ގައުމުތަކުގެ ވެރިން ބާރުތަށް މުށުތެރެއަށް އެއްކުރަނީ ރައްޔިތުން އަޅުވެތިކޮށް ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލުމުގެ ބޭނުމުގައެވެ. އެއްވެސް ގައުމެއްގެ ވެރިން ބޭނުންފުޅު ނުވާނަމަ އެ ގައުމުގެ ”ބޮޓުންނަށް“ ސަރުކާރުގެ ތެރެއިން ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ނުހިންގޭނެއެވެ.
އެތެރެވަރީގެ ބައެއް ގައުމުތަކުން ވަނީ ދުނިޔެއަށް އެކަން ސާބިތު ކޮށްދީފައެވެ. މިސާލަކަށް ޗައިނާއާއި ސިންގަޕޯރ ފަދަ ގައުމުތަކުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޕްޝަނާއި ފަސާދަ ހިންގުމުގެ ދޮރުތައް އެގައުމުތަކުގެ ވެރިން އެވަނީ ބަންދު ކޮށްފައެވެ.
އެއީ އެގައުމުތަކުގެ ވެރިން އެކަން ހިންގަން ބޭނުންފުޅު ނުވާތީއެވެ. މިދެންނެވީ އިސްލާމީ ގައުމެއްގެ ވާހަކައެއް ނޫނެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވީ ނަމަވެސް ރާއްޖޭގައި ވަނީ މާތް ﷲ ޙަރާމް ކުރައްވާފައިވާ މިދެންނެވި ފަދަ އަމަލުތައް ޢާންމު ވެފައެވެ. ވަލިއްޔުލް އަމްރު ހިމެނޭހެން ސަރުކާރު ހިންގުމުގައި ތިބޭ އިސްވެރިން މިދެންނެވިފަދަ ޢަމަލުތަކަށް މަރުޙަބާ ނުކިއުއްވާނަމަ ރާއްޖޭގެ ”ބޮޓުންނަށް“ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައެއް ނުހިންގޭނެއެވެ. މިސާލަކަށް ޗައިނާގެ ތަޙުގީގީ އިދާރާތަކުގެ ވެރިންނާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަނީ އެގައުމުގެ ޕްރައިމް މިނިސްޓަރުގެ އޮފީހުންނެވެ. މިދެންނެވި ފަރާތްތަކަށް މަގާމުތައް ޙަވާލު ކުރެވެނީ ކޯޓުތަކަށް ވެސް އަދި އެއްވެސް ތަޙުގީގީ އިދާރާއަކަށް އެއްވެސް ފަރާތަކުން ބާރެއް ނުފޫޒެއް ނުފޯރުވޭނޭ ފަދަ އުޞޫލް ގާއިމްކޮށް އެޞޫލުގެ ތެރެއިންނެވެ.
އޭސީސީ އަކީ ސަރުކާރުގެ ތެރެއިން ހިންގާ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލާ އެފަރާތް ތަކާމެދު ފިޔަވަޅު އަޅަން ގާނޫނުން މަތިކުރެވިފައިވާ ފަރާތެކެވެ. އެހެނަސް އެފަރާތަށް ގާނޫނުން ލިބިދީފައިވާ މުތުލަގު ގާނޫނީ ބާރު ރާއްޖޭގެ އޭސީސީއަކަށް ނެތެވެ. ސިންގަޕޯރގެ އޭސީސީއަށް ވެރިއެއްގެ މިދެންނެވި ފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލަ ބެލުމުމުގެ ކުރިން އެ ވެރިއަކު ސަސްޕެންޑުކޮށް ލިބިފައިވާ ބާރާއި ނުފޫޒު ކަނޑުވާލައެވެ. އަދި އެ ކޮމިޝަނަށް އެފަދަ މީހުން ހައްޔަރުކޮށް ޖަލަށްލުމުގެ ބާރުވެސް ގާނޫނުތަކުން ލިބިދީފައި ވެއެވެ. ކަން މިހެން ހުރިއިރު މި ރާއްޖޭގެ އޭސީސީ ވެގެންގޮސްފައިވަނީ ”ޕެރަލައިޒު“ ވެފައިވާ ނުކުޅެދޭ އިދާރާއަކަށެވެ. އަދި ވެރިއެއްގެ މިދެންނެވި ފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅި އެ ކޯޓަކުން އެ މައްސަލަ ބަލަން ފަށާ ހިސާބުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ސަސްޕެންޑްކޮށް އެ ބޭފުޅުންގެ އިސްތަށިފުޅުގައި ބަދުނާމެއް އަޅުވައި އެ މައްސަލަ ތަޙުގީގު ކުރަން ފަށައެވެ. ރާއްޖޭގައި މިގޮތަށް މިކަންކަން ދިމާވުމުގެ ސިއްރަކީ ވަލިއްޔުލް އަމުރުގެ މުށުތެރެއަށް ދައުލަތުގެ ތިންބާރު ގުޅަކުރެވިފައި އޮތުންކަމަށާއި އަދި ވަލިއްޔުލްއަމްރު އެކަން ކަމަށް މަރުޙަބާ ކިއުއްވާތީކަން ހާމަވެގެން ދެއެވެ.
