ދުނިޔޭގެ މަޝްހޫރު ބަހަވީ ޢިލްމު ވެރިޔާ ނައޯމް ޗޮމްސްކީ ވިދާޅުވެފައިވާގޮތުގައި ދުނިޔޭގައި ފަގީރު އެއްވެސް ގައުމެއް ނުއޮންނާނެއެވެ. އެހެން ނަމަވެސް ގައުމުތައް ފަގީރުވުމުގެ ޙަގީގީ ސިއްރަކީ ގައުމުތަކުގެ މުއްސަނދި ކަން އެގައުމު ތަކުގެ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއްނެތި ހަމަ ހަމަ ކަމާއެކު ބަހާލުމުގައި ފެއިލްވެފައިވާ ނިޒާމުތައް ގާއިމް ކުރެވިފައި އޮތުމެވެ.
ގައުމުތަކުގެ މުއްސަނދި ކަން ޢަދުލުވެރިކަމާއި އެކު ބަހާލުމުގެ މާނައަކީ ހިލޭ ފައިސާބަހައި ހިލޭ ޚިދުމަތް ދިނުމެއް ނޫނެވެ. ނަމަވެސް ގައުމުތަކުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކޮށް، ސިނާޢަތްތައް އުފައްދައި މަސައްކަތް ތެރިކަން އިތުރުކޮށް ގައުމުގެ އިގްތިޞާދީ ފުދުންތެރިކަން ހަރުދަނާ ކުރަންޖެހޭނެއެވެ.
އެގޮތުން ރައްޔިތުމީހާ ސަލާމް ނުޖަހައި އަމިއްލަ ފައިމަތީގައިއަމިއްލަ ބޯހިޔާވަހިކަމުގައި ފުދިގެން އުޅެވޭ ވަރުގެ މުސާރައެއްދީ ހާސްކަމެއް ނެތި އަމިއްލަ ބޭނުންތައް ފުއްދޭނޭ ތަނަވަސް ކަން މެދުވެރި ކުރަން ޖެހެއެވެ.
ހަމަ އެހެންމެ އުނގެނުމާއި ސިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ހަމަހަމަކަމާއެކު އަތްފޯރާފަށުގައި ލިބެން ޖެހެއެވެ. ޗޮމްސްކީގެ ވާހަކަތަކަކީ ތެދުހަގީގަތް ކަން ގަބޫލު ކުރެވެނީ އޭނާ ބުނާ ވާހަކަތައް ދިމާވެފައިވާތީ އެވެ. ޗޮމްސްކީ ވިދާޅުވެފައިވާ ވާހަކަތަކުގެ ތެދުކަން ގަބޫލުކުރެވޭ އަނެއްސަބަބަކީ ފަގީރުގައުމުތަކޭ ބުނެވޭ ގައުމުތަކުގެ ވެރިންނާއި އެގައުމުތަކުގެ މަތީ ފަންތީގައި ހިމެނޭ ބޭފުޅުން އަމިއްލަ ދިރި އުޅުއްވުމުގެ ފެންވަރު ބިނާވެފައިވަނީ އެ ބުނާ މުއްސަނދި ގައުމު ތަކުގެ ވެރިންގެ ދިރިއުޅުއްވުމާއި އެއް ފެންފެންވަރުގައި ކަން ހާމަވެފައި ވުމުންނެވެ.
މިކަން ކަން ރަނގަޅު ކުރެވޭނީ ޢާންމު ރައްޔިތުން ހޭލުންތެރި ވެގެންނެވެ. ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ އަށް ނޫނެކޭ ބުނަން ކެރޭ ރައްޔިތުން އުފެދިގެންނެވެ. އަދި ރައްޔިތުންގެ ޙައްގުތަކަށް އަރައި ނުގަންނާނޭ ފަދަ އަމާނާތް ތެރި ތެދުވެރި އިޚުލާޞްތެރި ބޭފުޅުންނާއި ރައްޔިތުންގެ ޖަނާޢީ ހަޔާތް ހިންގަން ހަވާލުކުރަން އެގިގެންނެވެ.
އެއްވެސް މީހެއްގެ ހިތަށް ޙަގީގަތް އަޅައި ދިނުމަކީ އެހެން މީހަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދި އެއްވެސް މީހެއްގެ ހިތަށް އެހެންމީހަކު ޙަގީގަތް އަޅައެއްވެސް ނުދޭނެއެވެ. އެހެން ކަމުން ޙަގީގަތް ހޯދާ ހަގީގަތް ދެނެގަތުމަކީ ރައްޔިތު މީހާގެ އަމިއްލަ މަސައްކަތުން އޭނާ ކުރާން ޖެހޭކަމެކެވެ. އަނެއް ކަމަކީ ރައްޔިތުން އަޅުވެތި ކުރަން ބޭނުންކުރާ އުކުޅެވެ. މީސްތަކުންގެ މައްޗަށް ޑިކްޓޭޓާޝިޕެއް ގާއިމްކޮށް ރައްޔިތުން ކޮންޓްރޯލް ކުރަން ބޭނުންކުރާ އުކުޅަކީ ރައްޔިތުން ނުވިސްނައި ތިބެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަަސަރު އަންނާން އޮތްޖީލުތަކާ ހަމައަށް ފޯރާނޭ ކަމެކެވެ. ޑިކްޓޭޓަރު ރައްޔިތުންނަށް ވިސްނުވައި ދެނީ ހުރިހާކަމެއްގައި ގައުމު ފަހަތަށް ސޮހިގެން ގޮސްފައިވަނީ ރައްޔިތުންގެ ސަބަބުން ކަން ރައްޔިތުން ގަބޫލު ކުރުވައި އެކަން ރަނގަޅު ކޮށްދޭނޭ ލީޑަރަކީ ތިމަންނާކަން އަބަދުމެ ރައްޔިތުންނަށް ދެއްކުމެވެ.
