އިންޑިޔާގެ ބައެއް ސްޓޭޓް ތަކުގައި ތެލަސީމިޔާ ކުދިން އެޗް.އައި.ވީ އަށް ޕޮޒިޓިވް ވާ މައްސަލަ އިތުރުވަމުންދާތީ ކަންބޮޑުވުން އުފެދިފައިވާކަން ހާމަވެއްޖެއެވެ.
ތެލަސީމިޔާ އަކީ ޖެނެޓިކް ގޮތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އަކަށް ވާއިރު ތެލަސީމިޔާޖެހިފައިވާކުދިން އެނީމިޔާ ފަދަ ބަލިތަކަށް ހުށަހެޅުން ދުރުކޮށް އަދި ފުރާނަ ސަލާމަތް ކުރުމަށްޓަކާ ގަވާއިދުން ލޭއަޅަން ޖެހެއެވެ.
އިންޑިޔާގެ މަދްޔާ ޕްރަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުދަދުވަހު ހާމަކޮށްފައިވާ ގޮތުގައި އުމުރުން ތިންއަހަރާ 15 އަހަރާދެމެދުގެ، ތެލަސީމިޔާ ޖެހިފައިވާ ފަސް ކުއްޖަކު އެޗް.އައި.ވީ އަށް ޕޮޒިޓިވް ވެފައިވެއެވެ. މިމަސްއަލަ ބެލުމަށް ޚާއްސަ ކޮމިޓީ އެއް މިހާރު ހަދާފައިވާއިރު، ލޭ އެޅުމުގައި އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓޭކަމާއި މެދު މިހާރުވަނީ ވަރަށް ބޮޑަށް ޝައްކު އުފެދިފައެވެ. އެކުދިންނަށް އެޗް.އައި.ވީ ޖެހުނު ކަން ހާމަވެފައިވަނީ މިއަހަރުގެ ޖެނުއަރީ އިން މޭއަށް ހެދި ސްކްރީނިންގ ޓެސްޓް ތަކުން ކަމަށް ވީނަމަވެސް މިކަން އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ނިމުނު ހަފްތާތެރޭ މަސްއަލަ މީޑިޔާގެ ސަމާލުކަމަށް އައުމާއި ގުޅިގެންނެވެ.
މީޑިޔާގެ އެކި ފަރާތްތަކުން ބެލި ބެލުން ތަކުން ހާމަވެފައިވާ ގޮތުގައި ޖާކާންދް ކިޔާ ސްޓޭޓް ގައިވެސް މީގެ ދެތިން ހަފްތާ ކުރިން، ތެލަސީމިޔާ ޖެހިފައިވާ އުމުރުން 8 އަހަރުން ދަށުގެ ފަސް ކުއަޖަކަށް އެޗް.އައި.ވީ ޖެހިފައިވާކަން ވަނީ ހާމަވެފައެވެ.
އެޗްއައިވީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު މުޅިން ވާގިނައްތާލާ،ޖެހޭ ކޮންމެ ބައްޔަކުންވެސް މަރުގެ ހާލަތަށް މީހާ ގެންދާ ބައްޔަކަށް ވާއިރު، ބަލީގެ ވައިރަސް އަށިގަނޑަށް ވަންނަނީ ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ހިންގުމުންނާއި ،ރައްކާތެރި ކަމެއްނެތި ކުރިޔަށް ގެންދާ މެޑިކަލް ޕްރެކްޓިސް ތަކުންނާއި، ބަލި ހުރި ލޭ އެޅުމުންނާއި އަދި ބަލިޖެހިފައިވާ މަންމައެއްގެ ފުށުން ތުއްތު ދަރިފުޅަށެވެ.
އެޗް.އައި.ވީ ޖެހުމުން މިހާރު މަރުގެ ހާލަތަށް ދިއުން މަދު ވެފައި ވީނަމަވެސް އުމުރު ދުވަހަށް އުޅެން ޖެހެނީ ބަލައިގެންނެވެ.
އިންޑިޔާގައި 2.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެޗް.އައި.ވީ ޖެހިފައިވާއިރު ، ކޮންމެ އަހަރަކުވެސް 66،400 އެއްހާ މީހުންނަށް އަލަށް އެޗް.އައި.ވީ ޖެހޭ ކަމަށް ވެއެވެ.ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން 1.6 މިލިއަނަށް ވުރެ ގިނަ މީހުން ގެންދަނީ އުމުރުދުވަހު ދޭންޖެހޭ އެންޓި ރެޓްރޯ ވައިރަލް ފަރުވާ ހޯދަމުންނެވެ.
އަލަށް އެޗް.އައި.ވީ ޖެހުނު ތެލަސީމީޔާ ޕޭޝަންޓުންނަށް ބަލާއިރު އެކުދިން ސަރުކާރު ހޮސްޕިޓަލް ތަކުންނާއި އަދި ޕްރައިވެޓް ޗްލިނިކް ތަކުން ލޭ އަޅާފައިވާ ކަމަށް ވެއެވެ.އުމުރުން ތިން އަހަރުގެ އެއްކުއްޖެއްގެ މަންމައާއި ބައްޕަވެސް އެޗްއައިވީ ޕޮޒިޓީވް ކަން ހާމަވެފައިވާއިރު، އެހެން ކުދިންގެ މަންމައާއި ބައްޕަ އަށްވެސް އެޗް.އައި.ވީ ޖެހިފައެއް ނުވެއެވެ.
އޮފިޝަލުން ބުނާ ގޮތުގައި ބްލަޑް ބޭންކު ތަކުން ދޫކުރާ ލޭގެ ކޮންމެ ޔުނިޓެއްވެސް ދޫކުރަނީ ސަރުކާން އަންގާފައިވާ ޕްރޮޓޮކޯލް އާއި އެއްގޮތަށް ޓެސްޓް ކޮށް، ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.
ލޭނަގަނީ އެކި މީހުންގެ ގައިން ކަމަށްވާއިރު، އެޗް.އައި.ވީ ޖެހި، ބަލީގެ ކުރީކޮޅު ހަދާ ފުރަތަމަ ޓެސްޓް ތަކުން ޑިޓެކްޓް ނުކުރެވި ފަހުގެ ޓެސްޓްތަކުން އެކަން ހާމަވާ ކަމަށް ވެއެވެ. ބަލިޖެހިފައިވާ ލޭ ބޭނުން ކުރެވެނީ މިފަދަ ހާލަތްތަކުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
ސަރުކާރުން މިހާރުވަނީ ލޭއެޅުމުގެ ތެރޭ އެޗް.އައި.ވީ ޖެހުނު ކޮންމެ ކުއްޖެއްގެ އާއިލާއަށް ދެލައްކަ ރުފިޔާގެ އެހީއެއް ދޭނެކަން އިއުލާން ކޮށްފައެވެ.
![]()
