45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދާ މަސްވެރިންގެ ފޯރަމް ”މަސްވެރިންގެ ގުންޒަރު“ މިއަދު ރ.ދުވާފަރުގައި ފަށައިފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބާއްވާ މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ކަމަށެވެ.
މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި އެ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ފައި ވެއެވެ.
މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވެއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވެއެވެ. މަސްވެރިންގެ ފޯރަމްގެ މައިގަނޑު މަގްސަދަކީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް މި ސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭގޮތުންވެސް މި ފޯރަމްގައި މަޝްވަރާކުރާނެއެވެ. މިއަދު ހެނދުނު ފެށި މަސްވެރިންގެ ފޯރަމްގައި މަސްވެރިން ވަނީ އެމީހުންނަށް ހުރި ދަތިތަކާއި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
![]()
