ގެސްޓްހައުސްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި!

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުުހުން ރޭ ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، 40 އަހަރުގެ ނޭޕާލު ފިރިހެނެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ.

އެ މީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެެއެވެ.

އެގޮތުން އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން ހާމަކޮށް ފުލުހުން ބުނީ، ނިޔާވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން މިކަމުގައި ޤާނޫނީ ގޮތުން ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މީހާގެ ހަށިގަނޑުން މިތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ، އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި، ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފަޔާއެކު ޑޮކްޓަރުން ކަމަށް ފުލުހުން ހާމަކުރިއެވެ.

މީގެ އިތުރުން އޭނާގެ ހަށިގަނޑުގެ ތެރެއިން ޖުމްލަ 78 ބްލެޓް ނަގާފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނަކީ، 818 ގްރާމު ކަމަށް ފުލުހުންވބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ މަޢުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ.

ހަމައެހެންމެ މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށް، މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވަނީ، މިމައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި، މައުލޫމާތު ހާމަކުރާއިރު ތެދު މައުލޫމާތު ޙިއްސާކުރުމަށް ޢިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް