ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހު ސްރީލަންކާ އަށް ކުރިމަތިވި ޑިޓްވާ ތޫފާނުގެ ސަބަބުން އެގައުމުގެ ހަ ހާހަށް ވުރެގިނަ ގެޔަށް ދިރިނޫޅެވޭ ވަރަށް ގެއްލުންލިބި ގެތައް އެއްކޮށް ހަލާކުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަ ކޮށްފައިވާ ގޮތުގައި 6،164 ގެ، މުޅިން ހަލާކުވެފައިވާ އިރު 112،110 ގެޔަށް ގެއްލުން ލިބިފައިވީނަމަވެސް ސާފުކޮށް، މަރާމާތު ކޮށްގެން އެގެތަކުގައި އުޅެވޭވަރު ވާނެކަމަށް ވަނީ ބެލިފައެވެ.
ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވާ ސަރަހައްދުތަކަށް ބަލާއިރު މުޅިން ހަލާކުވި ގެތައް އެންމެ ގިނައީ ކެންޑީ ޑިސްޓްރިކްޓް ގައެވެ.މިގޮތުން ކެންޑީގެ 2،013 ގެ ވަނީ ވެއްޓި،ކުނިފުނި ތަކަކަށް ބަދަލު ވެފައެވެ.ދެވަނަ ޔަށް އެންމެ ގިނަ ގެ ހަލާކުވެގެން ދިޔަ ނުރައެލިޔާ އިން 767 ގެ ވަނީ މުޅިން ހަލާކުވެފައެވެ.
އަނެއްކޮޅުން ވަކިވަރަކަށް ގެއްލުން ލިބުނު ގެތައް އެންމެ ގިނައީ ޕުޓަލަމް ޑިސްޓްރިކްޓް ގައި ކަމަށް ވެއެވެ.އެތަނުން 21،137ގެޔަށް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުންލިބިފައެވެ. ޕުޓަލަމް ޑިސްޓްރިކްޓުން ވެސް 632 ގެ ވަނީ އެއްކޮން ނެތިގޮސްފައެވެ.
ޓްރޮޕިކަލް ސައިކްލޯން ޑިޓްވާގެ ސަބަބުން ބޯކޮށްވާރޭ ވެހި ވަރަށް ބޮޑަށް ފެންބޮޑުވެ،ކިސަޑު ދެމިގެން ދިއުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގެ ސަބަބުން 640 މީހުން ވަނީ މަރުވެފައެވެ. އަދި 190 މީހުން ނަށް ވަނީ ވީނުވީ ގޮތް ނޭގި ގެއްލިފައެވެ.
ޑިޓްވާ ތޫފާނުގެ އަސަރު އެގައުމުގެ 25 ޑިސްޓްރިކްޓަކަށް ކޮށްފައި ވެއެވެ. ޑިޓްވާ ތޫފާނަކީ 2004 ގައި ކުރިމަތިވި ސުނާމީ އަށްފަހު ކުރިމަތިވި އެންމެ ނުރައްކާތެރި ގުދްރަތީ ކާރިސާއެވެ.
![]()