ގައުމެއްގެ ރައްޔިތުން އަޅުވެތި ކުރަން އެންމެ ފަސޭހަ އުކުޅަކީ ވަހުމީ ޢަދުއްވުން އުފެއްދުމެވެ. އެއްގޮތަކީ ޖެހިގެން އޮތް ގަމުމަކީ ތިމަންނާމެންގެ ޢަދާވާތް ތެރިއެެއް ކަން ދައްކަން އުޅުމެވެ. އަނެއްގޮތަކީ އިދިކޮޅު ސިޔާސީ ފަރާތް ތަކަކީ ގައުމާއި ދީނުގެ ޢަދާވާތް ތެރިންކަން ދެއްކުމެވެ. ޑިކްޓޭޓަރުގެ މަގްޞަދަކީ ޢަދާވާތްތެރިޔާގެ ކިބައިން ވަތަނާއި ރައްޔިތުން ސަލާމަތް ކޮށްދޭނޭ މީހާއަކީ ތިމަންނާކަން ރައްޔުތުންނަށް ދައްކައި ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވުމެވެ. މިހެން ވުމުން އިސްވެ ބަޔާންކުރެވުނު ވަހުމީ ޢަދާވާތްތެރިންގެ މައްޗަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ފަސާދަ އުފެދި ގައުމާއި ރައްޔިތުން ސަލާމަތް ކޮށްދޭނޭ މީހާ އަކީ މި ޑިކްޓޭޓަރުކަން ރައްޔިތުންނަށް ގަބޫލު ކުރެވޭ ގޮތް ވުމެވެ.
އެހެން ކަމާއެކު ރައްޔިތުންގެ ތަޢުރީފާއި ސަނާތައް ވަހުމީ ޢަދުއްވުން އުފެއްދި ލީޑަރަށް އޮހެން ފަށައެވެ. ވާނީ ވެސް އެހެންތާއެވެ. ރައްޔިތުންގެ ބޮލަށް ޑިކްޓޭޓަރު ސަވާރުވެއްޖެ ވިއްޔާއެވެ. މިހިސާބުން މިދެންނެވި ލީޑަރަށް ރައްޔިތުން ބައިއަތުހިފައި އޭނާގެ އަޅުވެތިކަމުގެ ދަށުގައި ރައްޔިތުން ކަސްތޮޅު އެޅުވިގެން ދެއެވެ. ދުނިޔޭގެ ތާރީޚު އަޅުގަނޑުމެނަށް ދަސްކޮށްދީފައިވާ ސާފުސީދާ ފިލާވަޅުން އެނގެނީ ޙައްގަކީ ދީ ބަހައި އުޅޭ އެއްޗެއް ނޫން ކަމާއި، ޙައްގަކީ ޙައްގުގެވެރިން ހަނގުރާމަ ކޮށްގެންހޯދާން ޖެހޭ އެއްޗެއް ކަމެވެ. އޭނާ ބުނާނެއެވެ! އެއްވެސް މީހެއްގެ ކިތަންމެ ކުޑަނަމަވެސް ޙައްގަކަށް ތިމާ އަރައިނުގަންނާނޭ ކަމާއި ލިބުނަ ނުދީ ނުހިފަހަށްޓާނޭ ކަމަށް. އަދި އިންސާފު ލަސްވުމަކީ އިންސާފުލިބި ނުދެވުންކަމުގައިވެސް ބުނަމުން ގެންދާނެއެވެ. އެހެނަސް އެހުރިހާ ޙައްގުތަކުން ރައްޔަތުމީހާ މަޙުރޫމް ކޮށްލުވަނީ ހަމަ ސީދާ އެ ޑިކްޓޭޓަރެވެ!
މިކަން ރާއްޖޭ ރައްޔިތުންނަށް ތަޖުތިބާ ކުރެވުނީ ރަންތިރީސް އަހަރުގެ މުއްދަތުގެ ތެރޭގައެވެ. އޭގެ ފަހުން މިއައި ވެރިކަމުގައިވެސް ކަން އޮތީ ހަމައެހެންނޭ ބުނެވިދާއެވެ. ތަފާތުވީ ސޫރައެވެ. ކަން ހިނގަނީ އެއްމަގަކުންނެވެ.
![]()

One Response
ހީކުރެވުނީ ރާއްޖޭގައި މައުމޫނަށް ފަހު ޑިކްޓޭޓަރޝިޕް ޚަތަމްވީ ކަމަށެވެ. ވީ އެހެނެއް ނޫންތާއެވެ.