަނީ ޔޫކްރެއިންގައެވެ. 2022 ގައި ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ތަނާހެން އެ ޕަވަރ ޕްލާންޓް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވޭނެ ގޮތެއް ހޯދުމަށް މިއާމީގައި މިހާރު ކުރިގެންދާ މަޝްވަރާތައްވެސް ކާމިޔާބުވެދާނެ ކަމުގެ ނިޝާނެއްވެސް ނުފެނެއެވެ. ހަނގުރާމަ ހުއްޓުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު ހުރަހަކީ ރަޝިޔާއިން ބޭނުންވާ ޔޫކްރެއިންގެ ބިންތައް ނުދޭން ޔޫކްރެއިނުން ގަދަހަދަމުންގެންދިއުމެވެ
![]()