ކުރީގެ ވެރިންނާއި މިހާރުގެ ރައީސަށް ވެސް ރައްޔިތުންގެ ބައިތުލް މާލުގައި އެޅިފައިވާ ބާގަނޑުތައް ފެނިވަޑައިގަންވާ ކަމަކަށް ނުވެއެވެ. ހުރިހާ ވެރިންވެސް ގައުމު އެހިންގަވަނީ ރައްޔިތުން ދަރަނިވެރިކޮށް އަންނާން އޮތްޖީލުތައްވެސް ދަރަނީގެ ތެރެއަށް ގަންބާލައިގެންނެވެ.
ނަތީޖާއަކީ ރައްޔިތުން ފަގީރުވެ ރާއްޖޭގެ ވިޔާފާރިތައް ފުނޑި ގައުމުގެ އިގްތިޞާދު އިނދަޖެހިގެން ދިއުމެވެ. ރާއްޖޭގެ ވަލިއްޔުލް އަމްރުގެ ޒަޢާމަތުގެ ދަށުން ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާކަން ފެންނަމުންދާ ކުލަމަންޒަރުތަކުން ރައްޔިތުންނަށް އެދަނީ ދުރުމީއެއްގެ ބޭނުން ނުކޮށް ފޯކަސްވެފައެވެ.
ނޫންނަމަ ގައުމުތައް އިގްތިޞާދީ ގޮތުން ކުރިއަރައިދަނީ ކޮންކަމެއް ކޮންމަގަކުން ހިނގައިގެން ކަން މި ރާއްޖޭގެ ވަލިއްޔުލް އަމްރަށް ވެސް ރޭކާލީސްތާއެެވެ. ވައްކަންކުރުން ޢާންވެފައިވާ އެއްވެސް ގައުމެއް ކުރިއަރައި ދިޔަތަނެއް ދެކަފައެއް ނުވެއެވެ. ދުބާޢީ ސިންގަޕޯރ އަދި ޗައިނާފަދަ ގައުމުތަކުން ހޯދަމުން އެދާ ފަޚުރުވެރި މަގާމުތަކުގެ ސިއްރަކީ ވެރިންގެ އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމުގެ ނަތީޖާކަން މުޅި ދުނިޔެވެސް ގަބޫލު ކޮށްފިއެވެ. އެހެނަސް ސައްތައިން ސައްތަ ދިވެހި ރާއްޖޭގެ މުސްލިމް ވަލިއްޔުލް އަމްރަކަށް އެކަން އެނގިވަޑައިގެންނެވި ކަމަކަށް ނުވިއެވެ. އެހެން ކަމުން ރައްޔިތުން ނިދިން ހޭލައި ޙާލަތު ބަދަލު ކުރުމުގެ ޚިޔާލާތަށް އަހުލުވެރިވާން ވެއްޖެކަމަށް ދެކެމެވެ. ﷲ ވެސް އެބައެއްގެ ޙާލަތުބަދަލު ކުރައްވާނީ އެބައެއްގެ ޙާލަތު ބަދަކުރަން އެބަޔަކު އުޅެންޏާ ކަން އެނގެން ވެއްޖެނޫންބާވައެވެ.
![]()

One Response
އައިކޭ ދެރަކަމުގެ ކޮޅެއްނެތެވެ! ހަމަ އެންމެން ކަނީ. ދަރަނި ދައްކަން ރައްޔަތުންގެ ޓެކްސް ބޮޑުކުރަނީ! ބޭންކުންވެސް އެމީހުނަށް ވާވަރަށްވުރެ ގިނައިންވެސް ޑޮލަރުވެސް، ލުއި ލޯނުވެސް ދެނީ! ލޯނު ޙަރާމޯލަ، އެހެނަސް ހަމަ ޕްލެޓްތައް އަޅުވާފަ ބޭންކާއި ޑިވޮލޮޕާ އާއި ގުޅައިދީގެން ރައްޔަަތުންތައް މޯގޭޖް ކޮށްފާ ލޯންތައްދީ ދަރުވާލާ ނިންމައިފިއެވެ. މުޅި ސިސްޓަމް ޚަރާބުކޮށް ރައްޔަތުމީހާ އަޅުވެތި ކޮށްލާފިއެވެ. ވަކީ މީހެއްނޫނެވެ. ހަމަ ކޮންމެ ސަރުކާރެއްގެ ބޭނުމަކީ ދައުލަތް ނޮޅާލައި އެބައިމީހުން މުއްސަދި ވުމެވެ. ސުބުޙާނަﷲ އެެވެ. ދައްކަނީ އިސްލާމް ދީނުގެ މަތިވެރިކަމާއި ރިވެތިކަމާ އެންމެން ހަމަހަމަ ވާހަކައެވެ. އެހެނަސް ސަހަރޯ ހީވޭނޫންތޯއެވެ.؟