އީރާނުން އީޖާދުކުރަނީ ހަތަރުވަނަ ޖެނެރޭޝަންގެ ނިއުކްލިއަރ ހަތިޔާރުކަން ހާމަވެއްޖެ

Loading

Facebook
Twitter
WhatsApp


އިސްރާއީލުގެ ޔެދިއޯތު އަހްރޮނޯތު ނޫހުގައި މިދިޔަ ހުކުރުދަވަހު ޝާއިއު ކޮށްފައިވާ ރިޕޯރޓެއްގައި އީރާނުގެ ސައެންސްވެރިން ގެންދަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކަށް ލިބިފައިނުވާ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އީޖާދެއްކުރަމުން ކަމަށް 12 ދުވަހުގެ ހަނގުރާމައިގެ ކުރިންވެސް އިސްރާއީލާއި އެމެރިކާއަށްވެސް އެނގިފައިވާކަން އެ ނޫހުން ބުނެފައިވެއެވެ.

އީރާނުން އީޖާދުކުރާ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ޔުރޭނިއަމް ނުވަތަ ޕްލޮޓޯނިއަމްވެސް ބޭނުން ނުވާނެކަން ވަނީ އެނގިފައެވެ.
އިސްރާއިލާއި އެމެރިކާއިން ސިފަކޮށްފައިވާ ގޮތުގައި އީރާނުންކުރަމުން ގެންދަނީ ހަތަރުވަނަ ޖެނެރޭޝަންގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ އީޖާދެކެވެ. ހަމައެކަނި ފިއުޝަން ބޭނުންކޮށްގެން ހަރަކާތްކުރާގޮތަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މިއަދާ ހަމަޔަށްވެސް ސައެންސްވެރިން ނުކުޅެދިފައިވާއިރު އީރާނުން އެ އީޖާދުތައް ކުރިއަށް ގެންދާ ސަބަބެއް އޮޅުން ނުފިލާކަމަށް އެ ނޫހުގެ ރިޕޯރޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އާދައިގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ސިއްރުކުރުމާއި ބައިނަލް އަގްވާމީ ނޮން-ޕްލޮރިފެރޭޝަންގެ ގާނޫނުން ފެޔަށް ޖެހުމާއި ހާލަތު ބަދަލުވުމުން ކުއްލިއަކަށް ނިއުކްލިއަރ ހަތިޔާރު އުފެއދޭނެ ވަސީލަތްތައް ގާއިމްކޮށްފައި ބެހެއްޓުމާއި މިކަންކަމުގައި ތެހެރާނުގެ ވިސްނުން އެހެން ދިމާއަކަށް ބަދަލުވެގެން ދިއުންވެސް ހިމެނެއެވެ.

އަދި އީރާނުގެ ވިސްނުމުގައި މިހާރު މަސައްކަތްކުރަމުންގެންދާ ފިއުޒަންގެ ނިޒާމް އެއްފަރާތްކޮށް އަދި އެއަށްވުރެން މާ އޮޅުންބޮޅުންގިނަ ނިއުކްލިއަރ މަޝްރޫއަކަށް މަގުކޮށުމަކީވެސް ވެދާނެކަމެކެވެ.
އިސްރާއީލުގެ ރިޕޯރޓަކީ ހަގީގަތުގައި 2023 ވަނައަހަރުއްސުރެން އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް ފާރަލަމުންގެންގޮސް އެއްކޮށްފައިވާ މައުލޫމާތުތަކުގެ ހަމައެކަނި އުސްއަލިތަކެކޭ ބުނެވިދާނެއެވެ.
އީރާނުގެ ސައެންސްވެރިން ކުރަމުންގެންދާ އީޖާދުތަކުގައި އީރާނުން މިހާރު ދީނީ ވިސްނުމެއްގައި ހުއްޓުމަކަށްގެނެސްފައިވާ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ހުއްދަލިބިއްޖެނަމަ ފިއުޝަން ނިއުކްލިއަރ ހަތިޔާރުގެ އިތުރުން ތަފާތު އެތައް ގޮތަކަށް އަވަސް މުއްދަތެއްގައި ނިއުކްލިއަރ ހަތިޔާރު އުފެއްދިދާނެގޮތްތަކުގެ ދިރާސާވެސް ހިމެނޭކަމަށް ވޯޝިންގްޓަން ޕޯސްޓުގެ ރިޕޯރޓުގައި ބުނެފައިވެއެވެ. އޭގެތެރޭގައި ކްރޫޑްފިޝަން ހަތިޔާރު އުފެއްދުންވެސް ހިމެނޭކަމަށްބުނެފައިވެއެވެ. ފިއުޝަން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އީރާނުން ކުރެވިދާނެ ކަމެއް ނޫންކަމަށްވެސް
އެމެރިކާއާއި އިސްރާއީލުގެ އިންޓެލިޖެންސަށް ހަވާލާދީ ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވެއެވެ.
12 ދުވަހުގެ ހަނގުރާމާއިގާ އެމެރިކާއިން ހަލާކުކޮށްލިކަމަށްބުނެފައިވާ އީރާނުގެ ނަތަންޒް ނިއުކްލިއަރ ސައިޓްގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުންދާކަން އެންމެފަހުގެ ސެޓެލައިޓް ފޮޓޯ ތަކުންވަނީ ފެނިފައެވެ. އީރާނުން ނިއުކްލިއަރ މަޝްރޫއު ކުރިއަށް ގެންދަނީ މަދަނީ ބޭނުންތަކަށްޓަކައި ކަމުގައި ބުނަމުންދިޔަސް އެމެރިކައާއި އިސްރާއީލް އަދި ހުޅަނގުގެ ގައުމުތަކުން އެކަން ގަބޫލެއް ނުކުރެއެވެ.
ދުނިޔޭގެ ތާރީޚުގައި ފިއުޝަން ނިއުކްލިއަރ ބޮމެއް އެހެންގޮތަކަށް ބުނާނަމަ ހައިޑްރޯޖެން ބޮމެއް ގޮއްވާލެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ކުރީގެ ޔޫ އެސް އެސް އާރ ގެ އަޖުމަބެލުމެކެވެ. ބުނެވޭގޮތުގައި އެ ބޮމުގެ ބާރުމިން 50 މެގަޓަން އަންދާޒާކުރެވިފައި ވެއެވެ. އެހެން ގޮތަކަށް ބުނާނަމަ އެމެރިކާއިން ހީރޯޝީމާއަށް ވައްޓާލި ނިއުކްލިއަރ ބޮމަށްވުރެން 3000 ގުނަ ބާރުގަދަ އެވެ. ބުނެވޭ ގޮތުގައި އާދައިގެ އެޓޮމިކް ބޮމަށްވުރެން ފިއުޝަން ބޮމް ނުވަތަ ހައިޑްރޯޖެން ބޮމުގެ ބާރު ގަދަވާނެއެވެ. އާދއިގެ އެޓޮމިކް ބޮމުގެ ބާރުމިން ކިލޯޓަނުން ބަލާއިރު ހައިޑްރޯޖެން ބޮމުގެ ބާރުމިން ބަލަނީ މެގަޓަނުންކަމަށް ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް